އީރާނުގެ ރައީސް އިބްރާހީމް ރައީސީގެ ހެލިކޮޕްޓަރު ކުއްލި ގޮތަކަށް ފަރުބަދަމަތީ ސަރަހައްދެއްގައި ޖައްސަން ޖެހި، އެއަށް ފަހު ހެލިކޮޕްޓަރާ ގުޅުން ކެނޑުމުން ރައީސީގެ ހާލަތެއް ނޭނގި ކަންބޮޑުވުން އިތުރުވެއްޖެއެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސީގެ ހެލިކޮޕްޓަރު ކުއްލިއަކަށް ޖައްސަން ޖެހުނީ ބޯކޮށް ވާރޭ ވެހި، ދުންފިނި ބޯ ފަރުބަދަމަތީ ސަރަހައްދެއްގައެވެ.

އެ ސަރަހައްދަށް އީރާނުގެ ރެޑް ކްރެސެންޓުން ވަނީ 40 ޓީމެއް ފޮނުވައިފައެވެ. ނަމަވެސް ހެލިކޮޕްޓަރު އޮތް ތަނަށް ދެވިފައިވާ ކަމެއް މިހާތަނަށް އެގައުމުން ކަށަވަރުކޮށްދީފައިނުވެއެވެ.

އެ ހެލިކޮޕްޓަރުގައި ރައީސީގެ އިތުރުން ފޮރިން މިނިސްޓަރު ހުސައިން އާމިރު އަބްދުލްހައްޔާނާއި ވެސް އިންނެވި ކަމަށް އެ އޭޖެންސީން ބުނެފައިވެއެވެ. އަދި އެ ހެލިކޮޕްޓަރުގައި ތިބި ބަޔަކާ މުވާސަލާތު ކުރެވިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެހެންވެ، އެ ހާދިސާގައި ޝާމިލްވާ ފަރާތްތައް ސަލާމަތުން ތިބި ކަމުގެ އުއްމީދު އޮތް ކަމަށް މީގެ ކުރިން ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން އެ ހެލިކޮޕްޓަރާއެކު އިތުރު ދެ ހެލިކޮޕްޓަރެއް ދަތުރުކުރި ކަމަށާއި އެ ދެ އުޅަނދު ރައްކާތެރިކަމާއެކު މަންޒިލަށް ވާސިލުވެފައިވާ ކަމަށް ތަސްނީމް ނޫހުން ބުނެފައިވެއެވެ.

އީރާނުގެ ރައީސްކަމަށް ރައީސީ އިންތިޚާބުވެ، ވެރިކަމާ ހަވާލުވެވަޑައިގަތީ އޮގަސްޓު 3، 2021ގައެވެ.

ދެހާސް ނަވާރަ ވަނަ އަހަރުން ފެށިގެން ރައީސްކަމަށް އިންތިޚާބުވަންދެން އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ރައީސީއަކީ، އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ޚާމަނާއީއަށް ފަހު އެ މަގާމަށް ވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ބޭފުޅާ ކަމަށް މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ލަފާކުރައްވާފައިވެއެވެ.