ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކޮންމެހެން މޮޅުވާން ޖެހޭ މެޗަކަށް ޖަރުމަނާ ދެކޮޅަށް ނުކުންނައިރު ހޮލެންޑް ޓީމުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ކުޅުންތެރިން ބުނަން ފަށައިފި އެވެ.

މި ގޮތުން ކުޅުންތެރިން އެންމެ ބޮޑަށް ހިތްހަމަ ނުޖެހިފައިވާ މައްސަލައަކީ ކޯޗު ވެންމާވިކްގެ ދަނބިދަރިފުޅު އަދި ޓީމުގެ ކެޕްޓަން ވެންބޮމެލް ފުރަތަމަ އެގާރައިން ބާކީކުރަން ކޯޗު އެއްބަސްނުވުމެވެ. ކުޅުންތެރިން ބޭނުންވަނީ ވެންބޮމެލް ކުޅޭ ތަނަށް ރަފޭލް ވެންޑަވާޓް ލައްވައި ކުޅުވުމަށެވެ.

މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ވެސްލީ ސްނައިޑާ ބުނީ ވެންޑަވާޓް މިހާތަނަށް ހުރީ ހަނުހިމޭނުން ކަމަށާއި ނަމަވެސް އޭނާގެ ހަނުހުރުން ކޮޅުންލައިދާން ފަށައިފި ކަމަށެވެ.

މި މައްސަލާގައި ވާހަކަ ދައްކަމުން ވެންޑަވާޓް ވެސް ބުނީ އޭނާ ފުރަތަމަ 11ގައި ބާކީ ކުރުން ގަބޫލު ނުކުރެވޭ ކަމަށާއި ހޮލެންޑް މޮޅުވާން ބޭނުންނަމަ އޭނާ ޓީމަށް ނަގަން ޖެހޭ ކަމަށެވެ. އަދި ގައުމީ ޓީމަށް 97 މެޗު ކުޅެދީފައިވާ ކުޅުންތެރިއެއްގެ ގޮތުން އޭނާ އަށް ވެސް ޓީމާ މެދު ވާހަކަ ދެއްކުމުގެ ހައިސިއްޔަތު އެބައޮތް ކަމަށެވެ.

ޓީމު ތެރޭގައި ޖެހިފައިވާ އަނެއް މައްސަލައަކީ ރޮބިން ވޭންޕާސީ އާއި ކްލަސް ހަންޓްލާ ފުރަތަމަ އެގާރައަށް އެރުމަށް ކުރާ ވާދައިގެ މައްސަލަ އެވެ. ހަންޓްލާ އަކީ ކޮލިފައިންގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. ވެންޕާސީ އަކީ އިނގިރޭސި ލީގުގެ ޓޮޕް ސްކޯރަރެވެ. މި ދެ ކުޅުންތެރިން ކުރެ ކޯޗު އިސްކަން ދެނީ ވެންޕާސީއަށެވެ. ފުރަތަމަ އެގާރައިގެ މައްސަލާގައި މި ދެ ކުޅުންތެރިން ވާހަކަ ނުދައްކާ ކަމަށްވެ އެވެ.