"ދުނިޔޭގެ ހުރިހާ ކަމެއް ދޫކޮށް އެކަނިހުރެ ކޮންމެ ދުވަހަކުވެސް ވަގުތުކޮޅެއް ތިބާ ހެއްދެވި ފަރާތާއި އެކު ހޭދަކޮށްލާށެވެ."

***

ތިބުނީ....ނަބިއްތަގެ ހާލު މެހެކް އަށް ނުފެނޭތަ؟ރުޤްޔާ އަކީ ޤުރުއާން ކިޔަވައިލުމެއް ނު....ކޮބާ އެއިން ލިބޭ ފަރުވާ އަކީ....ބޭސް ވެރިކަމަކީ ހަރާން ކަމަކީ ތަ؟" ނާޝިދު ރުންކުރު ކަމާއެކު ޖަވާބު ދިނެވެ.

"ﷲ ތައާލާ ގުރުއާނުގެ އިސްރާ ސޫރަތުގައި ވަހީ ކުރައްވާފައިވަނީ وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا
ތިމަންރަސްކަލާނގެ ޤުރްއާނުން މުއުމިނުންނަށް ރަޙްމަތާއި، ޝިފާކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ ޤުރްއާނުން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުއްޓެވެ. ހުޝަލް ގެ އަޑު އިވުނެވެ. " އަދި ގަބޫލުކުރަން...ބޭސްކުރުމަކީ ހަރާންކަމެއްނޫން..............."

ހުޝަލް ގެ ޖަވާބުން ނާޝީދު އިނީ ލަދުގެންފައެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. މީކާއިލް ވެސް ފަހަތުގައި ހުރެ ހުޝަލް އަށް ބަލާލީ ވަރަށް ފަޚުރުވެރިކަމާއެކުއެވެ. މެހެކް ގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

***

މާޒިމްގެ ހިތް ރޭހެއް ޖަހައިލިހެން ހީވިއެވެ. ނިތްކުރިން ފިނި ދަލެއް ހިއްލައިލިއެވެ. އެއާއެކު އޭނަގެ ޟަމީރު ބުނެދިނެވެ. ފުން ނޭވާއެއްލާށެވެ. އަމިއްލަ ނަފުސް ހަމަޔަކަށް އަޅުވައިލަން އެކަކުން ފެށިގެން ހަތަރަކާއި ހަމަޔަށް ގުނަަން ފަށާށެވެ. ހުރިހާ ކަމެއް ހަމަޔަކަށް އެޅި ހިތާއި ނަފުސަށް ހަމަޖެހުން ލިބިދާނެއެވެ. ފަހެއް ކިޔުމުގެ ކުރިން އުސް ފަރުބަދައެއްފަދަ ތަނަކުން ކޮށްޕައިލެވުނުފަދަ އިހުސާސެއް ކުރެވުނެވެ. ކަންބޮޑުވެ ހާސްވުމާއެކު ލޯ ހުޅުވައިލިއިރު ލޯ މައްޗަށް ތަސައްވަރު ކުރެވުނީ ދަންނަ މޫނެކެވެ. އުރޫޖު؟ އެންމެ ކުރިން ހީކުރެވުނީ އެހެންނެވެ. ނޫނެކެވެ. އުރޫޖެއްނޫނެވެ. ކުށްހީއެއް ކުރެވުނީއެވެ. އެ އަންހެނާ އޭނައާއި ދިމާލަށް އަންނަންފެށުމުން ރޭކާލީ އުރޫޖަށްވުރެ އެމީހާ އެތައް ތަނެއް ދިގުވެފައި އިސްތަށިގަނޑުވެސް ކުރުކަމެވެ. އެ އަންހެނާގެ ނަޒަރު ހުއްޓިފައިވަނީ މާ ދުރަށެވެ.

ކުއްލިއަކަށް އެއީ ކާކުކަން ދެނެގަނެވުނެވެ.

"ނާވިއްތަ؟" މާޒިމް ލޯ ބޮޑުކޮށްފައި އޭނަގެ ބޮޑުދައިތައަށް ގޮވައިލިއެވެ. އޭނަގެ އަޑަށް ނާވިޔާގެ ނަޒަރު އޭނައާއި ދިމާލަށް ދަތުރުކުރިއެވެ. ހުރިހާ ސަމާލުކަމެއް މާޒިމްއަށް ހުއްޓުނެވެ. ނާވިޔާ އޭނައަށް ހިތާމަވެރި ހިނިތުންވުމެއް ދިންތަނާހެން ފަހަތުން އައި މީހެއްގެ އެކަތަފަދަ ވަރުގަދަ އަތުން މާޒިމްގެ ކަރުގައި ހިފާ ވާންކޮށްލިއެވެ. އެއާއެކު ފަހަތަށް ދަމައިގަތެވެ. ނުރައްކަލުގެ ރަގަބީލު ޖެހުމާއެކު އޭނަގެ ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ. މާޒިމް ބޮޑުދައިތަ ނާވިޔާ ހުރި ދިމާލަށް ބަލައިލިއިރު ފެނުނީ ފަހަތުގައި މަންމަ ނަބީލާ ހުރިތަނެވެ. މަންމަގެ އަތުގައި އޮތް މަސްދަތް ފިޔޮހީގެ މިޔައިގެ ތޫނުކަމުން ފަނޑު އަލިކަމުގެ ތެރެއިންވެސް ވިދައެވެ. ފިޔޮހީގައި ހިފަހައްޓާފައި ހުރިލެއް ބާރުކަމުން މަންމަގެ އަތުގެ ހުޅުތައްވަނީ ހުދުވެފައެވެ. އޭނަ ނާވިޔާގެ ކަރާއި ދިމާލަށް ވަޅި އުފުލައިލަމުން ބިރުވެރިގޮތަކަށް ހީލިއެވެ.

މާޒިމް ބޮޑުދައިތަ ނާވިޔާއަށް ނުރައްކާވެފައިވާވަރު އަންގަންވެގެން ހަޅޭއްލަވަން މަސައްކަތްކުރިޔަސް އަޑު ބޭރެއްނުވިއެވެ. ނާވިޔާ ހުރިތާގައި ގުޑިވެސް ނުލާ ހުއްޓާ އެހިތާވެރި ހިނިތުން ފަނޑުވެ ލޮލަށް ހުސްކަން ވެރިވިއެވެ. އެރީތި ދެލޮލުގެ ނޫރު ކެނޑުނެވެެ. އެއާއެކު އޭނައަށް ފެނުނީ ނާވިޔާގެ ކަނދުރާއިން ހޯސްލާފައި އޮހިގަތް ލޭތަކެވެ. ކަނދުރާ ކައިރީގައި އެއްޗެއް ގޮއްވާލެވުނުފަދައެވެ.

"މާޒިމް އާ ޔޫ އޯކޭ؟" ކުއްލިއަކަށް އޭނަގެ ކަންފަތުގައި ޖެހުނީ ހިތަށް ފިނިކަން ގެނެސްދޭފަދަ ފޮނި އަޑެކެވެ. އުރޫޖްގެ އަޑެވެ. އޭނަ އެއްޗެކޭ ބުނަން މަސައްކަތް ކުރިއެވެ. ނަމަވެސް ދޫ ހަރަކާތެއް ނުކުރިއެވެ. ހިތުގެ ވިންދު އެހާ ހަލުތްވެ. ލޯ ހުޅުވަން އުޅުމުން އެކަމަށްވެސް ނުކުޅެދުނެވެ. ނޫނީ އޭނަ އަށް ދެންމެ ފެނުނު ކަންތައްގަނޑަށްފަހު އުރޫޖްއާއި ކުރިމަތިލާން ބޭނުން ނުވަނީ ހެއްޔެވެ؟ އެއް ހުވަފެނެއް ތަކުރާރުކޮށް ފެންނަތާ ދުވަސްކޮޅެއްވެއްޖެއެވެ. ކޮންމެ ފަހަރަކުވެސް އޭނަގެ ލޮލުގެ ކުރިމަތީގައި ނާވިޔާ މަރައިލެވެނީއެވެ. ނާވިޔާގެ ދައްތަގެ ދެއަތުންނެވެ. އަމިއްލަ ނަފުސް އެއްބަސްވާން ބޭނުންނުވިޔަސް އެއީ މާނައެއްނެތް ހުވަފެނެއް ނޫނެވެ. ކޮންމެވެސް ނޭގޭ ކަންތައްތަކެއް އެބަވެއެވެ. އެކަމާއިމެދު ޝައްކެއްނެތެވެ.

ފިނިމޫސުމްގެ ގަދަ ފިނިން ސަލާމަތް ވެވޭވަރަށް ހީޓަރުގެ ހޫނުކަން ހުއްޓަސް އޭނައަށް ހޫނުވާންފެށީ އާދަޔާ ޚިލާފަށެވެ. އޭނަ ހުންއައީބާވައެވެ. ގައިގާ ނުރިއްސާ އެންމެ ތަންކޮޅެއްވެސް ނެތެވެ. އަދި ލޮލަށް ނުފެންނަ އަތަކުން އޭނަގެ ހިތަށް ފިތަމުންދާހެން ހީވިއެވެ. އެހުރިހާ އުދަގޫތަކެއްގައި ގެނބެމުން ދަނިކޮށް އުރުޖުވާން އޭނަގެ ނިތްކުރީގައި ފޮތިކޮޅެއް ތެންމާލާފައި ޖެއްސިކަން އިހުސާސްވިއެވެ. ހޫނުކަމުން ސަލާމަތްވެ އަރާމުވިއެވެ. އެގޮތުގައި ވަގުތުތަކެއް ވީފަހުން އުރުޖުވާން އެތަނުން ދިޔައީކަމުގައި ހީކުރެވުނުތަނާ މަގަތުގައި އިށީންކަން އެނގުނެވެ. ގުރުއާން ކިޔަވަން ފެށީ ރީތި ރާގަކަށެވެ. ދޭތެރެއަކުން އެގޮތަށް ގުރުއާން ކިޔެވުމުގައި އުރުޖުވާން އިންއިރު ގަޑިން ވީއިރަކާއިމެދުވެސް ވިސްނުނެވެ. އެންމެ ފަހުން އުރުޖުވާން ކިޔަވަމުން ދިޔައީ ފާތިހާ އަދި ފަލަގުނާސް ސޫރަތެވެ.

ގުރުއާނަކީ ﷲގެ ވަހީބަސްފުޅުކަމުގައި ވެފައި އެއީ އިންސާނާގެ ހިތްތަކުގެ ބަލިމަޑުކަމުގެ ޝިފާއެއްކަމުގައިވެސް ލެއްވިއެވެ. މާޒިމްގެ ހިތާއި ނަފުސަށް މަޑުމޮޅިކަމާއި އަމާންކަން ލިބުނެވެ. އެ ބިރުވެރި ހުވަފެންތަކުން ކުރި އަސަރުތައް ކެނޑި އަރާމްކޮށްލަން ބޭނުންވިއެވެ. ނިދެމުންދަނިކޮށް އެއްލި ކަޅިއަކުން ފެނުނީ އޭނަގެ އަންހެނުން ނަމާދުގައި ހުއްޓައެވެ. އެކަންވެސް ބަޔާން ނުކުރެވޭފަދަ ތަސައްލީއެއް ހިތަށް ލިބުނެވެ. އުރުޖުވާން ތަހައްޖުދު ނަމާދުގައި ހުރިއިރު އޭނަވެސް ބޭނުންވީ ބައިވެރިވުމަށެވެ. އެކަމަކު އޭނަގެ ހަށިގަނޑު އެކަމަށް ތަބާނުވެ ނިދީގެ އާލަމަށް ދަތުރުކުރަން ބާރުއެޅިއެވެ. ކުށްވެރި އިހުސާސެއްވާން އުޅެފައިވެސް އެކަމަށް ޣާފިލުވެ ހަވާނަފުސަށް ހެއްލުނެވެ. ހުރިހާ ކަމަކަށްވުރެ މުހިއްމުވީ ނިދީގެ އަރާމެވެ.

***

ޒެލްޑާ މާޒިމްގެ ދެމަފިރިން އޭނަގެ މުސްކުޅި މަންމަ ސަންދްރާއާއި ބައްދަލުކުރުވަން ގެންދިޔަ އެވެ. އެއީވެސް ދާދި ގާތުގައި ހުރި ގެއެކެވެ. އެގަޑީގައި ކޮންމެވެސް ވަރަކަށް ދުންފިނީގެ އަސަރުވެސް ހުރުމުން ދުރުފެންނަލެއް ތަންކޮޅެއް ކުޑައެވެ. ގޭތެރެއަށް ވަނުމާއެކު މަރުހަބާ ކީ އަރާމު ހޫނުކަމާއި ކޮފީގެ މީރުވަހެވެ. ޒެލްޑާއާއި ފިރިމީހާ އަދި އާއިލާގެ ފޮޓޯތަކުން ޓީވީ ރެކް ފުރާލާފައިވިއެވެ. ބޮޑުކޮށް ހުރި ފޮޓޯއިން ސަންދްރާގެ ލޮލުގެ ރީތިކަން ފައުޅުވެއެވެ. ނޫކުލައިގެ ޖަވާހިރެއްފަދަ ވިދާ ލޮލުގައި ހިނިތުންވުމެވެ. ލޯމައްޗަށް ބުމަ ވެއްޓިފައިވިޔަސް ލޮލުގައި ހުރި ޖާދުވީކަން އަދިވެސް މުޅިން ފަނޑުވެގެނެއް ނުދެއެވެ. ސަންދްރާ އެންމެނަށް ޕާނާއި ސްވިސް ޗީޒާއެކު ހޫނު ބުއިންތައް ގެނެސްދިނެވެ. ސްވިސް މީހުން އާއްމުކޮށް ޕާނާއި ޗީޒްގެ ބާވަތްތައް ކެއުމުގައި ބޭނުންކުރާކަން އުރުޖުވާންއަށް ފާހަގަވިއެވެ. އެންމެން އެކީގައި ކާން އިށީދެފައި ސާންދްރާ ގެ ނަޒަރު އުރުޖުވާންއަށް ހުއްޓުނެވެ. ރަގަޅަށް ނުފެނުމާ ހަނދާނުގެ މައްސަލަތައް ހުރުމުން އުރުޖުވާންއަކީ ކާކުކަން ދެނެގަންނަން އުދަގޫވިފަދައެވެ. ކުއްލިއަކަށް އެ ލޮލުން ޝައުގުވެެރިކަމުގެ ވިދުވަރު ފެނުނެވެ.

"އިޒް ދެޓް ޔޫ މައި ޑިއަރ؟" ސަންދްރާ އަހައިލީ ޔަގީންކަމެއް ނެތިފައެވެ.

އުރުޖުވާންގެ ހިނިތުންވުން އިރުގެ ދޯދިތައް ފަދައެވެ. ހޫނުކަަމާއިއެކު ހިތްތަކަށް އުފާވެރިކަން ގެނެސްދޭ ވަސީލަތެކެވެ.

"ލައްބަ މާމަ..މިއީ އަޅުގަނޑު....ލިޒް..މާމައާއެކު ވަގުތު ހޭދަކޮށްލަން މިއައީ...." އުރުޖުވާން އެ ޟައީފް އަތްތިލައިގާ ހިފެހެއްޓުމާއެކު އެހެން ދިމާލަކަށް އޭނަ ގެންދާން ސިކުނޑި މަސައްކަތްކުރިއެވެ. އެއީވެސް މިހެން ރޫޖެހިފައިވާ އަތްތިލައެކެވެ. އޯގާތެރި އަތުގެ ހިމާޔަތެވެ. އަބަދަށްޓަކާ ވަކިވެގެން ދިޔައީއެވެ. އުރުޖުވާން ފެންކަޅިވާން އުޅުނެވެ. ނަމަވެސް ވަގުތުން ޟަމީރު ހަނދާންކޮށްދިނީ އެއީ ވަގުތީ ވަކިވުމެއް ކަމެވެ. ކެތްތެރިވެ ކޮންމެ ހާލެއްގައިވެސް ﷲއަށް ހަމްދުކުރަން މާމަ ކުރި ވަސިއްޔަތެވެ. "މާމައަށް ހަދިޔާއެއްވެސް ގެނައިން......"

ޒެލްޑާ އޮޅުން ފިލުވާދީފައިވާތީ ސަންދްރާގެ ސިކުނޑި ދޭތެރެއަކުން މާޒީގައި ހިފެހެއްޓިފައިވާކަން އޭނައަށްވެސް އެނގުނެވެ. ސާންދްރާ ލަސްލަހުން ބޯ ޖަހައިލުމާއެކު ރޫޖެހިފައިވާ މޫނަށް އުފާވެރިކަމުގެ ކުލަވަރު ވެރިވިއެވެ.

"އޯ ލިޒް މާމަގެ ލޯބިވާ ދަރި، މާމަ ގާތަށް އައީތީ ވަރަށް އުފާކޮށްފިން....."އޭނަގެ އަޑު ޖަޒުބާތުން ފޯވިއެވެ. މާމައަށް އެރި އޮޅުން އެނގި އިތުރަށް ހިތް މަޑުވާގޮތްވިއެވެ. އެ އުމުރަށް ދިޔުމުން ކިހާ މައުސޫމްވެފައި ބަލިކަށިހެއްޔެވެ؟އިންސާނާގެ ފެށުމާއި ނިމުމުގައިވެސް އެއްގޮތް ސިފަތަކެއް ލައްވާފައިވަނީއެވެ. ހަނދާންނެތުމުގެ މައްސަލަ ޖެހިފައިވާ މީހުންނަށް ހަގީގަތް ބުނެދޭން އުޅުމަކީ ނަފްސާނީގޮތުން އެންމެ ރަގަޅުގޮތެއް ނޫނެވެ. އެކަން އެނގިފައިވާތީ އުރުޖުވާންވެސް ނިންމީ ލިޒްކަމަށް ހެދި ކުރިއަށް ގެންދިއުމަށެވެ. ސަބަބަކީ ސާންދްރާގެ ދުނިޔޭގައި ހަނދާންތައް ވަނީ ވަގުތާއި މާޒީ އެކުވެލާމެހިފައެވެ. މާޒިމް ތައާރަފުކޮށްދިނުމުން މާމަ މައްސަލަ ޖެއްސިއެވެ.

"މާމަ ގާތުގައި ނުބުނެ ކަނބުލޮ މީހަކާއި އިނީ؟ހިތް ހަލާކުވެއްޖެ"

"ރާއްޖޭގައި....."އުރުޖުވާން އަށް ބުނެވުނެވެ.

"އަދި މިކޮޅުގައި ޕާޓީއެއް ބާއްވާނީ މަންމާ.."ޒެލްޑާ އަވަސްއަވަހަށް ބުނެލިއެވެ.

"ވަރަށް މިސްވި އޭ މާމަ...."އުރުޖުވާން އޯގާތެރިގޮތަކަށް ބުނެލިއިރު ލޯ ކަރުނުން ތެމުނެވެ. އޭނަގެ މާމަގެ ހަނދާންތައް ރޮއްވައިލީއެވެ. ޒެލްޑާއާއި މާޒިމް އެކި ވާހަކަތަކުގައި ތިބިއިރު ސަންދްރާ އުރުޖުވާންއާއި ހިއްސާކުރީ މާޒީގެ އުފާވެރި ހަނދާންތަކެވެ. ތަފާތު ހާދިސާތަކާއި ލޯބީގެ ފަސާނާތަކުގެ އުފާވެރި ހަނދާންތަކުން ލޯ ވިދަމުން ދިޔައިރު މާޒީގައި އުޅެވޭފަދައެވެ. އުރުޖުވާން ފަރުވާތެރިކަމާއެކު އަޑުއަހަން އިނީ އެއިން ކޮންމެ ލަފުޒެއް ހިތުގައި ރައްކާކުރަމުންނެވެ. ސާންދްރާއާއި މާމަ ދަރިފުޅުގެ ލޯބި ރީތި ގުޅުން އެގޮތަށް އެނގުނުކަަމާއިމެދު ޝުކުރުކުރިއެވެ. އޭނައާއި ސާންދްރާގެ ހަގީގީ ގުޅުމަކީ އެއީ ނޫންކަމަށް ވިޔަސް އެ ވަގުތު އެހެން ހީކޮށްފައިވެސް ހިތަށް ހަމަޖެހުން ހޯދިއެވެ. އަބަދު މާމަ މަތިން ހަދާންވެ، ގާތުގައި ހުރުމަށް އެދެވެމުން އައި ހަލާކުވެފައިވާ ހިތަށް ލިބުނު ވަގުތީ ތަސައްލީއަކަށްވިއެވެ.

***

މާޒިމްއާއި އުރުޖުވާން ހިނގަމުން ދިޔައިރު ސްނޯ ފޭބުން ހުއްޓާލާ ފަޒާ އިތުރަށް ފިނިވެލައިފިއެވެ. އުރުޖުވާން ރޫރޫ އަޅަންފެށީ ގަދަ ވަޔަށް ހުށަހެޅިފައިވާ ޚަރީފު ފަތެއް ހެންނެވެ. މާޒިމްގެ އަތުގައި ހިފަހައްޓާލައިގެން ހުރެ ކުރިއަށް ދިޔައިރު ނޭވާ ހުއްޓޭހެންވެސް ހީވިއެވެ. ފިންޏަށްވުރެވެސް ބޮޑަށް މަންޒަރުގެ ހުވަފެނީކަމާއި ފުރިހަމަކަމާއި މެދު އާޝޯޚުވެގެންނެވެ. އެހާވެސް މަންޒަރު ފުރިހަމައެވެ. ލުސާންގެ ކޮންމެ ދިމާލަކަށް ބެލިޔަސް ފެންނަނީ ވިލާތަކާއި ވާދަކުރާ އުސް ފަރުބަދަތަކެވެ. ސްނޯގެ ބޯ ފަށަލައިން ފޮރުވިފައިވާ ގެތަކާއި އިމާރާތްތައް އަދި ކޯރުތަކުގެ ތެރޭގައި ހަރުލާފައިވާ ގަނޑުފެންތަކުގެ ސަބަބުން ޝަހަރުގެ ސާފުކަމާއި އިތުރުކޮށްދެއެވެ. އެފަދަ ކޮންމެ ކަމަކުން ދައްކުވައިދެނީ ޚާލިގުވަންތަ ﷲގެ ކުޅަދުންވަންތަކަމެވެ. ކޮންމެ އެއްޗެއް އެފަރާތަށް ތަސްބީހަ ކިޔާހިނދު ގިނަފަހަރު އިންސާނާވަނީ އެކަންތައް ހަދާން ނައްތާލާފައެވެ. ބައެއްމީހުން ހެއްދެވި ފަރާތެއްވާކަމަށް ގަބޫލުކުރަންވެސް ދެކޮޅު ހަދަނީއެވެ. އުރުޖުވާން ބަލައިލާ ކޮންމެ ދިމާލަކުން ފެންނަ ކޮންމެ އެއްޗަކުންވެސް ހަދާންކޮށްދެނީ އެފަރާތެވެ.

މާޒިމް ރަގަޅަށް ނުނިދާ ހުރުމުގެ ސަބަބުން ތަބީއަތު އެހާ ރަގަޅެއް ނޫނެވެ. އޭނަ ކަންނެތްކަމާއެކު ބެންޗަކަށް ވެއްޓިގަތުމުން އުރުޖުވާން ފޯނު ހިފައިގެން ދުރަށް ހިނގައިގަތީ ފޮޓޯތައް ނެގުމަށެވެ.

"މާޒިމްއަށް ކިހިނެއްވީ؟ހުން އައީމަ މޫޑީ ވެފައި ކަން ނޭގޭ.."އުރުޖުވާން ހިތާހިތުން ކިޔައިލިއެވެ.

ސްނޯމަތީގައި ހަރުލާފައިވާ ފިޔަވަޅުތަކާއި ސްނޯ އެންޖެލްއެއް ހަދަން ތިބި ކުދިންނާއި ގަނޑުފެން ހަރުލާފައިވާ ކޯރުގެ ފޮޓޯތައް ކެމެރާގައި ރައްކާކުރަން އުރުޖުވާން އަަވަދިނެތި އުޅުނެވެ.

މާޒިމްގެ ގާތުގައި އިށީދެލީ އުރުޖުވާން ކަމަށް ހީކުރެވުނަސް އެއީ ކުށްހީއެކެވެ.

"ހެލޯ..ފޫހިވެފައި ދޯ......." ފަރަހް ގެ ތޫނު އަޑެވެ."އެހެންވެސް ވާނެއްނު..."

***

މަދީނާ ލެޕް ހުޅުވާލައިގެން އިނދެ ބަލަމުން ދިޔައީ ބޭރުގެ މަންޒަރެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ބަގީޗާތެރެއިން އާދަމްގެ އުދަގުލާއި ކުރިމަތިވީފަހުން އޭނަގެ ސިކުނޑީގައި ބިރުވެރިކަން އުފެދި މީހުންނަށް އިތުބާރުކުރުން އުދަގޫކަމަކަށް ވިއެވެ. އުވައިސް ފިޔަވައެވެ. އޭނަގެ ޚަބަރެއް ނުވާތީ ނިންޖާއި ހުރިހާ އުފާތަކެއް އޭނައާއި ވަކިވެފައިވާކަމުގެ އިހުސާސްވެސް ވެއެވެ. ކުއްލިއަކަށް މައިދޮރުގައި ވަރުގަދަ އަތަކުން ޓަކިޖެހި އަޑު ކޮޓަރިތެރޭގައިވި ހިމޭންކަން މުގުރާލައިފިއެވެ. އަޖައިބުވީ އެއްވެސް މީހަކު ކެމެރާއަށް އަރާފައި ނެތުމުންނެވެ. ދެވަނަފަހަރު ކުރިއަށްވުރެ ވެސް ބާރަށެވެ. ތަންކޮޅެއް ދެރަވަރު ވަކަރުން ހަދާފައި ހުރިނަމަ ލުއްސާލައިގެން ދާވަރުގެ ގޮށްމުށުގެ އެތިފަހަރެކެވެ. ނަމަވެސް އެ ހައިވަކަރު ދޮރަށް އެކަމުގެ އަސަރެއް ނުކުރިއެވެ.އެއާއެކު މަތާރަންފިލާމަތީގައި އިން ޓެޑީ ބެއާ އުއްޑުން ވެއްޓުނުގޮތަށް އޮވެފައި އޭނައަށް ކަޅިއަޅައިލިހެން ހީވިއެވެ. މަދީނާގެ މުޅި ހަށިގަނޑުގައި ފިނީގެ ރާޅެއް ދަތުރުކޮށްލިއެވެ.

"ކުޑަބޭ....."އޭނަ އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ.

"ކިހިނެއްވީ؟"ކެނާންގެ އަޑު އިވުނީ ފަހަތުންނެވެ. އޭނަ ގެ އަތުގައި ހުރީ އާވި އަަރަ އަރާ ހުރި ކޮފީތަށްޓެކެވެ.

"މީހަކު.....މްމމް....ޓަކިދިންހެން ހީވީ....އެކަމަކު ރޭ ނުނިދާ ހުރީމަ ހެލުސިނޭޓްވީކަން ނޭގޭ...ކެމެރާ ޗެކްކޮށްލިއިރު އެއްވެސް ކަމެއްނެތް...."މަދީނާ ހަމަޖެހެން މަސައްކަތްކުރިއެވެ.

"ވިންޑީ ވީމަ ކަން ނޭގޭ...އެއޮތް ވައިގަދަވީނު..."ކެނާން ކުޑަދޮރުގެ ފޮތިތައް ކަހައިލިއިރު ވިއްސާރަކަމުގެ ކޮޅެއްނެތެވެ.

"ކުޑަބެ ކިޔާދީބަލަ މަރުވީމަ ވާނެގޮތް...."

"ވަޅުލާނީނު...."

"އެހެނެއްނޫން. ފްރެންޑެއް އެހީމަ ދޭނެ ޖަވާބެއް ނޭގުނު...އޭނަގެ މާމަ ނިޔާވިފަހުން މަންމަ ޑިޕްރެޝަނުގައި އުޅޭކަމަށްވަނީ...މަންމަ އެކަމާއި މާ ބޮޑަށް ވިސްނަނީޔޯ. މަންމަ ބުނާގޮތުން އެ މާމަވީ ބަރްޒަޚު އާލަމުގައި....ކޮބާތަ އާލަމަކީ؟ ޕެރެލެލް ޔުނިވާސްއެއްތަ؟ ނޫނީ އެހެން ގެލެކްސީއެއްގައި؟ ބޮޑީ އަދި ހަލާކުވިޔަސް ފުރާނަތައް ކޮންމެވެސް ތަނެއްގައި ވާކަމަށް ފްރެންޑްބުނީ. އޭނަ ބުނި އެއްޗެއް އެނގޭތަ؟" މަދީނާ ބޭނުންވީ އެހެން މައުޟޫއަކަށް ވާހަކަ ގެންދިޔުމަށެވެ.

ނުނިމޭ