16 Aug 2010, 07:24
12:25
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ އަހަރީ އާންމު ޖަލްސާ އަނެއްކާ ވެސް ފަސްކޮށްފި އެވެ.
ތަފާތު މައްސަލަތައް ފެންމަތިވުމުގެ ސަބަބުން ނުބޭއްވި ދިގުލަމުންދާ އަހަރީ އާންމު ޖަލްސާ ތިންވަނަ ފަހަރަށް ކެންސަލްކޮށް، ޖަލްސާ ފަސްކުރީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ޣިޔާސުއްދީނު ސްކޫލްގައި ބޭއްވުމަށް ހަމަޖެއްސުމަށް ފަހު އެވެ.
ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު މިއަދު ވިދާޅުވީ މި މަހުގެ 19 ވަނަ ދުވަހު ބާއްވަން އުޅުނީ އެންމެ ފަހުން ޖޫން 29 ވަނަ ދުވަހުގެ ރޭ ބާއްވާން އުޅެ ކުރިޔަށް ނުގެންދެވުނު ޖަލްސާ ކަމަށެވެ. އަދި ވިދާޅުވީ މި ފަހަރު ޖަލްސާގެ ތާރީހު އިއުލާނުކުރުމަށް ފަހު ކެންސަލް ކުރަންޖެހުނީ ކުރިން ވެސް ފެންމަތިވެގެން އައި ޗެއާމަންގެ މަގާމުގައި އިބްރާހިމް ސަލީމް ހުންނެވުމާމެދު ކުރިންވެސް ކަފިވެފައިވާ ހިޔާލުތަކުގެ ސަބަބުން ކަމަށެވެ.
"ޗެއާމަންގެ އިޝޫ މިފަހަރު ވެސް މި ނުކުންނަނީ. ތަފާތަކީ ކުރިން (އާންމު) ޖަލްސާތަރޭގައި، މިފަހަރު މިއުޅެނީ ޑިރެކްޓަރުންގެ ތެރޭގައި އެކަމަށް އެއްބަސްވުމަކަށް ނާދެވިން. ޖަލްސާ ކެންސަލްކުރަންޖެހުނީ (އެހެންވެ)،" މިހާދު ވިދާޅުވި އެވެ. " ޖަލްސާ ނުބޭއްވިދާތީ، ކުންފުނި ހިންގަންހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ވަރަށް ކަންބޮޑުވޭ، އެހެންނަމަވެސް މިއިޝޫތައް ނުކުންނާތީ ޖަލްސާ ފަސްވަނީ."
ފަސްކުރި ޖަލްސާއާ ބެހޭ ގޮތުން އެމްޓީޑީސީން ނެރުނު ބަޔާނެއްގައި ބުނަނީ އަހަރީ އާންމު ޖަލްސާ ކެންސަލްކުރީ ސަބަބުތަކެއް މެދުވެރިވެގެން ކަމަށެވެ. ދެން ޖަލްސާ ބާއްވާނެ ދުވަހެއް އެ ބަޔާނުގައި ވެސް ބުނެފައެއް ނުވެ އެވެ.
މީގެ ކުރިން ވެސް ދެފަހަރަކު ވަނީ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ތާރީހު ކަނޑައެޅުމަށް ފަހު ފަސްކޮށްފަ އެވެ. އެގޮތުން ފުރަތަމަ 14 ޖޫންގައި ޖާލްސާ ބާއްވަން ހަމަޖެއްސުމަށް ފަހު ޖަލްސާ ކުރިޔަށް ނުގެންދެވުނީ ކޯރަމް ހަމަވާ ވަރަށް މެންބަރުން ހާޒިރު ނުވެގެނެވެ.
ކޮމްޕެނީ އޮފް ރަޖިސްޓްރާގެ ހާއްސަ ހުއްދައެއްގެ ދަށުން އެ ޖަލްސާ ދެ ވަނަ ފަހަރަށް ޖޫން 29 ވަނަ ދުވަހުގެ ރޭ ބާއްވަން ހަމަޖެއްސި އެވެ. ނަމަވެސް ޗެއާމަންކަމުގެ މަގާމުގައި އިބްރާހިމް ސަލީމް ހުރުމާމެދު ހިޔާލުތަފާތުވެ އާންމު ހިއްސާދާރުން ޖަލްސާ ކުރިޔަށްގެންދިޔަ ނުދީ ހިފެހެއްޓީ އެވެ.