13 Jun 2012, 12:37
އެއްލައްކަ ރުފިޔާއަށް ވުރެ ގިނަ ފައިސާގެ އިނާމަކާއެކު ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް މިއަދު ފަށައިފި އެވެ. އިސްލާމީ މަރުކަޒުގައި ހެނދުނު ފެށީ 27 ވަނަ މުބާރާތެވެ.
ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ގުރުއާން މުބާރާތުން ވަނަތައް ހޯދި ބައިވެރިންގެ މެދުގައި ފެށި މުބާރާތުގައި ރާއްޖޭގެ ހުރިހާ ސްކޫލަކުން 83 ދަރިވަރުނާއި ގުރުއާން ކުލާސްތަކުން 112 ގާރީން ބައިވެރިވި އިރު ސްކޫލް ކުދިންގެ ބައިން ވަނަވަނައަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމުގެ ގޮތުގައި ހެއާ ކެއާއިން 120،000ރ. ހުށައަޅާފައި ވެއެވެ.
ގާރީންގެ ތެރެއިން ވަނަ ވަނައަށްދާ ފަރާތްތަކަށް 10،000ރ. ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ވެއެވެ. މީގެ ކުރިން ވެސް ގައުމީ ގުރުއާން މުބަރާތަށް ފައިސާގެ އިނާމު ދެއެވެ. ނަމަވެސް އެއީ މިފަހަރު ހުށަހަޅާފައިވާ އަދަދުތަކަށް ވުރެ ކުޑަކޮށެވެ. އަދި މިއީ ގައުމީ ގުރުއާން މުބާރާތް ވިޔަފާރި ކުންފުންޏަކުން ސްޕޮންސާ ކުރި ފުރަތަމަ ފަހަރެވެ.
ރާއްޖޭން ބޭރުގެ ގާރީ، ފަނޑިޔާރުންނާއެކު މިމަހުގެ 23 އާ ހަމައަށް ކުރިޔަށް ގެންދާ މުބާރާތް މިއަދު ފައްޓަވައި ދެއްވީ ދީނީ އިލްމުވެރިޔާ ޝައިހު އިލްޔާސް ހުސެއިނެވެ. މުބާރާތް ހުޅުވައި ދެއްވުމަށްފަހު އިލްޔާސް ވިދާޅުވީ ގައުމީ ގުރުއާން މުބަރާތަކީ ކީރިތި ގުރުއާނާއި ދޭތެރޭ ލޯބި ޖެއްސުމަށް ވަރަށް ރަނގަޅު މުބާރާތެއް ކަމަށެވެ.
\\\"ކީރިތި ގުރުއާނަކީ އެ ފޮތަށް އަމަލު ކޮށްފިނަމަ އެމީހަކު މަތިވެރިވެގެންދާނެ ފޮތް. އަދި އެ ފޮތަށް އަމަލު ނުކޮށްފިނަމަ އެމީހަކު ނިކަމެތިވެގެންދާނެ ފޮތް،\\\" އޭނާ ވިދާޅުވި އެވެ.
މުބާރާތުގެ ބައިވެރިން ކިޔަވާއިރު ފަނޑިޔާރުންގެ މާކުސްތައް ވަގުތުން ފެންނަ ގޮތަށް ކުރިޔަށްދާ މުބާރާތް ހުޅުވި ޖަލްސާގައި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވާހަކަފުޅު ދެއްކެވި އެވެ. ވިދާޅުވީ ދިވެހިންނަކީ ވަރަށް ރަނގަޅު އަހުލާގެއް ލިބިފައިވާ ބައެއް ކަމަށެވެ. ހިޔާލު ތަފާތުވުން ކިތަންމެ ވަރަކަށް ހުރި ނަމަވެސް ދީނީ ކަންކަމުގައި ދިވެހިން އަކަތިގަނޑަކަށްވާ ކަމަށެވެ.
\\\"ހަގީގަތުގައި ދިވެހިނަކީ ވަރަށް ރަނގަޅު ބައެއް ކިތައްމެ ހިޔާލު ތަފާތުތަކެއް ބައެއް ކަންކަމުގައި ހުއްޓަސް ދީނީ ކަންކަމުގައި ދިވެހިން އެކަތިގަނޑަކައްވާ ކަމީ އެކަން ރަމްޒުކޮށްދޭ ކަމެއް. އެކަން ވަރަށް ރަނގަޅަށް އެނގޭ މިސްކިތު ފަންޑަށް ދެއްވި ތަރުހީބުން ވެސް\\\" ޝަހީމް ވިދާޅުވި އެވެ.