21 May 2024, 08:50
ލިޝާ ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް ދޮރު ހުޅުވައިލިއެވެ. އެހެން މީހުން ބޭރުގައި މަޑުކުރީ ލިޝާ ބޭނުންވާ ވަގުތު ދޭށެވެ. އެނދުގައި މީހަކު އޮތެވެ. އެއް އަރިމަތިން ފޮތިގަނޑު ދަމާފައި ހުރުމުން މޫނެއް ނުފެނެއެވެ. އެމީހެއްގެ ގަޔަށް ގުޅާފައިވާ މެސެންތަކުގެ އަޑު އިވިއިވި ހުއްޓެވެ. ލިޝާގެ ބަޑި ފަޅައިގެން ދިޔައެވެ. ހިތުގައި ޖެހުނުވަރުން ކަރުނަތައް ހުއްޓުވާނެ ހިތްވަރުވެސް އޭނާއަށް ނުލިބުނެވެ.
********
ލިޝާއަށް އެނދުގެ ކޮޅުގައި އަތުން ހިފަހައްޓާލެވުނީ ކިރިޔާއެވެ. ހަށިގަނޑުގެ ވަރު ދޫވިއެވެ. އެނދު ކައިރިއަށް ތިރިވިއިރު، އޭނާއަށް ގިސްލެވެން ފަށައިފިއެވެ. ލޯބިވާ ވާހަކަ ނުބުނެވެނީސް އާރިޒް އޭނާއާއި ވަކިވަނީ ހެއްޔެވެ؟ ދެމީހުންގެ ހަޔާތުގައިވެސް ލޯބީގެ ނަސީބެއް ނުވަނީ ހެއްޔެވެ؟
"ކީއްވެ ތިހެން ތި ހަދަނީ؟..." ލިޝާ ރޮއެރޮއެފައި ވާހަކަ ދެއްކިއެވެ. "އަހަންނަށް އުފަލެއް ނުދޭނަންތަ؟... އާރިދެކެ ރުޅިއަޔަސް އާރިއަށް ދެރަގޮތެއް ވާކަށް އަހަރެން ބޭނުމެއް ނޫނޭ... ޕްލީޒް... އަހަރެން ދޫކޮށްލާފަ ނުދައްޗޭ!... އަހަރެން އާރި ކައިރީ ބުނަން ބޭނުންވާ ބައިވަރު ވާހަކަ އެބަހުއްޓޭ..."
ލިޝާ ވާހަކަ ދެއްކީ އިނގިރޭސިންނެވެ. އެނދުގެ ބޭރުން ދަމާފައިވާ ފޮތިގަނޑު ކެހުނު އަޑު އިވުނެވެ. ލިޝާ އިސްއުފުލައި ބަލައިލިއިރު ކުރިމަތީގައި ހުރީ މެދުއުމުރުގެ އަންހެނެކެވެ. އެއީ އޭގެ ކުރިން އޭނާ ދެކުނު މީހެއް ނޫނެވެ.
"ތީ ކާކު؟..." ލިޝާއާއި ދިމާއަށް ފާޑަކަށް ބަލަހައްޓައިގެން ހުރެފައި އެމީހާ ސުވާލުކުރިއެވެ. "އަހަރެންގެ ފިރިމީހާ ދަންނަނީ ކިހިނެއް؟..."
ލިޝާ ހައިރާންވެފައި އެއްފަހަރު އެނދުގައި އޮތް މީހާއަށް އަނެއްފަހަރު ކުރިމަތީގައި ހުރި މީހާގެ މޫނަށް ބެލިއެވެ. އޭނާއަށް ޖަވާބެއް ނުދެވި އުޅެނިކޮށް ފަހަތުން މީހެއްގެ އަޑު އިވުނެވެ.
"ލިޝް؟..." ފަހަތުން އިވުނީ ލިޝާއަށް އައު އަޑެއް ނޫނެވެ. ފަސްއެނބުރި ބަލައިލުމުގެ ކުރިން ލިޝާއަށް ކޮޅަށް ތެދުވެވިއްޖެއެވެ.
ކުރިމަތީގައި ހުރީ އާރިޒެވެ. ފާހާނާއިން ނުކުމެގެން އައިއިރު، އާރިޒްގެ އެއް އަތުގައި ބެންޑޭޖްގަނޑެއް އަޅާފައި އޮތެވެ. އަނެއް އަތަށް އޮތީ އައިވީ ގުޅާފައެވެ. ހަށިގަނޑުގެ އެކި ހިސާބުތަކުގައި އަނިޔާގެ ނިޝާންތައް ފެންނަން ހުއްޓެވެ.
ލިޝާ ދެލޯ ބޮޑުކޮށްލަމުން އެނދުގައި އޮތް މީހާއަށް ބަލައިލިއެވެ.
"މިކުއްޖާ އެއައީ އަހަންނާ މީޓްކުރަން... ސޮރީ ދައްތާ!..." އާރިޒް އަންހެންމީހާގެ ކިބައިން މާފަށް އެދުނެވެ.
އަންހެންމީހާ އިތުރު އެއްޗެއް ނުބުނެ ވަރަށް ބާރަށް ފޮތިގަނޑު ދަމައިލިއެވެ. ގަތްލަދުން ލިޝާއަށް އެތަނުގައި ހުންނަންވެސް ނުކެރުނެވެ. ދުވެފައި ނުކުންނަން ދިޔަވަގުތު އާރިޒް އޭނާގެ އަތުގައި ހިފެހެއްޓިއެވެ.
"ދަނީތަ؟..." އާރިޒް ސުވާލުކުރީ ވަރަށް މަޑުމަޑުންނެވެ. "އަހަރެން ކައިރިއަކަށް ނޫންތަ ތިއައީ؟..."
އާރިޒް ލިޝާގެ އަތުގައި ހިފައިގެން އޭނާގެ އެނދު ކައިރިއަށް ގެންދިޔައެވެ. އެނދުގެ ވަށައިގެން ފޮތިގަނޑު ދަމައިލިއެވެ. ދެމީހުން ތިބީ ފޮތިގަނޑުގެ އެތެރޭގައެވެ. ލިޝާއަށް ހީވީ ކުޑަ ކޮށްޓެއްގެ ތެރޭގައި ދެމީހުން ތާށިވި ހެންނެވެ. ކުރިއަށްވުރެ ބޮޑަށް ލަދުގަތެވެ. މުޅި މޫނު ރަތްވިއެވެ. ދެމީހުން ތިބީ ނުހަނު ކައިރީގައެވެ. އާރިޒް ކުރިއަށްވުރެ ބޮޑަށް ލިޝާއާއި ގާތްވެލިއެވެ. ދުރަށްޖެހިލާނެ ޖާގައެއްވެސް ނެތުމުން ލިޝާ އިސްޖަހާލައިގެން ހުރީއެވެ.
"ކޮން ވާހަކަތަކެއް އަހަރެން ކައިރީ ނުބުނެވެނީ؟... އަހަރެން މިހުރީ އަޑުއަހާ ހިތުން ކެތްމަދުވެފަ..." ލިޝާގެ ކަންފަތް ކައިރީގައި ވައި އަޑުން އާރިޒް ބުނެލިއެވެ.
ލިޝާގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. ލައިގެން ހުރި ހެދުމުގެ ފަސްބައިގައި ބާރަށް ހިފަހައްޓާލެވުނެވެ. ބަލިހާލުގައިވެސް އާރިޒް ހާދަ ލާނެތް ސަމާސާ ކުރެއެވެ. ދިމާވެފައިވާ ހިތާމަވެރިކަން ފޮރުވަން ކުޅަދާނައެވެ. ހިތް ހަލާކުވެފައިވާ ހާލުގައިވެސް، އާރިޒްގެ ތުންފަތުގައި ވަނީ ހިނިތުންވުމެވެ. އެދެލޮލުން އޭނާ ކުރަމުންދިޔަ ހިތާމަ ފެންނަން ހުއްޓެވެ. އެއީ ލިޝާއަށް ސިއްރުވާނޭ އަސަރުތަކެއް ނޫނެވެ.
"އަހަރެން އެނދުގަ އޮތީމަތަ އަނގައިން ބުނާނީ؟..." އާރިޒް އަހައިލިއެވެ.
"ނޫން..." ލިޝާއަށް ބުނެވުނީ ބޭއިހުތިޔާރުގައެވެ. އާރިޒް ބަލިވާކަށް އޭނާ ބޭނުމެއް ނޫނެވެ.
އާރިޒްގެ ހަރަކާތްތައް އަވަހެވެ. ލުއި ހިނިތުންވުމެއް ހަދިޔާކޮށްލާފައި ލިޝާގެ ގައިގައި ބައްދައިލިއެވެ. އާރިޒްގެ ހަށިގަނޑުގައި ހުރި ޒަހަމުތައް ފެނި، އޭނާ ދުރުކުރާކަށް ލިޝާއަކަށް ނުކެރުނެވެ. އެއީ ހުދު ލިޝާވެސް ބޭނުންވި ގޮތެވެ. އާރިޒް ބޭނުންވި ވަރަށް ވަގުތު ދީގެން ލިޝާ ހުރިގޮތުން ހުރީއެވެ.
"އައި ލަވް ޔޫ..." އާރިޒް ބުނެލިއެވެ. "އަހަރެން ހިއެއްނުކުރަން މިހެން ބުނަން ދެން ޗާންސެއް ލިބޭނެކަމަކަށްވެސް... އަހަރެން ހީކުރީ..."
"އަހަރެން ހާދަ ބިރެއް ގަތޭ..." ލިޝާއަށް އަނެއްކާވެސް ރޮވުނެވެ.
އާރިޒްގެ ބުރަކަށީގައި ލިޝާއަށް ޖަހައިލެވުނީ ނުވިސްނާ ހުރެފައެވެ. އާރިޒް ތަދުވެގެން އަނގައިން މަޑު އާހެއްގެ އަޑު ބޭރުކޮށްލިއެވެ. ލިޝާ އަވަހަށް މާފަށް އެދުނެވެ. ކަރުނަތައް ފޮހެލިއެވެ. އާރިޒް އެނދުގައި އިށީނދެފައި ލިޝާވެސް ކައިރީގައި ބޭންދިއެވެ. ދެމީހުން ތިބީ އެކަކު އަނެކެއްގެ މޫނަށް ބަލަހައްޓައިގެންނެވެ. ލިޝާއަކީ ކުޅަދާނަ ކުއްޖެކެވެ. އާރިޒް އިސްޖަހައިލީ އޭނާގެ ދެލޮލުން ލިޝާއަށް ކަމެއް އެނގިދާނެތީއެވެ.
"ހުރިހާ ކަމެއް ރަނގަޅުތަ؟..." އޯގާތެރި ރާގަކަށް ލިޝާ އަހައިލިއެވެ.
"ދެން ހުރިހާ ކަމެއްވެސް ރަނގަޅުވެދާނެ..." ލިޝާއަށް ބަލައިލަމުން އާރިޒް ބުންޏެވެ. އޭނާ ލިޝާ ކުރި ސުވާލަށް ސީދާ ޖަވާބެއް ނުދެއެވެ.
އާރިޒް ބުނި އެއްޗެއްގެ މާނަ ލިޝާއަށް އެނގުމުން ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އެކަމަކު، އާރިޒްގެ ހިތުގައި އަޅާނެ ވޭން އެނގުމުން، އުފާވާކަށް ބޭނުމެއް ނުވިއެވެ. ދެމީހުން އިސްޖަހާލައިގެން ތިބެފައި އެކަކު އަނެކަކަށް ބަލައިލެވުނެވެ. ނުހަނު ކައިރިން އެކަކު އަނެކެއްގެ މޫނު ފެނުމުން، ދެމީހުންނަށްވެސް ތިބެވުނީ ކަޅި ޖަހާލަންވެސް ހަނދާންނެތިފައެވެ. އާރިޒް މަޑުމަޑުން ލިޝާއާއި ގާތްވެލިއެވެ. އެ ނަޒަރު ހުއްޓިފައިވީ ލިޝާގެ މަޑު ފިޔާތޮށި ކުލައިގެ ތުނިތުނި ތުންފަތަށެވެ. އާރިޒަށް ދައުވަތު ދެމުން ލިޝާއަށްވެސް ލޯ މަރާލެވުނެވެ.
"ލައްކަ މާ ފޮޅުވޭހާ ވަގުތު ދީފިން...." މާނަވް އެތެރެއަށް ވަދެފައި ފޮތިގަނޑު ކަހައިލުމުގެ ކުރިން ޓަކިޖަހާލާކަމަށް ހެދުނެވެ. "މިކުދިންނެއް ނުހިފޭއްޓުން މާގިނައިރަކު..."
ސިހިފައި ދެމީހުންނަށް ދުރަށްޖެހިލެވުނެވެ. ބޭސްއަޅާ ސާމާނު ހިފައިގެން ދެ ނަރުސްކުދިން އެތެރެއަށް ވަނެވެ. ލިބުނު ފުރުސަތުގެ ބޭނުންހިފައި ލިޝާ އަވަހަށް އެތަނުން ނުކުތެވެ. އޭރު އޭނާގެ މޫނު ވަނީ ލަދުން ރަތްވެފައެވެ.
"ކޮބާ؟..." ބޭރުގައި ދެކޮޅަށް ހިނގާލަހިނގާލާ ހުރި ސުމާގެ މޫނުން ފެނުނީ ކަންބޮޑުވުމުގެ އަސަރެވެ. ލިޝާ ފެނުމުން އަވަހަށް އައިސް ދެއަތުގައި ހިފައިލިއެވެ. "ވަރަށް ސީރިއަސްތަ؟... ވާހަކަ ދެއްކުނުތަ؟..."
ލިޝާ ބޯޖަހައިލިއެވެ. ހިނިތުންވެލިގޮތުން އެއްވެސް ކަމެއް ގޯސް ނުވާކަން ސުމާ ދެނެގަތެވެ. ސުމާ ވަގުތުން ލިޝާގެ ކޮނޑަށް އަތް ވައްޓައިލިއެވެ. ގަޔާއި ކައިރިކޮށްލާފައި ދިމާކުރަން ފެށިއެވެ.
"ކޮލެޓީ ޓައިމް ވިތް އުހުމް އުހުމް އުހޫމް... އެހެންވެ ދޯ ރަތް ފިނިފެންމަލެއްހެން ދެކޮލުގަ ކުލަޖެހިފަ ތިހުރީ..." ސުމާ ހީހީފައި ލިޝާއާއި ދިމާކުރިއެވެ. "ކޮންއިރަކުތަ ކޮލުގަ ކުލަ ޖެއްސީ؟..."
ސުމާގެ އަތްދަށުން ވީއްލިގަނެގެން ލިޝާ ދުއްވައިގަތެވެ. ސުމާވެސް ލިޝާގެ ފަހަތުން ދުއްވައިގަތެވެ. ފަހަތުން ހިނގައިގަތްއިރު، ޝަފާޒްގެ ތުންފަތުގައި ވަނީ ލުއި ހިނިތުންވުމެކެވެ. ސުމާއަކީ ލާނެތް ކުއްޖެކެވެ. އެކުވެރިންނަށް ނުހަނު ހެޔޮކޮށްހިތައެވެ. ޝަފާޒް ބޭނުންވާ ކިތަންމެ ސިފައެއް ސުމާގެ ކިބައިގައިވެސް ހުރިކަން އޭނާއަށް ފާހަގަކުރެވުނެވެ.
********
ގޯތިތެރެ ޒީނަތްތެރި ކުރުމުގައި މަދީހާ އަވަދިނެތި އުޅުނެވެ. މަދީހާއަށް އަތްގާތްކޮށްދޭން ނައީމާއިއެކު ބިދޭސީއަކުވެސް ގޭތެރޭގައި އުޅުނެވެ.
"އެކުދިން އަންނަންވާއިރަށް ނިމޭނެބާއޭ މި ހިތަށް އަރަނީ..." ކުލަ ފާޓާއެއް ހިފައިގެން ނައީމު ނުކުތް ތަން ފެނުމުން މަދީހާ ބުނެލިއެވެ.
"ނިމޭނެ... މަދީ ހާސްނުވެބަލަ... އަހަރެން މިހުރީނު..." ނައީމު ޔަގީންކަން ދިނެވެ.
"މި އަންނަނީ އިނގޭ ކުލަކޮޅު ހާކާލާފަ... ބަރު އެއްޗެއްގަ ނުހިފާތި!... ބަރު އެއްޗެހި އަހަރެން އަންނަންދެން ބަހައްޓާ!..." ނައީމު އެދުނެވެ.
ފާހާނާސެޓް ބަދަލުކޮށްފައި ނެރުނު ބިއްލޫރިގަނޑުތައް ދޮރު ކައިރީގައި ހުރުމުން މަދީހާ އުޅުނީ އެ އެއްޗެހި ގުދަނަށް ގެންދާށެވެ. ބަރު އެއްޗެހީގައި ނުހިފުމަށް ނައީމު ބުނި ނަމަވެސް އެކަމަށް އޭނާ މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. ބިއްލޫރިގަނޑެއް އުފުލަން ހުރި މަދީހާއަށް ކުރިމަތީގައި މީހަކު ހުއްޓުނު ތަން ފެނުނެވެ. މަދީހާ ހީކުރީ ނައީމު ކަމަށެވެ. ބިއްލޫރިގަނޑު ބަރުކަމުން ނައީމުގެ އެހީތެރިކަމަށް އޭނާ އެދުނެވެ.
"އާދެބަލަ މީގަ ހިފާލަދޭން..." ކުރިމަތީގައި ހުރި މީހާގެ މޫނަށް ބަލައިލުމެއްނެތި މަދީހާ ބުންޏެވެ.
ބިއްލޫރިގަނޑުގައި ހިފުމުގެ ބަދަލުގައި އެމީހަކު ހުއްޓުނީ މަދީހާގެ ފުރަގަހުގައެވެ. މަދީހާއަށް އިތުރު ކަމެއް ކުރާނެ ފުރުސަތެއް ނުލިބުނެވެ. އެމީހަކު އޭނާގެ ބުރަކަށީގައި ފައިން ޖަހައި ވަރަށް ބާރަށް ކޮއްޕައިލިއެވެ. ބިއްލޫރިގަނޑާއިއެކު މަދީހާ ވެއްޓުނީ ބަނޑުވަތަށެވެ. ބިއްލޫރިގަނޑު ތަޅައިގެންދިޔަ އަޑު މުޅި ތަނުގައި ގުގުމައިލިއެވެ.
********
ސިއްސައިގެން ގޮސްފައި ލިޝާއަށް ހޭލެވުނުއިރު މުޅި މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. ފެނުނީ ހުވަފެނެއްކަން އެނގުނު ނަމަވެސް އޭނާގެ ހިތް ވަނީ ނުތަނަވަސްވެފައެވެ. އަވަސް އަވަހަށް ފޯނު ހޯދިއެވެ. އޭނާ ފުރަތަމަވެސް ގުޅީ މަދީހާގެ ނަންބަރަށެވެ. ފޯނެއް ނުނަގައެވެ. ދެތިން ރިންގާއިއެކު ނައީމު ފޯނު ނެގިއެވެ. އެކަމަކު، ނައީމަށް އެއްޗެއް ބުނެވޭ ވަރެއް ނުވިއެވެ. ވަކި އެއްޗެއް ނުބުނެ، ނައީމު ފޯނު ކަނޑާލުމުން ލިޝާގެ ނުތަނަވަސްކަން ވަކީން އިތުރުވިއެވެ.
ލިޝާ ދުވެފައި ކޮޓަރިން ނުކުތްއިރު، ގަޑިން ވީ އިރަކާއި މެދުގައިވެސް ވިސްނައެއް ނުލެވުނެވެ. ސުމާގެ ކޮޓަރީގައި ޓަކި ޖަހާލާފައި އެތެރެއަށް ވަންއިރު، ސުމާ އާއި ޝަފާޒް ތިބީ ވަރަށް ގައިގޯޅިކޮށެވެ. ލިޝާ އަވަސްއަވަހަށް މާފަށް އެދިފައި، ކޮޓަރިން ނުކުމެ ދޮރު ލައްޕައިލިއެވެ.
"ލިޝް..." ޝަފާޒް ދުރުކޮށްފައި ސުމާ އަވަސް އަވަހަށް ތެދުވިއެވެ.
އޭނާ ނުކުތްއިރު، ލިޝާ އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިފިއެވެ.
"ޝިޓް..." އެނބުރި ކޮޓަރިއަށް ވަންއިރު ސުމާގެ ތަބީއަތު ވަނީ ހަރާބުވެފައެވެ. "ލިޝް ހީކުރާނީ ކީކޭ ކަމެއްވެސް ނޭނގެ... ޝިޓް ޝިޓް..."
(ނުނިމޭ)