ދިރާގް ދިވެހި ލީގުގެ ދެ ވަނަ ބުރުގައި އިއްޔެ ހަވީރު އޭވައިއެލް އަތުން 1- 0 އިން ބަލިވެ، ރެލިގޭޝަނަށް ވެއްޓުމުގެ ބިރު ވެލެންސިއާ އަށް ބޮޑުވެއްޖެ އެވެ.

ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ވެލެންސިޔާކޮޅަށް އޭވައެލްއިން ޖެހި އެ ޓީމުގެ ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގައި ކާމިޔާބު ކޮށްދިނީ ފޯވަޑް އާދަމް ލަރީފް (ރޮނާ) އެވެ.

ދެ ވަނަ ބުރުގައި އަދި ބާކީ ފަސް މެޗް ވެލެންސިއާ އިން ކުޅެންޖެހޭ އިރު، ދެ ވަނަ ބުރުގައި އެ ޓީމް މިހާތަނަށް ކުޅުނު ދެ މެޗުން ލިބުނު ނާކާމިޔާބީއާ އެކު، ލީގް ތާވަލްގައި އެ ޓީމް އޮތީ ހަތް ޕޮއިންޓާ އެކު ފަހަތުން ދެ ވަނައިގަ އެވެ. އަދި އިއްޔެގެ މެޗުން މޮޅުވި އޭވައިއެލް އޮތީ ތާވަލްގެ އެންމެ ފުލުގައި ހަތް ޕޮއިންޓާ އެކު އެވެ.

ރެލިގޭޝަންގެ ވެއްޓުމުގެ ބިރު ވެލެންސިޔާއަށް ބޮޑުވި އިރު، ލީގުގައި މިހާތަނަށް އެ ޓީމް ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅެއް ހޯދިފައި ވަނީ އެންމެ ދެ މެޗުންނެވެ.

އިއްޔެގެ މެޗާ އެކު ދެ ވަނަ ބުރުގެ ކުޅުން ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނު ކަމުގައި ވިޔަސް، އެފްއޭއެމް އިން ބުނެފައި ވަނީ ދެ ވަނަ ބުރުގެ މެޗްތައް އަންނަ މަހުގެ 10 ވަނަ ދުވަހު ފަށާނެ ކަމަށެވެ. އެގޮތުން އެ ދުވަހުގެ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ލީގުގެ އެއް ވަނާގައި މިވަގުތު އޮތް ނިއުރޭޑިއަންޓާއި ތިން ވަނާގައި އޮތް އީގަލްސްއެވެ. އެ ދުވަހުގެ މެޗަށް ނިއު ނުކުންނައިރު ލީގުގެ އެއް ވަނަ މަގާމުގައި އެޓީމް އޮތީ 21 ޕޮއިންޓާ އެކު އެވެ. އަދި އީގަލްސް ތިން ވަނައިގައި އޮތީ 13 ޕޮއިންޓާ އެކު އެވެ.