އޮސްލޯ (22 މޭ 2024) : ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ އިންސާނިއްޔާތާ ޚިލާފު ޖަރީމާތަކާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ނެރެފިނަމަ އޭނާ ހައްޔަރުކުރަން ފަސްނުޖެހޭނެކަމަށް ޔޫރަޕްގެ ގައުމެއްކަމަށްވާ ނޯވޭއިން ބުނެފިއެވެ.

ނޯވޭގެ ޚާރިޖީ ވަޒީރު އެސެޕެން ބާތް އެއިޑް ވިދާޅުވިގޮތުގައި ޣައްޒާގެ އާންމުން މެރުމާއި ނަސްލު ނައްތާލުމާ އަދި ޣައްޒާގެ އާންމުން ބަނޑަށް ޖެއްސުމުގެ ތުހުމަތު ނަތަންޔަހޫއާއި އޭނާގެ ދިފާއީ ވަޒީރުގެ މައްޗަށް ބައިނަލްއަގްވާމީ ކޯޓުން ކޮށްފައިވާއިރު އެކަމަށް ނޯވޭ އިހުތިރާމް ކުރާނެއެވެ. އަދި ބައިނަލްއަގްވާމީ ކޯޓުގެ ފަނޑިޔާރުން އެފަދަ އަމުރެއް ނެރެފިނަމަ ތަންޔާހޫ އާއި އިސްރާއީލުގެ ދިފާއީ ވަޒީރު ހައްޔަރުކުރުމަށް ނޯވޭ މަސައްކަތްކުރާނެއެވެ.

ނޯވޭގެ ޚާރިޖީ ވަޒީރު އެސެޕެން ބާތު އެއިޑް

ނަމަވެސް ނޯވޭގެ ޚާރިޖީ ވަޒީރު ވިދާޅުވިގޮތުގައި އަމުރެއް ނެރެފި ހާލަތެއްގައި ނަތަންޔާހޫއާއި އޭނާގެ ދިފާއީ ވަޒީރު ހައްޔަރު ކުރެވޭނީ އެދެމީހުން ނޯވޭއަށް އައިސްފި ހާލަތެއްގައެވެ. ނޫނީ ނޯވޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދަކަށް އެ ދެ މީހުން އައިސްފި ހާލަތެއްގައެވެ.

ނޯވޭން މިހެން ބުނިއިރު ޔޫރަޕްގެ އެހެން ގައުމެއްކަމަށްވާ ބެލްޖިޔަމް އިންވެސް ވަނީ ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފި ހާލަތެއްގައި އޭނާ ހައްޔަރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރާނެކަމަށް އިޝާރާތްކޮށް ބަޔާނެއް ދީފައެވެ.

ބެލްޖިޔަމްގެ ޚާރިޖީ ވަޒީރާ ޙުއްޖާ ލަޙްބީބު ވިދާޅުވިގޮތުގައި އިސްރާއީލުގެ އިސްވެރިން ހައްޔަރުކުރުމުގެ އަމުރަކަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓާ އެދިވަޑައިގެންފައިވާ މައްސަލައަށް ބެލްޖިޔަމުން އިހުތިރާމު ކުރާނެއެވެ. އަދި އެފަދަ އަމުރެއް އެ ކޯޓުގެ ފަނޑިޔާރުން ނެރެފި ހާލަތެއްގައި އެ އަމުރު ތަންފީޒުކުރުމަށް އަދާކުރަންޖެހޭ ޒިންމާއެއް އޮތްހާލަތެއްގައި ބެލްޖިޔަމުން އެ ޒިންމާ އަދާކުރާނެއެވެ.

ނޯވޭއާއި ޖެބްލިޔަމުން މިހެން ބުނެފައިވާއިރު އެމެރިކާއާއި އިނގިރޭސިވިލާތާ އަދި ޔޫރަޕްގެ ގައުމެއްކަމަށްވާ އޮސްޓްރިޔާއިން ވަނީ މި މައްސަލާގައި ބައިނަލްއަގްވާމީ ކޯޓަށް ގޮންޖަހައި އެ ކޯޓަށް ނުކިޔަމަންތެރިކަން ދައްކާފައެވެ. އަދި އެމެރިކާގެ ކޮންގްރެސްގައި ހިމެނޭ ހަރުކަށި ފިކުރުގެ ބައެއް މެންބަރުންވަނީ އިސްރާއީލުގެ ވެރިން ހައްޔަރުކުރުމުގެ އަމުރެއް ނެރުމަށް އެދިފައިވާތީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓަރަށް ބިރުދައްކައި އޭނާއަށް އިންޒާރު ދީ އެކޯޓުގެ ނިންމުންތަކަށް "އަތްބާނައި ނުފޫޒު ފޯރުވާނެ" ކަމުގެ އިންޒާރުތައް ދީފައެވެ.

އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން އޭނާ ހައްޔަރުކުރަން އުޅުނަސް އެކަން ނުކުރެވޭނެކަމަށާއި އޭނާ ބޭނުންގައުމަކަށް ގޮސް މިނިވަންކަމާއެކު ބޭނުންގޮތަކަށް އުޅޭނެކަމަށް ބުނެ އެ ކޯޓަށް ގޮންޖަހައި ވާހަކަ ދައްކަވާފައެވެ. އަދި އިސްރާއީލުގެ ވެރިއަކު ހައްޔަރުކުރަން ކެރޭނެ އެއްވެސް ގައުމެއް ނޯންނާނެކަމަށްވެސް ނަތަންޔާހޫ ވިދާޅުވެފައިވެއެވެ.

ނަތަންޔާހޫ ވަނީ އިސްރާއީލަކީ އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާ އަދި އާންމުން މެރުމުގެ އެއްވެސް އަމަލެއް ނުހިންގާ ޑިމޮކްރަސީގެ މަތިވެރި އުސޫލުގައި މެދުއިރުމަތީގައި އޮތް ހަމައެކަނި ގައުމުކަމަށް ސިފަކުރައްވައިފައެވެ. އަދި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތަކީ ގާތިލުންގެ ބައިގަނޑެއްކަމަށާ އަދި އެއީ ޓެރަރިސްޓް ޖަމާއަތެއްކަމަށްވެސް ނަތަންޔާހޫ ވިދާޅުވެފައިވެއެވެ.

ބެލްޖިޔަމްގެ ޚާރިޖީ ވަޒީރާ ޙުއްޖާ ލަޙްބީބު

ނަމަވެސް އެމެރިކާއާއި އިނގިރޭސިވިލާތްފަދަ އިސްރާއީލުގެ ޓެރަރިޒަމަށް ވާގިވެރިވާ މަދު ގައުމަކުން ނޫނީ އިސްރާއީލާމެދު މިހާރު ދެކެނީ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ ފަލަސްތީނުގެ ރައްޔިތުން ގަދަބާރުން އަޅުވެތިކޮށްގެން އުޅޭ އަނިޔާވެރި އިސްތިއުމާރީ ބާރެއްގެ ގޮތުގައެވެ. އަދި ފަލަސްތީނުގެ މިނިވަންކަން ދިނުމާ ފާޅުގައި ދެކޮޅު ހަދައި މިނިވަންކަމަށް މަސައްކަތްކޮށް ފަލަސްތީނުގެ އާންމުން މަރައި އެމީހުންގެ ނަސްލު ނައްތާލަން މަސައްކަތްކުރާ މުޖުރިމު ގައުމެއްގެ ގޮތުގައެވެ.

އަނެއްކޮޅުން އީރާން ފަދަ ގައުމުތަކުން އިސްރާއީލު ސިފަކުރަނީ ނައްތާލަންޖެހޭ ކެންސަރު ސެލްއެއްގެ ގޮތުގައެވެ. ބްރަޒީލާއި ނިކަރާގުއާ އަދި ތުރުކީއާއި ވެނެޒުއެލާއާއި ދެކުނު އެފްރިކާ ފަދަ ގައުމުތަކުން އިސްރާއީލު ސިފަކުރަނީ ހިޓްލަރު ވެރިކަންކުރި ނާޒީ ޖަރުމަނު ފަދަ ދުނިޔޭގެ ސުލްހައަށް ނުރައްކާތެރި އަނިޔާވެރި ގައުމެއްގެ ގޮތުގައެވެ.

އިސްރާއީލަކީ ފަލަސްތީނުގެ ނަސްލު ނައްތާލަން މަސައްކަތްކުރާ ގައުމެއްކަމުގެ ދައުވާވެސް ބައިނަލްއަގްވާމީ އިންސާފުގެ ކޯޓަށް ދެކުނު އެފްރިކާއިން ވަނީ ހުށަހަޅާފައެވެ.