22 May 2024, 16:12
އޮސްލޯ (22 މޭ 2024) : ޔޫރަޕްގެ ތިން ގައުމު ކަމަށްވާ ސްޕެއިން، ނޯވޭ އަދި އަޔަލޭންޑުން ފަލަސްތީނަކީ މިނިވަން މުސްތަގިއްލު ދައުލަތެއްކަމަށް އިއުތިރާފު ވެއްޖެއެވެ.
މިއާއެކު މިތިން ގައުމުންވަނީ އެހެން މުސްތަގިއްލު ގައުމުތަކެކޭ އެއްގޮތަށް ފަލަސްތީނާއެކު އެންބަސީއާއި ސަފީރުންގެ ފެންވަރުގައި ޑިޕްލޮމެޓިކް މުއާމަލާތްތައް ކުރާނެކަންވެސް ހާމަކޮށްފައެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތަށް އިއުތިރާފުވިކަން އިއުލާނު ކުރައްވަމުން ނޯވޭގެ ބޮޑުވަޒީރު އެސެޕެން ބާތް އެއިޑް ވިދާޅުވީ ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށްގެން މެނުވީ ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް ހައްލެއް ނުގެނެވޭނެކަމުގައެވެ. ބާރުގެ ބޭނުންކޮށް ފަލަސްތީނު މީހުންނަށް އަނިޔާކޮށްގެން ނޫނީ ފަލަސްތީނުގެ ވަކި ޖަމާއަތެއް ނައްތާލައިގެން އިސްރާއީލަށް އަމާންކަން ނުލިބޭނެކަމަށާއި އިސްރާއީލަށްވެސް ދައުލަތެއްގެ ގޮތުގައި ދެމިއޮވެވޭނީ އަދި އަމާންކަން ލިބޭނީ ފަލަސްތީނުގެ ހިފާފައިވާ ބިންތަކުން ފާބައި އެބިންތަކުގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމް ކުރުމުގެ ފުރުސަތު ދީގެން ކަމުގައެވެ.
އިސްރާއީލަކީ ފަލަސްތީނު ނައްތާލައި ފަލަސްތީނު ރައްޔިތުން އަޅުންގެ ގޮތުގައި ހަދަން މަސައްކަތްކުރާ އަނިޔާވެރި އިސްތިއުމާރީ އެންޓިޓީއެކެވެ. އިސްރާއީލު ގެންދަނީ ފަލަސްތީނުގެ މިނިވަންކަން ނައްތާލުމަށް ޓެރަރިޒަމްގެ އުސޫލުތައް ބޭނުންކޮށްގެން ލޭއޮހޮރުވުންބޮޑު ލާއިންސާނީ ހަނގުރާމައެއް ފަލަސްތީނާ ދެކޮޅަށް ކުރަމުންނެވެ. ދެ ދައުލަތުގެ ހައްލަކީވެސް އިސްރާއީލު ގަބޫލުކުރާ އެއްޗެއް ނޫނެވެ.

ހަނގުރާމައިގެ މުޖްރިމެއް ކަމަށް ތުހުމަތު ކުރެވޭ އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ނަތަންޔާހޫ
ފަލަސްތީނުގެ މިނިވަން ދައުލަތަށް އިއުތިރާފުވާކަން އިއުލާނު ކުރައްވަމުން އަޔަލެންޑްގެ ބޮޑުވަޒީރު ސައިމޮން ހެރިސް ވިދާޅުވީ އެގައުމުން ފަލަސްތީނަކީ މިނިވަން މުސްތަގިއްލު ދައުލަތެއްކަމަށް ރަސްމީކޮށް އިއުތިރާފްވެފައިވާ ކަމަށާ އެކަން އިސްރާއީލަށާއި ފަލަސްތީނަށް އަންގާފައިވާނެ ކަމުގައެވެ. ނަމަވެސް މިނިންމުން ތަންފީޒު ކުުރުމަށާއި މިނިންމުމާ އެއްގޮތަށް ފަލަސްތީނާއެކު ސަފީރުންގެ ލެވެލްގައި ޑިޕްލޮމެޓިކް ގުޅުންތައް ގާއިމްކުރުމަށް އަދި ދެތިން ހަތަރު ހަފްތާ ނަގާނެކަމަށް އޭނާ ވިދާޅުވިއެވެ.
ހެރިސް ވިދާޅުވިގޮތުގައި އިސްރާއީލުން ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ޖާގަދިންނަމަ މިހާރު އެކުރާ ހަނގުރާމަ ކުރަން ނުޖެހުނީހެވެ. އިސްރާއީލަށާއި ފަލަސްތީނަށްވެސް އަމާންކަން ލިބުނީހެވެ. ދެފަރާތުން އެއްބަޔަކު އަނެއްބަޔަކު މަރަން ނުޖެހުނީހެވެ. އިސްރާއީލަށްވެސް އަދި ފަލަސްތީނުގެ ރައްޔިތުންނަށްވެސް އަމާންކަމާއި ރައްކާތެރިކަން ލިބޭނީ އިސްރާއީލުން ދެ ދައުލަތުގެ ހައްލު ގަބޫލުކޮށް ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ޖާގަދީގެންކަމަށް އަޔަލޭންޑްގެ ބޮޑުވަޒީރު ވިދާޅުވިއެވެ.
ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ އޭނާގެ ގައުމުވެސްވަނީ މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީނަށް އިއުތިރާފުވުމަށް މުޅިން ނިންމާފައި ކަމުގައެވެ. ނަމަވެސް މިކަން ރަސްމީކޮށް އިއުލާނު ކުރާނީ މިމަހުގެ 28 ވަނަ ދުވަހު ކަމަށް ސަންޗޭޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ސްޕެއިނުންވަނީ ފަލަސްތީނާއެކު އެންބަސީއާއި ސަފީރުންގެ ލެވެލްގައި ގުޅުންތައް ގާއިމްކުރުމަށްވެސް ނިންމާފައެވެ. މިމަހުގެ 28 އަށްފަހު އެކަންކުރިޔަށް ދާނެއެވެ.
ސަންޗޭޒް ވިދާޅުވިގޮތުގައި އިސްރާއީލެކޭ އެއްގޮތަށް ފަލަސްތީނަށްވެސް މިނިވަން ދައުލަތެއްގެ ހައްގު ލިބެންޖެއެވެ. މިހައްގަށް އިސްރާއީލު އިއުތިރާފު ނުވާހާ ހިނދަކު އިސްރާއީލަށް އަމާންކަން ނުލިބޭނެއެވެ. ބާރުގެ ބޭނުންކޮށްގެން ފަލަސްތީނުގެ މިނިވަންކަމުގެ ފިކުރު ނައްތައި ނުލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފަލަސްތީނުގެ މިނިވަންކަމުގެ ހަރަކާތްތައްވެސް ބާރުގެ ބޭނުންކޮށްގެން ނުހުއްޓުވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މިތިން ގައުމުގެ އިތުރުން ދުނިޔޭގެ 140 ގައުމަކުންވަނީ ފަލަސްތީނުގެ މިނިވަން ދައުލަތަށް އިއުތިރާފުވެފައެވެ. އޭގެތެރޭގައި ރަޝިއާ އާއި ޗައިނާ ފަދަ ދުނިޔޭގެ ބޮޑެތި ބާރުތަކާއި އިންޑިއާއާއި ބްރަޒީލް ފަދަ ސަރަހައްދީ ބާރުތައްވެސް ހިމެނެއެވެ.
ޔޫރަޕްގެ އިތުރު ދެ ގައުމު ކަމަށްވާ ސްލޮވީނިއާ އާއި މޯލްޓާވެސް ދާދިއަވަހަށް ފަލަސްތީނަކީ މިނިވަން ދައުލަތެއްކަމަށް އިއުތިރާފުވާނެކަން އެ ދެ ގައުމުން ވަނީ ހާމަކޮށްފައެވެ. މީގެ ކުރިން ޔޫރަޕްގެ އަށް ގައުމަކުންވަނީ ފަލަސްތީނުގެ މިނިވަން ދައުލަތަށް އިއުތިރާފުވެފައެވެ. އެއީ ބަލްގޭރިޔާ، ޗެކް ރިޕަބްލިކް، ރޮމޭނިއާ، ހަންގެރީ، ސްވިޑެން، ސޮލޮވޭކިޔާ، ޕޮލެންޑް އަދި ސައިފްރަސް އެވެ.
ސްޕެއިން، ނޯވޭ އަދި އަޔަލޭންޑުން ފަލަސްތީނަކީ މިނިވަން މުސްތަގިއްލު ދައުލަތެއްކަމަށް އިއުތިރާފުވުމުން ފަލަސްތީނުގެ ވެރިކަމުގެ އިދާރާއިން ވަނީ އެ ކަމަށް މަރުޙަބާ ކިޔާފައެވެ. ފަލަސްތީނުން ވަނީ މިއީ އިސްރާއީލުގެ ހަރުކަށި ވެރިންނަށާއި އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރަށް ވާގިވެރިވާ ގައުމުތަކަށް ލިބިގެންދާނެ ވަރުގަދަ މެސެޖަކަށް ވެގެންދާނެ ކަމުގައެވެ.
އިސްރާއީލުން ވަނީ ސްޕެއިން، ނޯވޭ އަދި އަޔަލޭންޑުގެ މިނިންމުމަކީ ފަލަސްތީނުގެ "ޓެރަރިސްޓުންނަށް" ދޭ ހިއްވަރެއްކަމަށް ސިފަކޮށް އެކަމާމެދު ހިތާމަކުރާ ކަމަށް ބުނެފައެވެ. އިސްރާއީލާއި އިސްރާއީލުގެ ޓެރަރިސްޓް ހަރަކާތްތަކަށް ވާގިވެރިވާ އެމެރިކާއިން ފަލަސްތީނުގެ މިނިވަންކަމަށް ކުރާ ޖިހާދު ސިފަކުރަނީ ޓެރަރިޒަމްގެ ގޮތުގައެވެ.
އިސްރާއީލުގެ ޚާރިޖިއްޔާއިންވަނީ ރުޅިވެރިކަން ފާޅުކޮށް މި ތިންގައުމުގައި ތިބޭ އިސްރާއީލުގެ ސަފީރު އަނބުރައި ގައުމަށް ގެނައުމަށް ނިންމާފައެވެ.