13 Jun 2012, 15:42
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ވެސް ކޯރަމް ގެއްލި، ކޯރަމް ރަނގަބީލް ޖެހުމަށް ފަހު ވެސް މަޖިލިހުގެ ތަޅުމަށް މެންބަރުން ވަޑައިނުހަތުމުން އެންމެ ފަހުން ޖަލްސާ ހުއްޓާލައިފި އެވެ.
މަޖިލިހުގެ ޖަލްސާ ކޯރަމް ގެއްލި މެންބަރުން ހަމަނުވެގެން ޖަލްސާ ހުއްޓާލުމުގެ ކުރިން މެންބަރުން ބަހުސް ކުރަމުން ދިޔައީ މޯލްޑިވްސް މީޑިޔާ ކައުންސިލްގެ 2010 ވަނަ އަހަރުގެ އޯޑިޓް ރިޕޯޓް މާލިއްޔަތު ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓާ ގުޅޭ ގޮތުންނެވެ.
މިއަދުގެ ރިޕޯޓިން މަރުހަލަގެ ބަހުސްކުރިއަށް ދިޔަ އިރު މާލިއްޔަތު ކޮމިޓީގެ ރިޕޯޓްގައި މީޑިޔާ ކައުންސިލް އުވާލުމަށް ދީފައިވާ ލަފަޔާ ގުޅޭ ގޮތުން މަޖިލިހުގެ ތަޅަމުގައި ވަނީ ހޫނު ބަހުސްތަކެއް ކޮށްފަ އެވެ.
މަޖިލިހުގެ މިއަދުގެ ރިޔާސަތުގައި އިންނެވި އަހުމަދު ނާޒިމް ވިދާޅުވީ ކޯރަމް ގެއްލުމާ އެކު އިތުރަށް މެންބަރުން މަޖިލިހުގެ މާލަމަށް ވަދެވަޑިގެންނަވާތޯ ކޯރަމް ރަނގަބީލު ޖެހުމަށް ފަހު ވެސް ކޯރަމް ނުލިބުމުގެ ސަބަބަން ޖަލްސާ ނިންމަވަލީ ކަމަށެވެ.
މިއަދު އެޖެންޑާ ކޮށްފައިވާ ކަންކަމުގެ ތެރޭގައި އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް އަލީ ހުށައެޅުއްވި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މެންބަރުން ވާހަކަ ދެއްކެވިއިރު ވެސް ދޭތެރެ ދޭތެރެއިން އިން ދިޔައީ ކޯރަމް ގެއްލެމުންނެވެ.
އިއްޔެގެ މަޖިލިހުގެ ޖަލްސާ ހަތް ފަހަރު ކޯރަމް ގެއްލިފައިވާ އިރު، އިއްޔެ ޖަލްސާ ވެސް ނިންމާލާފައި ވަނީ ކޯރަމް ހަމަނުވުމުގެ ސަބަބުންނެވެ. މަޖިލިހުގެ 77 މެންބަރުން ތިއްބަވާއިރު 20 މެންބަރަކު ޖަލްސާ އަށް ވަޑައިގެންފި ނަމަ ކޯރަމް ހަމަވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ކޮމެޓީ އެލަވަންސް މަހަކު 20،000 އާ އެކު މަހަކު 82500ރ. ލިބިވަޑައިގަންނަވަ އެވެ.