ރާއްޖެއަށް މިހާރު ކުރާ ވިއްސާރައިގައި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މޫސުމަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ބުނެފިއެވެ.

މެޓް އޮފީހުން މިއަދު ބުނީ، މޫސުމަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށާއި މެދުރާއްޖެތެރެއާއި ރާއްޖޭގެ ދެކުނަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރުމިނެއްގައި ވައިޖެހޭނެ ކަމަށެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ މިއަދުގެ 09:30 އިން ފެށިގެން މެންދުރު 13:30 އަށެވެ.

މި ހަފުތާގެ ކޮންމެ ދުވަހަކުހެން ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެއެވެ.

މޫސުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވެސް އެ އިދާރާއިން މިއަދު ވަނީ ހުދު ސަމާލު ނެރެފައެވެ. އެ ސަރަހައްދަށް ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދު ބާރުމިނެއްގައި ވައިގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑުތައް ގަދަވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން އެ ކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. ވިއްސާރައިގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވެސް ވަނީ އިރުޝާދުދީފައެވެ.