ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަގްސަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް މައުރަޒެއް ބޭއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ނިންމެވީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހުއެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނީ، އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށްފަހު ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަގްސަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ބާއްވާ މައުރަޒު، "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު"ގެ ނަމުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މި މައުރަޒު އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

"މި މައުރަޒަކީ ވާދަވެރި މާހައުލެއްގައި ބޭއްވޭ މައުރަޒަކަށް ހެދުމަށްޓަކައި، އެކި ދާއިރާތަކުން ވާދަކުރެވޭގޮތަށް މި މައުރަޒު ކުރިއަށް ގެންދެވުމަށާއި، ކްރިއެޓިވް އިކޮނޮމީ ޑިސްޓްރިކްޓާއި، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓާއި، އެންޓަޓެއިންމަންޓް ޑިސްޓްރިކްޓް އަދި މާކެޓް ޕްލޭސް ޑިސްޓްރިކްޓް ހިމަނައިގެން މި މައުރަޒު ބޭއްވުމަށް ވެސް ނިންމަވާފައިވޭ،" އެ ބަޔާނުގައި ބުނެފައިވެއެވެ.

މި މައުރަޒު އިންތިޒާމްކޮށް ހިންގުމަށް އިކޮނޮމިކް މިނިސްޓްރީއާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)އާ ވަނީ ހަވާލުކޮށްފައެވެ.

މީގެ އިތުރުންވެސް އަހަރުން އަހަރަށް މި މައުރަޒު ހަރުދަނާ ގޮތެއްގައި ކުރިއަށްގެންދިއުމަށް މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.