22 May 2024, 11:47
ސޫރިއާގެ ރައީސް ބައްޝާރުލް އަސަދުގެ އަނބިކަބަލުން އަސްމާ އަލް އަސަދަށް ލޫކީމިއާ ޖެހިފައިވާ ކަމަށް އަސަދުގެ އޮފީހުން ބުނެފިއެވެ.
އަސްމާއަށް ލޫކީމިއާ ޖެހިފައިވާ ކަމަށް އިއުލާނުކޮށްފައި ވަނީ އުރަމަތީގެ ކެންސަރަށް ފަރުވާ ހޯއްދެވުމަށްފަހު ރަގަޅުވިކަން އިއުލާނުކުރިތާ ފަސް އަހަރު ފަހުންނެވެ.
ސޫރިއާގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ރަސްމީ ބަޔާނުގައި ބުނެފައި ވަނީ ލޫކީމިއާގެ ސަބަބުން އުމުރުން 48 އަހަރުގެ އަސްމާ ދެން ހުންނާނީ އެކަހެރިވެވަޑައިގެންނެވެ. އެގޮތުން އާންމުންނާ ބައްދަލުކުރުންވެސް މިވަގުތަށް މެދުކަނޑަލައިފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
އިނގިރޭސިވިލާތަށް އުފަން ކުރީގެ އިންވެސްޓްމަންޓް ބޭންކަރު އަސްމާ ވަނީ 2011 ވަނަ އަހަރު ސޫރިއާގައި ދާޚިލީ ހަނގުރާމަ ފެށިފަހުން ޗެރިޓީ މަސައްކަތުގައި އިސްކޮށް އުޅުއްވުމާއި، ހަނގުރާމައިގައި މަރުވި ސިފައިންގެ އާއިލާތަކާ ބައްދަލުކުރުމުގެ މަސައްކަތްވެސް ކުރައްވައިފައެވެ. އެކަމަނާއަކީ ސޫރިއާގެ އިދިކޮޅު ޖަމާއަތްތަކުން ނަފްރަތުކުރާ މީހެކެވެ.
ސޫރިއާ ޓްރަސްޓް ފޯ ޑިވެލޮޕްމަންޓް އެންޖީއޯ ވެސް ހިންގަވަނީ އަސްމާއެވެ.
އަސްމާ ވަނީ މިދިޔަ އަހަރު އަސަދު އާއެކު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އަށް ކުރެއްވި ދަތުރުފުޅެއްގައި ބައިވެރިވެވަޑައިގެންފައެވެ. އެ ދަތުރުފުޅަކީ 2011 ވަނަ އަހަރަށް ފަހު އަސަދާއެކު ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ދަތުރުފުޅުގައި އެމިރޭޓްގެ ރައީސްގެ މަންމަ ޝެއިޚާ ފާތިމަތު ބިންތު މުބާރަކާ އަސްމާއާ ވަނީ ބައްދަލުކުރައްވައިފައެވެ.