އިރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުފުޅުކުރެއްވި ހެލިކޮޕްޓަރު މިހާރު ފެނިފައިވާކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގައުމުގެ ރެޑްކްރެސެންޓުން މިހާރުވަނީ ރައިސީ އާއި އެ ގައުމުގެ ޚާރިޖީ ވަޒީރު ހިމެނޭހެން ބައެއް އިސް އޮފިޝަލުން ދަތުރުފުޅުކުރެއްވި ހެލިކޮޕްޓަރާއި އެ ވެއްޓުނު ސަރަހައްދު ހޯދައިފައެވެ.

ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދު ހޯދިފައި މި ވަނީ ބޯ ދުންފިނީގެ ސަބަބުން ގިނަ ގޮންޖެހުންތަަކަކާ ކުރިމަތިވި ނަމަވެެސް މެދުނުކެނޑި 15 ގަޑިއިރިއަށްވުރެ ގިނައިރު ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަނުގެ ތެރެއިންނެވެ.

ހެލިކޮޕްޓަރު ވެއްޓިފައިވާ ސަރަހައްދުކަމަށް މީޑީއާގައި ދައުރުވަމުން އަންނަ މަންޒަރު --

އެ ސަރަހައްދުން އެއްވެސް މީހަކު ދިރިހުރިކަމުގެ ނިޝާނެއް ނުފެންނަ ކަމަށް ވެސް ރެޑް ކްރެސެންޓުން ބުނެއެވެ. ނަމަވެސް އަދިވެސް ރައިސީގެ ހާލުކޮޅުގެ ސީދާ މައުލޫމާތެއް ސާފު ނުވެއެވެ. ރަސްމީ އެއްވެސް އިދާރާއަކުން އަދި ވަކި އެއްޗެއް ނާންގައެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ރެޑްކްރެސެންޓުގެ ވެރިޔާ މައުލޫމާތު ދެއްވި ގޮތުގައި މިހާރު ރެސްކިއު ޓީމުތަކަށް ވަނީ އެ ސަރަހައްދަށް ދެވިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ހެލިކޮޕްޓަރުވަނީ ވަރަށް ބޮޑަށް ހަލާކުވެ، އަނދައިފައެވެ. މި ވަގުތު އެ ސަރަހައްދުން މީހަކު ސަލާމަތްވިކަމުގެ އެއްވެސް އަަސަރެއް ފެންނަން ނެތްކަމަށް ވެސް މައުލޫމާތު ދެއްވިއެވެ.

އިރާންގެ ރައީސް ދަތުރުފުޅުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާއާއެކު އެ ގައުމުގެ އިތުރުން މުޅި ބައިނަލްއަގްވާމީ ދުނިޔެ ވެސް އޮތީ ހާސްކަމެއްގައެވެ.

ސަލާމަތީ އޮަޕަރޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރަހައްދީ ގައުމުތަކުން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ތުރުކީ އަންނަނީ އެ ގައުމުގެ އަސްކަރީ ޑްރޯންތައް ވެސް އެ ކަމަށް ބޭނުންކުރަމުންނެވެ.