22 May 2024, 14:27
ޗެމްޕިއަންސް ލީގު ބަލައިލުމުގެ ފުރުސަތު ލިބި އެ ލީގުގެ ޕްލެޔާ މަސްކޮޓު ކަން ލިބުނު ފަރާތް ބީއެމްއެލުން މިއަދު އިއުލާނު ކޮށްފިއެވެ.
މި އިނާމު ލިބުނީ އައްޑޫ ސިޓީ، މަރަދޫ، ހުސްނޫވިލާ، މުޙައްމަދު މުހުދިންއަށެވެ. އަދި ފައިނަލް މެޗުގެ ޕްލެޔާ މަސްކޮޓަކަށް ވެ ދަނޑަށް އެރުމުގެ ފުރުސަތު ލިބުނީ މުހުދިންގެ ކޮއްކޮ އިބްރާހިމް ޒާއިން ޒިޔާދަށެވެ.
މި އިނާމާއެކު މުހުދިން އާއި ޒާއިނަށް ހުރިހާ ޚަރަދަކާއެކު ލަންޑަންގައި ހަތަރު ދުވަހަށް ހުރުމުގެ ފުރުސަތު ލިބޭނެއެވެ.
އެގޮތުން ލަންޑަން ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން، ޔޫއެފާ ޗެމްޕިއަންސް ލީގް ފައިނަލް މެޗުގެ ދެކޮޅު ޓިކެޓް، ޕޮކެޓް މަނީ އަދި ވެލްކަމް ގިފްޓެއް ދިނުމަށްވަނީ ހަމަޖެހިފައި ކަމަށް، ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލުން ބުނީ މި ޕްރޮމޯޝަން ކުރިއަށް ދިޔައީ މާސްޓާކާޑުގެ ޑެބިޓް އާއި ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނިގެން ކަމަށެެވެ.
މާސްޓާކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ. ބީއެމްއެލުން ބުނީ އެ ބޭންކަކީ ރާއްޖޭގައި މާސްޓާކާޑުގެ ޕްރިންސިޕަލް މެންބަރެއް ކަމަށެވެ. ބީއެމްއެލްއިން މިހާރުވެސް އަންނަނީ ރާއްޖޭގައި މާސްޓާކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.