13 Jun 2012, 16:24
އޭޝިޔާގެ އަދީބުންގެ ތެރެއިން އަދަބިއްޔާތުގެ ރޮނގުން އެންމެ ފުރަތަމައަށް ނޯބެލް އިނާމު ހާސިލު ކުރެއްވި އަދީބު ރަބިންދްރަނާތު ޓޭގޯރްގެ ހަނދާންތައް އާ ކުރުމުގެ ގޮތުން ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ އޮރިއެންޓަލް ސޮސައިޓީ ފޯ ލިޓްރޭޗާ އިން ޓޭގޯރް ދުވަސް ފާހަގަކޮށްފި އެވެ.
އިއްޔެ އަމީނިއްޔާ ސްކޫލުގައި މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދެއްކެވި ބޭފުޅުންގެ ވާހަކައިގައި ރަބިންދްރަނާތު ޓޭގޯރް ގެ ހުނަރުތަކާއި ހިދުމަތްތަކުގެ ވާހަކައިގެ އިތުރުން ދެކުނު އޭޝިޔާގެ ސަރަހައްދީ ބަސްތައް ހިމާޔަތް ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.
ޖަލްސާގައި އިންޑިޔާ އާއި ބަންގްލާދޭޝާ، ދެ ގައުމުގެ ގައުމީ ސަލާމް ހެއްދެވި ޝާއިރު، ޓޭގޯރް ގެ 151 ވަނަ އުފަންދުވަހާ ގުޅިގެން ބޭއްވި މި ޙަފްލާގައި އިންޑިޔާގެ ހައިކޮމިޝަނަ ޏާނޭޝްވަރު މުލޭ އާއި އިންޑިޔާގެ ރީޖަނަލް ސެންޓަ ފޯ ޕްރިޒަވޭޝަން އެންޑް އެންހޭންސްމެންޓް އޮފް ރީޖަނަލް ލެންގްއޭޖަސް ނުވަތަ ބާޝާ ފައުންޑޭޝަންގެ ރައީސް މިސިޒް ސްވާތީ ރާޖޭ ބައިވެރިވެ ވަޑައިގެންނެވި އެވެ.
ރަސްމިއްޔާތުގައި އިންޑިޔާގެ ހައިކޮމިޝަނަރު ވިދާޅުވީ ދިވެހި ބަހަކީ ދިވެހީންގެ އަމިއްލަވަންތަކަމުގެ ރަމްޒު ކަމަށާއި ދިވެހީންގެ އަމިއްލަވަންތަކަން ދެމެހެއްޓޭނީ ދިވެހި ބަހަށް ދެވޭ ސަމާލުކަން އިތުރުކޮށްގެން ކަމަށެވެ.
ބާޝާ ފައުންޑޭޝަންގެ ރައީސް ސްވާތީ ރާޖޭގެ ވާހަކައިގައި ދުނިޔެއިން މިހާރު ނެތެމުންދާ ޖަނަވާރުތައް ހިމާޔަތް ކުރުމަށް ތަފާތު ޖަމިއްޔާ ޖަމާއަތްތަކުން ކުރާ މަސައްކަތަށް އިޝާރާތް ކުރައްވަމުން، އިންސާނީ މުޖުތަމައުތަކުގެ އައިޑެންޓިޓީ ކަމުގައިވާ، ތަފާތު ބަސްތައް ނެތިގެން ދިޔަ ނުދީ ހިމާޔަތް ކުރުމަކީ ވެސް މުހިންމުކަމެއް ކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި ބަހެއް ނެތިގެން ހިނގައްޖެ ނަމަ އެ ނެތިގެން ދަނީ އިންސާނީ ހަލޯރަތުގެ ވަރަށް ބޮޑު ހަޒާނާއެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ރަބިންދްރަނާތޫ ޓޭގޯރަށް ނޯބެލްގެ އިނާމު ލިބިވަޑައިގަތީ 1913 ވަނަ އަހަރު އެވެ. އެއީ ޔޫރަޕަށް ނިސްބަތް ނުވާ މީހަކަށް މި އިނާމު ލިބުނު ފުރަތަމަ ފަރާތް ވެސް މެއެވެ. ޓޭގޯރަށް އަދަބިއްޔާތުގެ ރޮނގުން ނޯބެލް އިނާމު ލިބިވަޑައިގަތީ އޭނާގެ އަމިއްލަ މާދަރީ ބަސް ކަމުގައިވާ ބަންގާޅު ބަހަށް ކުރެއްވި އަދަބީ ހިދުމަތްތަކުގެ ސަބަބުންނެވެ.