20 May 2024, 18:06
ހައްޖު މޫސުމަށް ޚާއްސަކޮށް އުރީދޫއިން ސައުދީ ޕާސްޕޯޓުގެ ނަމުގައި ރޯމިން ސިމެއް ތައާރަފުކޮށްފިއެވެ.
އުރީދޫން ބުނީ، މި ސިމަކީ ހައްޖަށް ދާ މީހުންނަށް ފަސޭހަކަމާއެކު ރާއްޖޭގައި ތިބި އާއިލާ އާއި ރައްޓެހިންނާ މުއާމަލާތްކޮށް ގުޅުން ބަދަހި ކުރުމަށް ތަޢާރަފު ކުރެވުނު ސިމެއް ކަމަށެވެ.
ހައްޖުގެ މާތް އަޅުކަމުގެ ދަތުރުގައި ކޮންމެ އަހަރަކުވެސް ގިނަ ދިވެހިންތަކެއް އެތައް މިލިއަން މުސްލިމުންނާއެކު މައްކާއަށް ދަތުރުކުރެއެވެ.
ސައޫދީ ޕާސްޕޯޓާއެކު، އަމާޒަކީ ކަސްޓަމަރުންގެ މި މާތް ދަތުރުގައި ގާތް ތިމާގެ މީހުންނާ ގުޅިފައި ތިބުމާއި ޒަރޫރީ ޚިދުމަތްތައް ހޯދައިދިނުން ކަމަށް އުރީދުން ވަނީ ފާހަގަކޮށްފައެވެ.

ހައްޖުވެރިންނަށް ޚާއްސަ ކޮށް ތައްޔާރުކުރި ސިމް ތައާރަފްކުރުން ---- ފޮޓޯ/ އުރީދު
މީގެއިތުރުން، އެ ސިމްއިން ލިބޭ ބަންޑަލްގައި، 15 ޖީބީ ރޯމިން ޑޭޓާ އާއި 60 މިނިޓުގެ ވޮއިސް ކޯލްސްއާއި 60 އެސްއެމްއެސް ހިމެނެއެވެ. އެ ބަންޑްލްއަށް ވުރެ އިތުރަށް ޑޭޓާ ބޭނުންކުރަން ޖެހިއްޖެ ނަމަ، ކޮންމެ އެމްބީއަކަށް އަރާނީ 99 ލާރިއެވެ.
ހައްޖު މޫސުމަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ މި ސިމާއެކު ކޮންމެ ކަސްޓަމަރަކަށްވެސް ގުޅުމާއި، އެސްއެމްއެސް އަދި ޑޭޓާ ރަނގަޅު އަގެއްގައި ބޭނުންކުރެވޭނެ ކަމަށާއި ކަސްޓަމަރުންނަށް ހައްޖުގެ ހުރިހާ ސައިޓެއްގައި މުއާމަލާތްކުރުމުގެ ފަސޭހަ ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ. އަދި، ސައުދީ ޕާސްޕޯޓް ބޭނުންކުރުމަށް ފޯނަށް ސިމް ލައްވާލުމަށްފަހު އެކްޓިވޭޓް ކުރެވޭނެއެވެ.
އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫގެ ސައުދީ ޕާސްޕޯޓު މެދުވެރިކޮށް ހައްޖުވެރިންނަށް ހެޔޮ އަގުގައި ރާއްޖޭގައި ތިބި، އާއިލާއާ ރައްޓެހިންނާ ގުޅޭނެ ކަމަށެވެ. އަދި، ސިމް ފަރުމާކޮށްފައިވަނީ ކަނެކްޓިވިޓީގެ މައްސަލަތައް ދިމާނުވާނެހެން، ހައްޖު އަޅުކަމަށް ސަމާލުކަން ދެވޭނެ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ހައްޖުވެރިންނަށް ޚާއްސަ ކޮށް ތައްޔާރުކުރި ސިމް ތައާރަފްކުރުން ---- ފޮޓޯ/ އުރީދު
"އާއިލާ އާއި ރައްޓެހިންނާ ދުރުގައި ތިބޭ މިފަދަ މުހިންމު ދަނޑިވަޅެއްގައި ކަނެކްޓިވިޓީ އަކީ ކޮންމެހެން ބޭނުންތެރި ކަމެއް. އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މިފަދަ މުހިންމު މުނާސަބަތުތަކުގައި، ކަސްޓަމަރުންނަށް ބޭނުންވާފަދަ ރަނގަޅު ޚިދުމަތްތައް ފޯރުކޮށް ދިނުމަށް." އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އުރީދޫގެ ސައުދީ ޕާސްޕޯޓު ސިމް ތައާރަފު ކުރުމަކީ ހައްޖުވެރިންނަށް ސައުދީގައި ތިބެގެން ފަސޭހަކަމާއެކު ރާއްޖެއަށް ގުޅާލުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
"މި މަސައްކަތުގެ ސަބަބުން ހައްޖުގެ ބަރަކާތްތެރި އަޅުކަމުގައި އުޅޭ ފަރާތްތަކަށް މުވާސަލާތު ކުރުން ފަސޭހަވެ، މުޖުތަމަޢުގެ ބޭނުންތައް ފުއްދައިދިނުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް އުރީދޫއިން ކުރާ މަސައްކަތުގެ މިސާލުވެސް ފެނިގެންދޭ. އުރީދޫ މޯލްޑިވްސްގެ ފަރާތުން އިސްނަގައިގެން ރައްޔިތުންނަށް ބޭނުންވާ މިފަދަ ޚިދުމަތްތައް ފޯރުކޮށްދޭ ކަމަށްޓަކައި ފަށްފަށުން ޝުކުރު ދަންނަވަން." މިނިސްޓަރު ވިދާޅުވިއެވެ.