13 Jun 2012, 11:25
އިއާދަކުރިނިވި ހަކަތައަށް ރެކޯޑް އަދަދެއް ކަމަށްވާ 257 ބިލިޔަން ޑޮލަރު މިދިޔަ އަހަރު ދުނިޔޭގެ ގައުމުތަކުން ހަރަދުކުރި ކަަމަށް އެކުވެރި ދައުލަތް ތަކުގެ ޖަމިއްޔާ ( އދ.) އިން އާއްމު ކުރި ރިޕޯޓެއްގައި ބުނެފި އެވެ.
ރިޕޯޓްގައިވާ ގޮތުން އިއާދަކުރަނިވި ހަކަތައަށް ހަރަދުކުރި 257 ބިލިޔަން ޑޮލަރުގެ ތެރެއިން 147 ބިލިޔަން ޑޮލަރަކީ އިރުގެ އަވިން ހަކަތަ އުފެއްދުމަށް ހަރުދުކުރި ފައިސާ ކަމަށްވާ އިރު އެފައިސާގެ ބޮޑު ބަޔަކީ ޖަރުމަނުވިލާތާއި އިޓަލީ ވިލާތާއި ޗައިނާ އަދި އިނގިރޭސިވިލާތުގައި ގޭގެ ފުރާޅުމަތީގައި ސޯލާ ޕެނަލް ހަރުކުރުމަށް ކުރި ހޭދަ އެވެ.
އިރުގެ ހަކަތަ ހޯދުމަށް ހަރަދުކުރުމުގައި ދުނިޔޭގެ ގައުމުތަކުގެ މެދުގައި މިދިޔަ އަހަރު ބޮޑު ވާދަވެރިކަމެއް އޮތް އިރު އެމެރިކާ އާއި ސްޕެއިންގައި ހަރުކުރި ސޯލާ ތާމަލް އިންސްޓޮލޭޝަން ތަކަށް ކުރި ހަރަދުވެސް އެއަދަދުގެ ތެރޭގައި ހިމެނެއެވެ.
އިރުގެ އަވިން ހަކަތަ ހޯދުމަށް ބޭނުންވާ އާލާތްތައް އުފައްދާ އެމެރިކާއާއި ޖަރުމަނުގެ ބޮޑެތި ކުންފުނިތަކަށް ޗައިނާގެ އެފަދަ ކުންފުނިތަކުގެ ސަބަބުން މިދިޔަ އަހަރު ބޮޑެތި ގޮންޖެހުންތަކާ ކުރިމަތި ވިއެވެ. އެއީ ޗައިނާގެ ކުންފުނިތަކުން އެފަދަ އުފެއްދުންތަކުގެ އަގު އެމެރިކާއާއި ޖަރުމަނުގެ ކުންފުނި ތަކުގެ އުފެއްދުން ތަކަށް ވުރެ ދެބައި ކުޅަ އެއްބައި އަގުހެޔޮ ކޮށްފައި ވާތީ އެވެ.
އިއާދަކުރަނިވި ހަކަތަ ހޯދުމަށް ބޭނުންކުރާ އާލާތްތައް އުފައްދާ ކުންފުނިތައް ކަަމަށްވާ ސޮލިންޑްރާއާއި އެވަގްރީން ސޯލާ އާއި ސްޕެކްޓްރާ ވޯޓް އާއި ސޯލާ މިލޭނިއަމް އަދި ސޮލޯން ފަދަ ކުންފުނިތަކަކީ އިއާދަކުރަނިވި ހަކަތައިގެ އިންޑަސްްޓްރީ ތަސައްރަފު ފުދެމުން އަންނަ ކަމުގެ ނިޝާނެއް ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
އދ. އިން އުއްމީދުކުރަނީ އަންނަ ހަފުތާގައި ބްރެޒިލްގެ ވެރިރަށް ރިއޯޑިޖެނީރޯގައި އޮންނަ ތިމާވެށީގެ ސަމިޓްގައި ބަިއވެރިވާ ގައުމުތަކުން، އިއާދަކުރަނިވި ހަކަތައަށް މިހާރަށް ވުރެ ބޮޑަށް އިންވެސްޓް ކުރުމަށް އެއްބަސްވާނެ ކަމަށެވެ.
އދ.ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2010 ވަނަ އަހަރު ދުނިޔޭގައި ބޭނުން ކުރި އިއާދަކުރަނިވި ހަކަތައަކީ ދުނިޔޭގައި ބޭނުންކުރި ހަކަތައިގެ އެންމެ 16.7 ޕަސެންޓެވެ. ( އެސޯސިއޭޓެޑް ޕްރެސް)