13 Jun 2012, 12:59
ރައްޔިތުންގެ މަޖިލިސް މި އަހަރުގެ މާޗް މަހުގައި ހުއްޓިފައި އޮތުމުން ކޮމެޓީތަކުގެ މަސައްކަތް ކުރިއަތް ނުގެންދެވި، މަޑުޖެހިފައި އޮތް ދުވަސްތަކުގައި ވެސް މަޖިލީހުގެ ކޮންމެ މެންބަރަކަށް 20000ރ. ކޮމެޓީ އެލަވަންސް ދިނުމަށް މާލިއްޔަތު ކޮމެޓީން ނިންމައިފި އެވެ.
މާލިއްޔަތު ކޮމެޓީން އެގޮތަށް މިއަދު ނިންމީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ހުށަހެޅުއްވި މައްސަލާގައި ބަހުސް ކުރެމަށް ފަހު، ކޮމެޓީއަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އިދާރީ މައްސަލައެއްގެ ގޮތުގައި ކާނަލްގެ ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭސް ސަލީމް) އެވެ.
ކޮމެޓީ ނުބާއްވާ މާޗް މަހުގެ އެލަވަންސްގެ 20000ރ. ކޮންމެ މެންބަރަކަށް ދިނުމަށް ވޯޓް ދެއްވީ އެމްޑީޕީގެ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އާއި ކާނަލްގެ އިތުރުން ރެޑްވޭވް ސަލީމެވެ. މާޗް މަހުގެ ކޮމެޓީ އެލަވަސް ނުނެގުމަށް ވޯޓް ދެއްވީ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އާއި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފެވެ.
މާޗް މަހުގެ އެލަވަންސް ނެގުމަށް ވޯޓަށް އެއްސެވީ ކޮމެޓީގެ ރިޔާސަތަށް ވަގުތީ ގޮތުން ހޮއްވެވި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ އެވެ. އޭނާ ކޮމެޓީގެ ރިޔާސަތަށް މިއަދު ހޮއްވެވީ ކޮމެޓީގެ މުގައްރިރާއި ނައިބު މުގައްރިރު ކޮމެޓީ އަށް ވަޑައިނުގަތުމުން މެންބަރުންގެ މެދުގައި ނެގި ވޯޓަކުންނެވެ.
މިއަހަރުގެ މާޗް މަހުގައި ކޮމެޓީ މަސައްކަތްތައް ނެފެށި މަޑުޖެހުނީ ރައީސުލްހުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ މަޖިލީހަށް ހުށަހަޅުއްވަން އުޅުނު ރިޔާސީ ބަޔާނަށް އެމްޑިޕީން ދެ ފަހަރެއްގެ މަތިން ހުރަސްއަޅައި މަޖިލިސް ހުއްޓިފައި އޮތުމުންނެވެ. މާޗް 19، 2012ގައި ރައީސް ވަހީދު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވި ނަމަވެސް މަޖިލީހުގެ ތަޅުމުގެ ތަކެއްޗަށް ގެއްލުން ލިބުމުން، މަރާމާތާ އެކު މަޖިލިސް ހުޅުވީ އެޕްރީލް 2، 2012ގަ އެވެ.
ކޮމެޓީގެ މަސައްކަތް ކުރިއަށް ނުގެންދާ މާޗް މަހުގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ފިޔަވައި، ދެން ތިއްބެވި 76 މެންބަރުންނަށް 15. މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. މަޖިލީހުގެ ރައީސް ކޮމެޓީއެއްގައި ހިމެނިވަޑައިއެއް ނުގަންނަވަ އެވެ.