23 May 2024, 09:51
އިނގިރޭސިވިލާތުގެ އާންމު އިންތިޚާބު އަންނަ ޖުލައި ހަތަރުވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ރިޝީ ސުނާކް އިއުލާނުކުރައްވައިފިއެވެ.
ސުނާކު އެގޮތަށް އިއުލާނުކުރެއްވީ ޑައުންނިން ސްޓްރީޓްގައި އާންމުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅެއްގައެވެ.
"މިއަދުގެ ވަގުތެއްގައި މަޖިލިސް އުވާލުމަށް އެދި ރަސްގެފާނު ޗާލްސްއާ ވާހަކަ ދެއްކީ. ރަސްގެފާނު ވަނީ އެގޮތަށް އެއްބަސްވެވަޑައިގެންފައި. އަދި، ޖުލައި މަހުގެ ހަތަރުވަނަ ދުވަހު އާންމު އިންތިޚާބެއް އޮންނާނެ،" ސުނާކް ވިދާޅުވިއެވެ.
އެ އިންތިޚާބު އޮންނަނީ ފިނި ހަނގުރާމަ ނިމުނު ފަހުން ދުނިޔެ ކުރިމަތިލާން ޖެހިފައިވާ އެންމެ ނުރައްކާތެރި ދަނޑިވަޅުގައި ކަމަށް ވެސް ސުނާކް ވިދާޅުވިއެވެ.
ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ވާހަކަ ދައްކަވަމުން ސުނާކް ވިދާޅުވީ އެ އިންތިޚާބުގައި އިނގިރޭސިވިލާތުން އިހުތިޔާރުކުރަން ޖެހޭނީ ގައުމަށް ރަނގަޅު މުސްތަގުބަލެއް ކަށަވަރު ކުރުމަށް ބޭނުންވާ ޕްލޭން އޮތް ކެރިގެން ފިޔަވަޅު އަޅަން ތައްޔާރަށް ހުރި ބޭފުޅެއް ކަމަށެވެ.
އިދިކޮޅު ލޭބާ ޕާޓީއަކީ އެއްވެސް ޕްލޭނެއް ނެތް ބައެއް ކަމަށާއި، އެ ޕާޓީން ވާދަކުރައްވާ ކޭއާ ސްޓާމާއަކީ ވެރިކަން ހޯއްދެވުމަށް ކޮންމެ ކަމެއް ވެސް ކުރައްވާފާނެ ބޭފުޅެއް ކަމަށް ވިދާޅުވެ، ސުނާކު ވަނީ އިދިކޮޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ވާހަކަފުޅު ނިންމަވައިލައްވަމުން ސުނާކް ވަނީ "ކޮންމެ ވޯޓަކަށް ވެސް ހަނގުރާމަ ކުރައްވާނެ" ކަމަށް ވިދާޅުވެފައެވެ. އަދި، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އާންމުންގެ އިތުބާރު ހޯއްދަވާނެ ކަމަށް ވައުދުވެވަޑައިގެންފައިވެއެވެ.