ފަނޑިޔާރުންގެ ގާނޫނަށް ހުށައެޅި އިސްލާހަކީ ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދު އިބުރާހިމަށް އިނާޔަތް ހޯއްދަވައި ދެއްވަން ހުށަހެޅި އިސްލާހެއް ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މަޖިލީހުގައި ވިދާޅުވެއްއްޖެ އެވެ.

ފަނޑިޔާރުންގެ ގާނޫނަށް އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ ހުށައެޅުއްވި އިސްލާހަށް ނަޝީދު ވަރަށް ބޮޑަށް މިއަދު ފާޑު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ އިސްލާހަކީ މުހައްމަދު ރަޝީދު އިބުރާހިމްގެ އިތުރުން މިހާރުގެ ގާނޫނު އަސާސީ އިން ކޮލިފައިނުވި ފަނޑިޔާރުންނަށް ވެސް \"ޖަސްޓިސް ރިޓަޔާޑް\" މަގާމައި އިނާޔަތް ހޯދައި ދޭން ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ. އަދި އެއަށް ތާއީދު ކުރެވެން ނޯންނާނެ ކަމަށެވެ.

\"ކުރިން ފަނޑިޔާރުކަމުގެ ތިއްބަވާފައި މިގާނޫނު އަސާސީގެ ދަށުން މިގާނޫނު އަސާސީގެ ބުނާ ޝަރުތު ފުރިހަމަވާ ފަނޑިޔާރުން ފިޔަވާ ދެން މިގާނޫނު އަސާސީގެ ޝަރުތު ހަމަނުވާ، ބާކީ ވެގެން ދިޔަ މަދު ފަނޑިޔާރުންކޮޅަށް ވެސް މިބުނަނީ އެއީ ޖަސްޓިސް ރިޓަޔާޑްކިޔާފައި އެމީހުންނަކީ ވެސް މި ހުށައަޅާފައިވާ ބިލުގެ ތެރެއިން އިނާޔަތާއި އެއްޗެހި ހަމަޖެހިގެންދާ ބަޔަކަށް ހަދަން. ދެ އަހަރު ދުވަހު ފަހުން އެމީހުންނާއި ވެސް ލިންކު އަޅުވަން ބޭނުންވަނީ،\" ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުހައްމަދު ރަޝީދު އިބުރާހިމް ފަދަ ބޭފުޅުންގެ ނަންފުޅު ވިދާޅުވެ މަޖިލީހުގައި ވާހަކަފުޅު ދައްކަން ދަތި ނަމަވެސް އެބޭފުޅާ އެ މަސައްކަތް ހުއްޓާ ނުލައްވާ އަބަދު ކުރައްވާ ނަމަ އެފަދަ ވާހަކަތައް މަޖިލިހުގައި ވިދާޅުވާން ޖެހޭނެ ކަމަށެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ނަޝީދު ލީގަލް ރިފޯމް މިނިސްޓަރަކަށް ހުންނެވި އިރު އަދި މުހައްމަދު ރަޝީދު އިބްރާހިމް އިސްލާމީ ކަންތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި އިރު ދެބޭފުޅުންގެ މެދުގައި ބަހުގެ ހަމަލާތައް ރައްދުކޮށްފައިވެ އެވެ. އޭރު އެ ދެބޭފުޅުންގެ މެދުގައި ބަހުގެ ހަމަލާތައް އެންމެ ގަދަވީ އިސްލާހު ހުށަހެޅުއްވެވި ޑރ. އަފުރާޝީމް ދީނީ ނަސޭހަތް ދެއްވާ މައްސަލައިގަ އެވެ.

އިސްލާހާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނަށް ހުށައެޅި އިސްލާހުގައި ނާޖާއިޒު ފައިދާތަކެއްވާ ކަމަށް ގަބޫލު ކުރެއްވޭ ކަމަށާއި ކިތަންމެ ދުވަހަކު ހިދުމަތް ކުރެއްވިކަމަށް ވިޔަސް އެ ބޭފުޅަކު އޭރު މަސައްކަތްކުރެއްވެވި އިރު ލިބިވަޑައިގެންނެވި ވަރަށް ފައިސާގެ އިނާޔަތް އެފަރާތަކަށް ލިބެން ޖެހޭ ކަމަށް ބިލުގައި ބުނެފައިވުން އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

\"މި ބިލުގައި ހުށައަޅާފައިވޭ 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް އޭރު ހިދުމަތް ކުރާއިރު މީހަކަށް ލިބޭން ޖެހޭ އިނާޔަތްތަށް ލިބެން ޖެހޭނެ ކަމަށް. އެއީ ގަބޫލް ކުރެވޭނެ ކަމެއް ނޫން. އަދި މިބިލުގައި ކަނޑައަޅުއްވަފައިވޭ އެ އުޅުއްވާ ރަށެއްގެ އެއްގަމު ދަތުރު ފަތުރު ކުރުމުގެ ހިދުމަތް ވެސް ދައުލަތުން ދޭނެ ޖޭހެނެ ކަމަށް\" ހަމްޒާ ވިދާޅުވި އެވެ.

ހަމްޒާ ވިދާޅުވީ ދައުލަތަށާއި ގައުމަށް ހިދުމަތް ކުރެއްވި ފަރާތްތަކުގެ އަގު ވަޒަން ކުރަންޖެހޭ ކަމަށާއި ނަމަވެސް ދައުލަތުގައި މާލީ އެހީތެރިކަން ދެވެން ނެތްވަރަކުން އެފަދަ ފަރާތްތަކަށް މާލީ އެހީއެއް ދެވެން ނޯންނާނެ ކަމަށެވެ.

ފޭދޫ ދާއިރާގެ މެންބަރު އަލްހާނު ފަހުމީ ވިދާޅުވީ ވޭތުވެ ދިޔަ 30 އަހަރު ދުވަހުގެ ތެރެގައި އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމު \"ހައިޖެކް\" ކޮށްފައި އޮތުމަށް ފަހު ހިދުމަތުން ލިބުނު އިންސާފެއް ހެވެއް ރާއްޖޭގައި ގާއިމު ވެފައި ނެތްއިރު ވަކި ބަޔަކަށް އަމާޒު ކޮށްގެން ވަކި ބަޔަކަށް ކޯޓް ތައްޔާރުކުރެވިގެން ގާނޫނުނަށް އިސްލާހު ގެނައުމަކީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

\"މިއަންނަނީ އަބަދުވެސް މައުމޫނު އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ތެރޭގައި 30 އަހަރު ވަންދެން ވެރިކަން ކޮށްފައިވާ މީހުން ހިމާޔަތްކޮށްދީ އެމީހުންނަށް ދައުލަތުގެ ބަޖެޓުންނާއި މާލިއްޔަތުން އެކިއެކި އެހީތަކާއި މަންފާތައް ނަހަމަ ގޮތުގައި ހޯދައި ދިނުމަށްޓަކައި މިތަނުގައި ކުރަމުން ގެންދާ މަސައްކަތް،\" އަލްހާން ވިދާޅުވި އެވެ.

ބައެއް އެހެން މެންބަރުން ވެސް މި ބިލާ ދެކޮޅަށް މިއަދު ވާހަކަފުޅު ދެއްކެވި އެވެ.

އިސްލާހާއި ގުޅޭ ގޮތުން ވިލިމާފަންނު ދައިރާގެ މެންބަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވީ ގައުމަށް ހިދުމަތް ކޮށްދެއްވާފައިވާ ބޭފުޅުންނަށް އިނާޔާތާއި ރައްކާތެރިކަމާއި ހިދުމަތްތައް ދައުލަތުން ފޯރުކޮށްދޭން ޖެހޭނެ ކަމަށާއި ޑރ. އަފްރާޝީމްގެ އެ އިސްލާހަކީ މުހައްމަދު ރަޝީދު އިބުރާހީމަށް އިނާޔަތް ދޭން ހުށައެޅި އިސްލާހެއް ކަމަށް ވާނަމަ އެކަމަށް ވެސް ތާއީދު ކުރައްވާނެ ކަމަށެވެ.

\"އުއްތަމަ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޖަސްޓިސް މިނިސްޓަރެއްގެ ހައިސިއްޔަތުން [މުހައްމަދު ރަޝިދު އިބުރާހިމަކީ] ވަރަށް ބުރަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވާފައިވާ ފަރާތެއް. އެފަރާތްތަކުގެ އަގު އަޅުގަނޑުމެންނަށް އުވައެއް ނުލެވޭނެ،\" ނިހާނު ވިދާޅުވި އެވެ.

މަޖިލިހުގެ ބައެއް މެންބަރުން މި އިސްލާހައި ދެކޮޅަށް ވާހަކަދެއްކެވި އިރު ބައެއް މެންބަރުން ވިދާޅުވަމުން ގެނދެންވީ މަޖިލިހުން އިސްލާހު ބަލައިގަނެ ކޮމިޓިއަކަށް ފޮނުވައި ގެންނަން ޖެހޭ ބަދަލު ގެނެސް ފުރިހަމަ ކުރަން ފެންނަ ކަމަށެވެ.