ކ. ތިލަފުށިން ފުރައިގެން މ. މެދުފުށި އައިލެންޑް ރިޒޯޓަށް ހަތަރު މީހުންނާއެކު ދަތުރުކުރަމުންދިޔަ އޭއޭއޭ-37 ދޯނި ގެއްލިގެން ހޯދަން ފެށިތާ 48 ގަޑިއިރު ތެރޭ ޖުމްލަ 10،760 އަކަ ނޯޓިކަލް މޭލު ބަލައިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، އެ ދޯނި ގެއްލިގެން ހޯދުމަށް ކޯސްޓް ގާޑުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދަށުން މިދިޔަ ހޮނިހިރު ދުވަހު ކަނޑާއި ވައިގެ މަގުން ޖުމްލަ 4519 އަކަ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށެވެ. އަދި، އިއްޔެ ކަނޑާއި ވައިގެ މަގުން ޖުމްލަ 6241 އަކަ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށެވެ.

އެކަމަކު، މިހާތަނަށް އެ ދޯނި ފެނިފައެެއް ނުވެއެވެ.

އިތުރަށް އެމްއެންޑީއެފުން ބުނީ، މި ހާދިސާއާ ގުޅުން ހުރި މައުލޫމާތު ކައިރި ގައުމުތަކުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)އާ ހިއްސާކޮށް، ދޯންޏާ ގުޅުން ހުރި މައުލޫމާތެއް ލިބިއްޖެނަމަ ހިއްސާކުރުމަށް އެދިފައިވާ ކަމަށެވެ.

މި ހާދިސާ ހިނގި ސަރަހައްދުން ދަތުރުކުރަމުން އަންނަ އުޅަނދުތަކަށް ހާދިސާއާ ގުޅުން ހުރި މައުލޫމާތެއް ލިބިއްޖެނަމަ، އެމްއާރުސީސީގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅައި ހިއްސާކުރުމަށް އެދޭ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ މި ދޯނިން ދަތުރުކުރީ ބަނގްލަދޭޝް ތިން މީހުންނާއި ދިވެއްސެއް ކަމަށެވެ.

މުދާ އުފުލާ މި ދޯނި، ތިލަފުށިން ފުރާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު 06:00 ހާއިރެވެ.

އެމްއެންޑީއެފުން ބުނީ، އެ ދޯނީގެ ޚަބަރެއް ނުވެގެން އެކަމުގެ މައުލޫމާތު އެމްއެންޑީއެފް އެމްއާރުސީސީއަށް ލިބުނީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 17:20 ހާއިރު ކަމަށެވެ.