20 May 2024, 14:29
މަސްވެރިން ބާނާ މަހަށް ދޭންޖެހޭ ފައިސާގެ ތެރެއިން، އޭޕްރީލް މަހާ ހަމައަށް މިހާރު ފައިސާ ދީފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މިއަދު ބުނެފިއެވެ.
މިފްކޯއިން ބުނީ، މަސްވެރިންނަށް ދޭންޖެހޭ ފައިސާ އެންމެ ފަހުން ދޫކޮށްފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އެއީ، އޭޕްރީލް މަހުގެ ފައިސާއެވެ.
އެހެންކަމުން ފައިސާ ނުދީ މިހާރު އޮތީ ތިން ވަރަކަށް ހަފުތާކަމަށް އެ ކުންފުނިން ބުންޏެވެ. މިފްކޯއިން ބުނީ އެ ކުންފުނިން މަސްވެރިންނަށް ނުދެވި ހުރީ ގާތްގަނޑަކަށް 63 މިލިއަން ރުފިޔާ ކަމަށެވެ.
މަސްވެރިން ކިރާ މަހަށްވާ ފައިސާ ނުލިބި ގިނަ ދުވަސްވުމުން ދޭތެރެއަކުން އެކަމުގެ ޝަކުވާތައް މަސްވެރިން ފާޅުކުރެއެވެ. މި ދުވަސްވަރު ވެސް ވަނީ ބާނާ މަހަށް ފައިސާ ނުލިބޭކަމުގެ ޝަކުވާ ގިނަވެފައެވެ. އަދި، މި އަހަރުގެ ކުރީކޮޅު ވެސް މަސްވެރިންނަށް ގަވާއިދުން ފައިސާ ނުލިބޭތާ ގިނަ ދުވަސްވެގެން މުޒާހަރާ ކުރިއެވެ. އެ މުޒާހަރާތައް ހުއްޓާލީ މަސްވެރިންނަށް ފައިސާ ދޫކުރަން ފެށުމުންނެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވީ، މަސްވެރިންނަށް ފައިސާލިބުމުގެ ދަތިކަން ހައްލުކޮށްދޭނެކަމުގެ ޔަގީންކަމާ އެކުއެވެ. އެގޮތުން، މަސްކިރުމާ އެކު ވަގުތުން މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.