23 May 2024, 07:46
ފިލްމު "ސްތުރީ" އަދި "ބޭޅިޔާ"ފަދަ ހެއްވާ މަޖާ ބިރުވެރި ފިލްމުތައް ގެނެސްދިން ކުންފުނި މެޑްޑޮކް ފިލްމްސްއިން މުޅީން ތަފާތު ޓެކްނިކެއް ބޭނުންކޮށްގެން އުފައްދާފައިވާ ފިލްމު "މުންޖިޔާ"ގެ ޓީޒާ އާއްމުންނަށް ދައްކާލައިފިއެވެ.
ދިނޭޝް ވީޖަންގެ މި ބިރުވެރި ފިލްމުގައި ހިމެނޭ މައިގަނޑު ކެރެކްޓާއަކީ ސީޖީއައި ޓެކްނިކް ބޭނުންކޮށްގެން އުފައްދާފައިވާ ބިރުވެރި ކެރެކްޓައެކެވެ. ކޮމްޕިއުޓަ-އިން ޖެނެރޭޓްކޮށް އުފައްދާފައިވާ ހުވަފެނީ މި ކެރެކްޓާ ތައާރަފުކުރުމާ އެކު މެޑްޑޮކް ފިލްމްސްއިން ބެލުންތެރިންގެ ސަމާލުކަން ހޯދައި ޝައުގުވެރިކުރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.
މީގެ ކުރިން ދިނޭޝް ގެނެސްދިން ބިރުވެރި ފިލްމުތަކުގައި ބިރުވެރި ކެރެކްޓާއިން މުޅިން ވެސް ފެނިފައިވަނީ ފިލްމީ ތަރިންނެވެ. ނަމަވެސް ސީޖީއައި ކެރެކްޓާއެއް އުފައްދާ ހިމެނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ބެލުންތެރިންގެ ޝައުގުވެރިކަން ވީހާވެސް ބޮޑަށް ފިލްމަށް ގެނައުމަށް ކަމަށާއި މިއީ މިފަދަ ކެރެކްޓާއެއް ހިންދީ ފިލްމަކުން ތައާރަފުކުރި ފުރަތަމަ ފިލްމު ކަމަށް މެޑްޑޮކްއިން ވަނީ ބުނެފައެވެ.

މެޑްޑޮކް ފިލްމްސްގެ "ސްތުރީ"ގެ ޕޯސްޓަރެއް--ފޮޓޯ/ޕިންކްވިލާ
ބިރުވެރި ދުނިޔެއެއްގެ ތެރެއަށް ބެލުންތެރިން ގެންގޮސްދޭ "މުންޖިޔާ"އިން ފެންނާނެ އިތުރު ތަރިންގެ ތެރޭ ބަތަލާ ޝަރުވަރީ ވާގް، މޯނާ ސިންގް، އަބޭ ވަރުމާ އަދި ސަތިޔަ ރާޖް ހިމެނެއެވެ.
މި ފިލްމު ސިނަމާތަކަށް ދޫކޮށްލަން ނިންމާފައިވަނީ ކުރިއަށް އޮތް ޖޫން މަހުގެ ހަތްވަނަ ދުވަހުއެވެ. މެޑްޑޮކް ފިލްމްސްއިން މި އަހަރު ރިލީޒްކުރާނެ ފިލްމުތައް އިއުލާނުކޮށްފައިވާއިރު 2018 ވަނަ ގެނެސްދިން "ސްތުރީ"ގެ ދެވަނަ ބައި މި އަހަރުގެ އޮގަސްޓް މަހު ރިލީޒްކުރާނެކަން ވަނީ އިއުލާނުކޮށްފައެވެ.