13 Jun 2012, 14:51
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ ހިލޭ އެހީގެ ދަށުން މާލޭގައި އެލީޓް ފެންވަރުގެ ރެފްރީން ތަމްރީންކުރުމުގެ ކޯހެއް އިއްޔެ ފަށައިފި އެވެ.
އެފްއޭއެމްއިން ބުނީ، އިއްޔެ އިން ފެށިގެން އަންނަ ހަފްތާގެ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކޯސް ކުރިއަށް ގެން ދިއުމަށް ނިންމާފައި ވަނީ ހެންވޭރު ދަނޑުގެ ސެމިނާ ރޫމްގައި ކަމަށެވެ. އަދި ކޯހުގައި ކިޔަވައި ދެނީ ފީފާގެ ފަރާތުން ގަތަރަށް ކަނޑައަޅައިފައި ހުންނަ އިންސްޓްރަކްޓަރެކެވެ. އަދި ސިންގަޕޫރުގެ ފިޓްނަސް އިންސްޓްރަކްޓަރެއްވެސް މި ކޯހުގައި ކިޔަވާދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އެފްއޭއެމް އިން ބުނެއެވެ.
އެފްއޭއެމްގެ ރަސްމީ ވެބްސައިޓުގައި ބުނެފައި ވަނީ، ކޯހުގައި ލޯކަލް އިންސްޓްރަކްޓަރުންގެ ގޮތުގައި ރާއްޖޭގެ ތަޖުރިބާކާރު ދެ ރެފްރީން ވެސް ހަރަކާތް ތެރިވާ ކަމަށެވެ. އެގޮތުން އެ ދެ ރެފްރީންނަކީ އަހްމަދު އަބީރު އިސްމާއީލް އަދި މުހައްމަދު ސައީދެވެ.
އެފްއޭއެމުން ރާއްޖޭގައި ރެފްރީން އިތުރުކޮށް ރެފްރީންގެ ފެންވަރު މަތިކުރުމުގެ ގޮތުން އަންނަނީ ތަފާތު ކޯސްތައް ހިންގަމުންނެވެ. އެގޮތުން ފީފާގެ އެހީގައި މިދިޔަ އަހަރުވެސް ރާއްޖޭގައިވަނީ ރެފްރީންނަށް އަމާޒުކޮށް ކޯސްތަކެއް ބާއްވާފައެވެ.