އެމީހަކަށް ލިބޭ އާމްދަނީއާ ނުބައްދަލު އަދަދަށް އެ މީހެއްގެ އަތުގައި ފައިސާ ހުރެއްޖެ ނަމަ އޭނާގެ މައްޗަށް ކޮރަޕްޝަނުގެ މައްސަލައެއް ސާބިތުވުމުގެ ކުރީން ވެސް އޭނާ އެ ފައިސާ ހޯދާފައި ވަނީ ކިހިނެއްތޯ ސުވާލު ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަންސް ކޮމިޝަން( އޭސީސީ) އިން ބުނެފި އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގާނޫނު މިހާރު އޮތް ގޮތުން ކޮރަޕްޝަނުގެ ތުހުމަތެއް ނުވަތަ ވައްކަމުގެ ތުހުމަތެއް ކުރެވިއްޖެ ނަމަ ފުރަތަމަ ޖެހެނީ އެ މީހެއްގެ މައްޗަށް އެކުށެއް ސާބިތުވާން ކަމަށާއި އޭގެ ކުރިން އެ މީހެއްގެ އަތުގައި ނާޖާއިޒު ގޮތުގައި ހޯދައިފާއިވާ ކަމަށް ޝައްކު ކުރެވޭ މުދަލަކީ ކިހިނެއް ހޯދާފައިވާ މުދަލެއްތޯ ދައުލަތަށް ސުވާލު ކުރެވެން ނޯންނަ ކަމަށެވެ.

ނަމަވެސް ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނަށް ގެންނަން ކަނޑައަޅާފައިވާ އިސްލާހާ އެކު މީހެއްގެ އާމްދަނީއާ ނުބައްދަލު އަދަދަކަށް އެ މީހަކު ކުރާ ފައިސާގެ މުއާމަލާތްތަކާ ބެހޭ ގޮތުން އެ މީހަކު ޖަވާބު ދާރީވާން ޖެހޭނެ ކަމަށް ލުތުފީ ވިދާޅުވި އެވެ.

\"ކުއްލިއަކަށް މީހުން މުއްސަނދިވެގެންދާ ދިއުން މިހާރު މި އިންނަނީ ދައުލަތަށް އެކަން ސާބިތުކޮށްދޭން ޕްރޫފް ކޮށްދޭން. އެ ބަދަލުވާ ގޮތަށް މި އިންނަން ޖެހެނީ. އެމީހާ އަށް އެ ޖެހޭނެ އެމީހާ މުއްސަނދިވީ އެމީހާ އަށް ލިބުނު ހަލާލު ފައިސާ އިން ކަން އެމީހާ ސާބޮތިކޮށްދޭން ޖެހޭ ގޮތަށް ބަދަލުވެގެން ދިއުން އެއީ ވެސް އަހަރަމެން ބޭނުންވާ ކަމެއް،\" ލުތުފީ ވިދާޅުވި އެވެ.

މީގެ އިތުރުން ލުތުފީ ވިދާޅުވީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް ކޮރަޕްޝަން ހުއްޓުވުމާ ބެހޭ ގާނޫނުގައި މީހެއްގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތައް ސާބިތު ނުވި ނަމަވެސް އެމީހެއްގެ މުދާ އިތުރުވެގެން ދިޔަ ގޮތް ޝަރުއީ މަރުހަލާގައި ކިޔައިދޭން ޖެހޭނެ ކަމަށް އޮންނަ ކަމަށެވެ.

އަދި ރާއްޖޭގެ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގައި އެފަދަ މާއްދާއެއް ނެތުމުން ކޮރަޕްޝަން ހުއްޓުވުމަށް ކުރާ މަސައްކަތްތަކަށް ހުރަސްތަކެއް ހުރިކަމަށް އޭނާ ވިދާޅުވި އެވެ.

\"މި ރާއްޖޭގައި އޮންނަ ގޮތުން ނަމަ އަޅުގަނޑުމެނަށް (ކޮރަޕްޝަނުގެ މައްސަލަތައް) ސާބިތުކުރަން އުނދަގޫވަނީ. މިހާރު މި އޮންނަނީ ފުރަތަމަ ކުށް ސާބިތުކޮށްދޭން ދައުލަތަށް. އޭގެ ފަހުގައި އެއީ ކުށުގެ ވެށިން ހޯދާފައިވާ އެއްޗެއް ކަން ސާބިތުކޮށްދޭން. އޭގެ ބަދަލުގައި އެމީހާ އެބަޖެހޭ އެއީ އޭނާ ހަލާލު ގޮތުގައި ހޯދާފައިވާ އެއްޗެއްކަން ސާބިތުކޮށްދޭން،\" ލުތުފީ ވިދާޅުވި އެވެ.

ނަމަވެސް ގާނޫނަށް އިސްލާހު ހުށަހެޅޭ ވަރުވާނީ ކޮން އިރަކުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.