19 May 2024, 21:21
މި ދުވަސްވަރު މުޅި ރާއްޖެއަށް ވިއްސާރަ ކުރަމުންދާއިރު، ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން މުޅި ރާއްޖެއަށް ރީނދޫ ސަމާލު ނެރެފިއެވެ.
އެ އިދާރާއިން މުޅި ރާއްޖެއަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިރޭ 21:00 އިން 1:00ގެ ނިޔަލަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި، ވިލާ ގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ރާޅުގެ އުސްމިން ހުންނާނެ ކަމަށް އަންދާޒާކޮށްފައިވަނީ ހަ ފޫޓާއި ނުވަ ފޫޓާ ދެމެދުގައެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ، ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުތައް ގަދަވެ، އުދަ ވެސް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެން ކަމުން ހުރިހާ އެންމެން ވެސް، އަދި ވަކިން ޚާއްސަކޮށް، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރެއެވެ.
ހުޅަނގު މޫސުން ފެށި ކޮންމެ އަހަރެއްގެ ވެސް މެއި ޖޫން އަދި ޖުލައިމަހަކީ ރާއްޖެއަށް މޫސުން ގޯސްވާ ދުވަސްވަރެކެވެ. އެހެންކަމުން މޫސުން ގޯސްވުމާ ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ބަޔާންކޮށް އެންޑީއެމްއޭއިން ވެސް ވަނީ އިރުޝާދުތަކެއް ނެރެފައެވެ.