13 Jun 2012, 13:14
މިހާރު ކުރިއަށްދާ ޔޫއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕް( ޔޫރޯ) ފުޓްބޯޅަ މުބާރާތުގައި ޕޮލެންޑާއި ރަޝިޔާ ބައްދަލުކުރި މެޗް އޮމާންކަމާ އެކު ނިމުނީ އެއްވެސް ބަޔަކު މޮޅު ނުވެ އެއްވަރު ވެގެންނެވެ. ނަމަވެސް އެމެޗް ފެށުމުގެ ކުޑަ އިރުކޮޅެއް ކުރިން ޕޮލެންޑްގެ ވެރިރަށް ވާސޯގެ މަގުތަކުގެ ހަމެޖެހުން ގެއްލުނީ ދެ ގައުމުގެ ސަޕޯޓަރުންގެ މެދުގައި ހިނގި ވަރުގަދަ ކުރިމަތިލުންތަކެއްގެ ސަބަބުންނެވެ.
ސޯވިއެޓް ޔޫނިއަން ރޫޅުނު ދުވަސް ފާހަގަ ކުރުމަށް ރަޝިޔާގެ 5000 ސަޕޯޓަރުން ބޭއްވި ގައުމީ ހިނގާލުމަކާ ދެކޮޅަށް ޕޮލެންޑްގެ ސަޕޯޓަރުން ނުކުތުމުން އުފެދުނު ހަމަނުޖެހުން ހުއްޓުވަން ޕޮލެންޑް ފުލުހުންނަށް ޖެހުނީ ވޯޓަ ކެނަން އާއި ރަބަރު އުންޑަވެސް ބޭނުންކުރާށެވެ.
ވާސޯގެ މަގުތައް ބެލެހެއްޓުމަށް ނެރެފައިވާ 6000 ފުލުހުންގެ ސަަމާލުކަން ދެގައުމުގެ ސަޕޯޓަރުންނަށް އަމާޒުވެފައި ވަނިކޮށް ވެސް ދެފަރާތުން ވަނީ ފުޅި އާއި އަލިފާން ބޯޅަފަދަ ތަކެތީގެ ހަމަލާތައް ބަދަލުކޮށްފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ރަޝިޔާގެ ސަޕޯޓަރުންނަށް ހަމަލާ ދިނުމަށް ޕޮލެންޑްގެ ސަޕޯޓަރުން ވަނީ ހަމަނުޖެހުން ހިނގި ސަރަހައްދުގައިވާ ބްރިޖެއް ބޭނުންކޮށްފަ އެވެ.
\"އެއީ އަނިޔާވެރި ކަމެެއް، އެންމެނަށް ވެސް އޮތީ ފަސޭހައިން އެކަމުގައި ބައިވެރި ވެވޭ ގޮތަށް. އެމީހުން ޖަނަވާރުންނެކޭ އެއްގޮތަށް ކަންތައްތައް ކުރަމުން ދިޔަ އިރު ކުށެއް ނެތް މީހުން ސަލާމަތަށް އެދި ރޮމުން ދިޔަ އަޑު އަހަރެން އެހިން، އެމީހުން ދިޔައީ އެއްވެސް ގޮތެއް ގޮތެއް ނުބަލައި އެކަކު އަނެކަކު ގައިގައި ތަޅަމުން. ވެއްޓިފައި ތިބި މީހުންގެ މޫނުމަތީގައި ވެސް ތަޅަމުން ދިޔަ މަންޒަރު ދުށިން،\" ހާދިސާ ލޮލުން ދުށް މީހަކު އިނގިރޭސިވިލާތުގެ ޑެއިލީ މެއިލްއަށް ކިޔައިދީފައިވެ އެވެ.
ރޭ ހިނގި ބޮޑު ހާދިސާގެ އިތުރުން ހިނގި އެހެން ހާދިސާއެއްގައި މާސްކް އަޅައި މޫނު ނިވާކޮށްގެން ތިބި ޕޮލެންޑްގެ 50 އަކަށް ސަޕޯޓަރުން ވަނީ ކެފޭއެއްގެ ތެރޭގައި ތިބި ރަޝިޔާ ބަޔަކަށް ހަމަލާދީފަ އެވެ.
އެތައް ބައެއްގެ ލޭ އޮހޮރިގެން ދިޔަ ހަމަނުޖެހުންތައް މެޗްފެށުމުގެ ކުޑައިރުކޮޅެއް ކުރިން ކޮންޓްރޯލް ކުރެވުނު ދެ ގައުމުގެ ސަޕޯޓަރުންގެ ތެރެއިން 56 މީހުން ތިބެން ޖެހުނީ ޕޮލެންޑް ފުލުހުންގެ ބެލުމުގެ ދަށުގައި މެޗް ނުބަލަ އެވެ.
ރަޝިޔާގެ އަޅުވެތިކަމުގައި 100 އަށް ވުރެ ގިނަ އަހަރު ހޭދަކޮށްފައިވާ ޕޮލެންޑް މީހުންނަށް ސޯވިއެޓް ޔޫނިއަންގެ ދިދަ އަކީ ނަފުރަތު ކުރެވޭ ދިދައެކެވެ. އަދި ސޯވިއެޓް ޔޫނިއަންއާ ގުޅޭ އެހެނިހެން ރަމްޒުތައް ދެކެވެސް އެމީހުން ރުޅި އާދެ އެވެ. އެއީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ފަހުން ވެސް އެތައް އަހަރެއް ވަންދެން ސޯވިއެޓް ޔޫނިއަން އިން ޕޮލެންޑްގެ މައްޗަށް ނުފޫޒު ފޯރުވާފައި ވާތީ އެވެ. ސޯވިއެޓް ޔޫނިއަން ރޫޅުނު ދުވަސް ފާހަގަ ކުރަން ރަޝިޔާގެ ސަޕޯޓަރުން ބޭއްވި ހިނގާލުމުގައި އެޔޫނިއަންގެ ދިދައާއި އެހެނިހެން ރަމްޒުތައް ބޭނުން ކުރި އެވެ. ހަމަނުޖެހުންތައް އުފެދުނީ އެހެންވެ ކަމަށް ޕޮލެންްޑް މީހުން ބުނެ އެވެ.