13 Jun 2012, 17:18
އަންނަ ހޮނިހިރު ދުވަހު ޖުމްހޫރީ ޕާޓީ އިން ބާއްވާ ހާއްސަ ޖަލްސާއެއްގައި ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.
ޖުމްހޫރީ ޕާޓީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރެޖިސްޓްރާ ޖެނެރަލް މުހަންމަދު އިމްތިޔާޒު (އިންތި) ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ގިނަ މެންބަރުންތަކެއް ޖުމްހޫރީ ޕާޓިއާ ގުޅިވަޑައިގަތުމަށް ބޭނުންފުޅު ކަމަށާއި އޭގެ ތެރެއިން ބައެއް މެންބަރުން މިއަންނަ ހޮނިހިރު ދުވަހު އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ.
\\\"އަދި އަޅުގަނޑު ދައްނަވާކަށް ނެތިން ގުޅެނީ ކިތައްމެންބަރުނެއް ކަމެއް. އަދި އެއީ ކޮން ޕާޓީއެއްގެ މެންބަރު ނެއްކަމެއް ވެސް. އަޅުގަނޑުމެންގެ ލީޑަރު ބޭނުން ވަނީ އެއްފަހަރާ ބައިވަރު މެންބަރުން ގުޅުމުގެ ބަދަލުގައި ފަހަރަކު ބޭފުޅެއް ނުވަތަ ދެ ބޭފުޅެއް ގުޅެން،\\\" އިންތި ވިދާޅުވި އެވެ.
އަދި ވިދާޅުވީ ހަމަ އެ ޖަލްސާގައި ގިނަ އަދަދެއްގެ ފިލްމީ ފަންނާނުންނާއި ސިޔާސީ ޕާޓީތަކުގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުން ޖުމްހޫރީ ޕާޓީއާ ގުޅޭނެ ކަމަށާއި މިހާރު ވެސް ދުވާލެއްގެ މައްޗަށް ސަތޭކައަށް ވުރެ ގިނަ މީހުން ގުޅެމުންގެންދާ ކަމަށެވެ.
އިންތި ވިދާޅުވީ މިއަދު ވެސް 1000 އަށް ވުރެ ގިނަ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.