ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބަޓް ފީކޯ އަވަހާރަކޮށްލުމަށް ދިން ބަޑީގެ ހަމަލާއަކީ ބަޑި ޖެހިކަމަށް ޝައްކު ކުރެވިގެން ހައްޔަރުކޮށްފައިވާ މީހާ އެކަނި ކުރި ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ބަޑީގެ ހަމަލާއާ ގުޅިގެން ފީކޯގެ ފުރާނައަށް ނުރައްކަލެއް ނެތް ނަމަވެސް އަދިވެސް އޭނާގެ ހާލު ސީރިއަސްއެވެ.

ސްލޮވާކިއާގެ އިންޓީރިއާ މިނިސްޓަރު މަޓޫސް ސުތާޖް އެސްޓޯކް ވިދާޅުވީ އެ ހާދިސާގެ ތަހުގީގު ޓީމެއް އެކުލަވާލާފައިވާ ކަމަށާއި ހަމަލާދިން ކަމަށް ޝައްކު ކުރެވޭ މީހާއާއެކު އެހެން ބަޔަކު ބައިވެރިވެފައިވޭތޯ ޓީމުން ބަލާނެ ކަމަށެވެ.

އެ ހަމަލާ ދިނުމުގައި އިތުރު ބަޔަކު ބައިވެރިވެފައިވާ ކަމަށް ބެލެވޭ އެއް ސަބަބަކީ ޝައްކު ކުރެވޭ މީހާގެ އިންޓަނެޓް މުއާމަލާތްތައް ހަމަލާދިންތާ ދެ ގަޑިއިރު ފަހުން ފުހެލައިފައިވުން ކަމަށާއި އެ ކަން ކޮށްފައި ވަނީ ހަމަލާދިން ކަމަށް ޝައްކު ކުރެވޭ މީހާ ނޫން ކަމަށް ވެސް އެސްޓޯކް ވިދާޅުވިއެވެ.

ސްލޮވާކިއާގެ ސްޕެޝަލައިޒްޑް ކްރިމިނަލް ކޯޓުން ބުނީ މީހަކު މަރައިލަން އުޅުމުގެ ތުހުމަތުގައި ޝައްކު ކުރެވޭ މީހާ މިހާރު ހުރީ ބަންދުގައެވެ.

ސްލޮވާކިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ޝައްކު ކުރެވޭ މީހަކީ އުމުރުން 71 އަހަރުގެ މީހެކެވެ. އޭނާއަކީ ޝޮޕިން މޯލެއްގައި ސެކިއުރިޓީ ގާޑަކަށް އުޅުނު މީހެކެވެ.

ފީކޯއަށް ހަމަލާ ދިނީ ގައުމުގެ ވެރި ރަށް ބްރަޓިސްލާވާއާ 93 މޭލު ދުރުގައި އޮންނަ ހާންޑްލޯވާގައި ސަޕޯޓަރުންނާ ބައްދަލުކުރައްވަން އުޅުއްވަނިކޮށް މި މަހުގެ 16 ވަނަ ދުވަހެވެ.

އެގައުމުގެ ސަރުކާރުން ވަނީ ފީކޯއަށް ހަމަލާ ދިނީ އަވަހާރަކޮށްލުމުގެ ނިޔަތުގައި ކަމަށާއި އެއީ ސިޔާސީ ބޭނުމެއްގައި ދިން ހަމަލާއެއް ކަމަށް ބުނެފައެވެ.

އެ ހާދިސާއަކީ 5.4 މިލިއަން މީހުން ދިރިއުޅޭ ސްލޮވާކިއާގެ ސިޔާސީ މަޝްރަހް ގޯސްވެފައިވާ މިންވަރު ހާމަކޮށްދޭ ހާދިސާއެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.