20 May 2024, 11:13
އީރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި، އެ މަނިކުފާނު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ހިއްސާކުރެއްވި ތައުޒިޔާގެ މެސެޖުގައިވަނީ، ހެލިކޮޕްޓަރު ވެއްޓުނު ހާދިސާއާއި އިރާނުގެ ރައީސް، ރައިސީ އަވަހާރަވުމުގެ ޚަބަރު އަޑުއެއްސެވީ ނުހަނު ހިތާމައާ އެކު ކަމަށެވެ.
ރައިސީއަށާއި މި ހާދިސާގައި އަވަހާރަވި އެ ގައުމުގެ ފޮރިން މިނިސްޓަރު ހުސައިން އާމިރު އަބްދުލްހައްޔާން އަދި މި ހާދިސާގައި ފުރާނަ ގެއްލުނު އެންމެންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ރައީސް ވަނީ ދުޢާ ދަންނަވައިފައެވެ.
ހިތާމައިގެ މި ދަނޑިވަޅުގައި ރާއްޖޭން އެ ގައުމުގެ ރައްޔިތުންނާ އެކުގައިވާ ކަމަށް ރައީސް ލިޔުއްވާފައިވެއެވެ.
އީރާނުގެ ރައީސް ރައީސީ ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު އެކްސިޑެންޓުވެ، ގެއްލިގެން ހޯދަމުންދަނިކޮށް އޭގެ ބައިބައި ފެނިފައިވަނީ މިއަދުއެވެ. އެ ގައުމުގެ ރެޑް ކްރެސެންޓުން ބުނާ ގޮތުގައި އެ ސަރަހައްދުގައި ދިރުމުގެ ނިޝާނެއް ނެތެވެ. ރައީސީއާއި އެ މަނިކުފާނާ އެކު ދަތުރުކުރެއްވި ބޭފުޅުން އަވަހާރަވީކަން އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ.
މި ހާދިސާގައި ޖުމުލަ ނުވަ މީހުން އަވަހާރަވެފައިވާ ކަމަށް އީރާންގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ. އެ ބޭފުޅުން ދަތުރުކުރެއްވި ހެލިކޮޕްޓަރު އޮތީ އެއްކޮށް ހަލާކުވެ، އަނދާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އީރާންގެ ގާނޫނު ބުނާ ގޮތުން، ރައީސް ރައީސީ އަވަހާރަވުމުން އެ ޒިންމާތަކާ ހަވާލުވާނީ ނައިބު ރައީސެވެ. އަދި، ރައީސްގެ މަގާމު ހުސްވާތާ 50 ދުވަހުގެ ތެރޭގައި އާ ރައީސެއް އިންތިޚާބުކުރަން ޖެހޭނެއެވެ.