22 May 2024, 16:06
ފުލުހުން ތަހުގީގުކުރަމުން އަންނަ މަކަރާއި ހީލަތުގެ މައްސަލައެއްގައި އަނެއްކާ ވެސް މީހަކު ހޯދަން މިއަދު އިއުލާނުކޮށްފިއެވެ.
މަކަރާއި ހީލަތުގެ ގިނަ މައްސަލަތަކެއްގައި ގިނަ ބަޔަކު ހޯދަން މީގެ ކުރިން ވެސް ފުލުހުން ވަނީ އިއުލާނުކޮށްފައެވެ.
ފުލުހުން ބުނީ، ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން އަންނަ މަކަރާއި ހީލަތުގެ މައްސަލައެއްގައި ހޯދަމުން އަންނަނީ އުމުރުން 51 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެއީ، ޢަބްދުﷲ ނިޔާޒް (ގ. މުޖުމަރާގެ) އެވެ.
ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ އުޅޭ ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުކުރަން ޗިޓު ރައްދުކުރެވިފައިނުވާ ކަމަށެވެ.
އެހެންވެ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން އާދީއްތަ ދުވަހުގެ ކުރިން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވުމަށް އޭނާއަށް ވަނީ އަންގައިފައެވެ.
މި ފަހަކަށް އައިސް މަކަރާއި ހީލަތް ހެދުން ވަނީ އިތުރުވެފައެވެ. އެގޮތުން، މީގެ ތިން ދުވަސް ކުރިން ވެސް މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގައި މީހަކު ހޯދަން ވަނީ އިއުލާނުކޮށްފައެވެ
ފުލުހުން މީގެ ކުރިން ހާމަކުރި ގޮތުގައި 2022 ވަނަ އަހަރު ސްކޭމްގެ 1،081 މައްސަލަ ރިކޯޑު ކުރެވިފައިވާއިރު މިދިޔަ އަހަރު ރިކޯޑު ކުރެވިފައިވަނީ 971 މައްސަލައެވެ. ނަމަވެސް، ސްކޭމްތަކުގައިވީ ފައިސާގެ ގެއްލުމުގެ އަދަދު 2022ވަނަ އަހަރަށް ވުރެ 2023 ގައި ވަނީ ބޮޑުވެފައެވެ.
މި އަހަރު ވެސް ބޮޑެތި އަދަދުތަކަކުން ސްކޭމްކުރި މައްސަލަތަކެއް ފެންމަތިވެފައިވެއެވެ.