13 Jun 2012, 13:05
ގދ. ތިނަދޫ އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާ ކަމަށް ބުނެ ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފި އެވެ.
ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ ދަށުން އޭސީސީން އެދިފައި ވަނީ ތިނަދޫ ނާރެސް އާދަމް ޝަރީފާއި، އެރަށު ފެހިކޮކާ، ނަސްރުﷲ އަފީފާއި އަބުހަރީއާގެ، ސައުދު އަލީ އާއި ފްލޮރިޑާ، މުހައްމަދު އަބުދުﷲގެ މައްޗަށެވެ. މި ހަތަރު މީހުންނަކީ ތިނަދޫ އޮފީހުގެ ސެކިއުރިޓީ ޕްރޮޖެކްޓް ހަވާލު ކުރުމުގެ މަސައްކަތުގެ ބީލަން އިވެލުއޭޝަން ކުރި ކޮމެޓީގެ މެމްބަރުންނެވެ.
ތިނަދު އޮފީހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން އިއުލާން ކުރީ މިދިޔަ އަހަރުގެ ޖެނުއަރީ 20 ގަ އެވެ. އޭސީސީން ބުނީ އެ އިއުލާނުގައި ޕްރޮޕޯސަލްތަކަށް މާކްސް ދޭނެ ގޮތް ބަޔާންކޮށްފައިވާއިރު، ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ތަޖުރިބާއަށް މާކްސް ދޭ ގޮތް ކަނޑައަޅާފައިނުވި ނަމަވެސް ވަޒަން ކުރުމުގައި އެ ބަޔަށް މާކްސް ދިނުމުގެ ސަބަބުން އެންމެ ކުޑަ އަގު ހުށަހެޅި ފަރާތް ނޫން އެހެން ފަރާތަކަށް ބީލަން ކާމިޔާބުވެފައިވާ ކަން އެނގޭ ކަމަށެވެ. އަދި އެހެންވެ އެމީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ކަމަށެވެ.
މައްސަލަ ތަހުގީގު ކުރިއިރު އިވެލުއޭޝަން ކޮމެޓީން އަމަލު ކޮށްފައިވަނީ މާލިއްޔަތު ގަވާއިދާ ޚިލާފަށްކަން އެނގެން އޮތް ކަމަށާއި އިއުލާނާ ގުޅިގެން ފަސް ފަރާތެއް ޕްރޮޕޯސަލް ހުށަހެޅިއިރު ބީލަން ކާމިޔާބު ކޮށްފައިވަނީ އަގާއި ފެންވަރުގެ ގޮތުން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހެޅި ފަރާތް ކަމަށް ބެލެވެން ނެތް ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭސީސީން އާންމު ކުރި ފެކްޓްޝީޓެއްގައި ބުނަނީ ތިނަދު އޮފީހުގެ ސެކިއުރިޓީ ބީލަން ކާމިޔާބު ކުރި އޭއާރްޑީކޭ އިންވެސްޓްމަންޓަށް އެ ބީލަން ކާމިޔާބުކޮށްދިނުމުގެ ނިޔަތުގައި، އާދަމް ޝަރީފާއި ނަސްރުﷲ އަފީފާއި ސައުދު އަލީ އަދި މުހައްމަދު އަބުދުﷲ ނާޖާއިޒު ފައިދާއެއް ހޯދައިދިންކަން ތަހުގީގަށް އެނގޭ ކަމަށެވެ.