21 May 2024, 09:05
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ ވެބް ސީރީޒް "ހީރާމަންޑީ:ދަ ޑައިމަންޑް ބަޒާރު"ގެ ދެވަނަ ބައެއް އުފެއްދުމަށް ބޭނުންވި ނަމަވެސް އެކަމުގައި ގޮތެއް ނިންމާނީ ނެޓްފްލިކްސްއިން ކަމަށް ސަންޖޭ ބުނެފިއެވެ.
ފިލްމި ޚަބަރުތައް ގެނެސްދޭ ބޮލީވުޑްހަންގާމާއަށް ދިން އިންޓަވިއުއެއްގައި ސަންޖޭ ވަނީ ކެރިއަރުގެ ފުރަތަމަ ވެބް ސީރީޒްއަށް ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބަށް ޝުކުރުއަދާކޮށްފައެވެ. އާއްމުންގެ ފަރާތުން އެހާ ބޮޑު ތަރުހީބެއް ސީރީޒްއަށް ލިބެމުން އަންނާތީ އޭގެ ދެވަނަ ބައެއް ފެނިދާނެތޯ އެހުމުން ޖަވާބުގައި ސަންޖޭ ބުނީ، އެ ކަމުގައި ގޮތެއް ނިންމާނީ ނެޓްފްލިކްސްއިން ކަމަށެވެ.
ސަންޖޭގެ ވެބް ސީރީޒްއަކީ ނެޓްފްލިކްސްއިން ޕްރޮޑިއުސްކުރި ސީރީޒްއެއް ކަމަށާއި ނެޓްފްލިކްސްއިން ދެވަނަ ސީރީޒްއެއް އުފައްދަން ނިންމައިފިނަމަ ޑައިރެކްޓަރެއްގެ ހައިސިއްޔަތުން އެ ކަމަށް ގޮތެއް ސަންޖޭ ނިންމާނެ ކަމަށް މި އިންޓަވިއުގައި ވަނީ ބުނެފައެވެ.
ސަންޖޭގެ ބަންސާލީ ޕްރޮޑަކްޝަންސްއިން ވުޖޫދަށް ގެނައި "ހީރާމަންޑީ" ވެބް ސީރީޒް އުފައްދަން ނެޓްފްލިކްސްއާ އެކު، އެކި ފަންތީގެ މީހުން ސަންޖޭއާ އެކު މަސައްކަތްކުރި ކަމަށާއި ސަންޖޭގެ 30 އަހަރުވީ ކެރިއަރުގައި މިހާތަނަށް އެންމެ ހިތްހަމަޖެހިގެން ރަނގަޅަށް މަސައްކަތްކުރެވުނީ ނެޓްފްލިކްސްގެ ޕްރޮޑިއުސަރުންނާ އެކު ކަމަށް ކުޅަދާނަ ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ސަންޖޭ ބަންސާލީ ނެޓްފްލިކްސްގެ ކޯ-ޗީފް އެގްޒެކެޓިވް އޮފިސަރު ޓެޑް ސެރެންޑޮސްއާ އެކު--ފޮޓޯ/ސްކްރޯލް.އިން
އެހާމެ ފެންވަރު ރަނގަޅު ޕްރޮޑިއުސަރުންނާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު މީގެ ކުރިން ތަޖުރިބާކޮށްފައި ނެތް ކަމަށް ބުނަމުން ސަންޖޭ ބުނެފައިވަނީ ނެޓްފްލިކްސްއާ އެކު ކުރި ތަޖުރިބާގައި ވަރަށް ގިނަ ކަންކަން އޭނާއަށް ވެސް ދަސްވި ކަމަށެވެ.
ސޯޝަލް މީޑިއާގައި "ހީރާމަންޑީ"ގެ މިއުޒިކްއަށް ލިބެމުން އަންނަ ތަރުހީބާ އެކު މި ސީރީޒްގެ ބައެއް ޑައިލޮގްތައް ވެސް ވަނީ ޓްރެންޑަކަށްވެފައެވެ. މިހާތަނަށް ސަންޖޭ އުފައްދާފައިވާ ކޮންމެ ފިލްމަކީ ވެސް ރީތި ފިލްމަކަށް ވާނެކަމާ މެދު ބެލުންތެރިން ސުވާލު އުފެއްދުމުގެ ފުރުސަތު ކުޑަ ފިލްމުތަކެކެކެވެ. އޭގެ ތެރޭގައި 2022ވަނަ އަހަރު ސަންޖޭ އުފެއްދި ފިލްމު "ގަންގޫބާއި" 2018ވަނަ އަހަރު ގެނެސްދިން "ޕަދްމަވާތު" އަދި ފިލްމު "ބަޖިރާއޯ މަސްތާނީ" ފަދަ ފިލްމުތައް ހިމެނެއެވެ.