ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ބޭނުންވާ ފޮތްތައް ރަށްރަށަށް ބެހުމުގައި އެހީވާން މިއަދު ފުލުހުން ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ރަށްރަށަށް ފޮތްތައް ފޯރުކޮށްދިނުުމުގައި ފުލުހުންގެ ކިބައިން އެހީތެރިކަމަށް އެދުމުން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މިއަދު އެ މަސައްކަތް ފަށާފައެވެ.

މިކަމުގައި ފުލުހުންގެ އެހީތެރިކަމަށް އެދުނީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ކަނޑުތައް ގަދަވުމާ ގުޅިގެން ރަށްރަށަށް ބޭނުންވާ ސާމާނު ނުފޮނުވިދާނެތީ ކަމަށް މިނިސްޓްރީއިން ބުންޏެވެ.

ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ބޭނުންވާ ފޮތްތައް ރަށްރަށަށް ގެންދިއުމުގެ މަސައްކަތް ފުލުހުން ފެށުން--- ފޮޓޯ: ޕޮލިސް

ދިރާސީ އަހަރުގެ ކިޔެވުން ފެއްޓުމަށް ރަށްރަށަށް ފޮތްތައް ފޯރުކޮށްދިނުމުގައި މީގެ ކުރިންވެސް ފުލުހުންނާއި އެމްޓީސީސީން އެހީތެރިކަން ލިބޭކަން އެޑިއުކޭޝަން މިނިސްޓްރީއިން ފާހަގަކުރިއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭނީ އަންނަ އާދީއްތަ ދުވަހުއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ކަނޑުތައް ގަދަވާތީ ކަމާބެހޭ އިދާރާތަކުން ވަނީ އެކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.