ފުލުހުން ތަހުގިގުކުރަމުން އަންނަ މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގައި އަނެއްކާ ވެސް މީހަކު ހޯދަން މިއަދު އިއުލާނުކޮށްފިއެވެ.

މަކަރާއި ހީލަތުގެ ގިނަ މައްސަލަތަކެއްގައި ގިނަ ބަޔަކު ހޯދަން މީގެ ކުރިން ވެސް ފުލުހުން ވަނީ އިއުލާނުކޮށްފައެވެ.

ފުލުހުން ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން އަންނަ މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގައި ހޯދަމުން އަންނަނީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެއީ، ޠަލްޙަތު ވާފިރު، ޏ. ފުވައްމުލައް / މާދަޑު، ނަސްރީނުއެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ އުޅޭ ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުކުރަން ޗިޓު ރައްދުކުރެވިފައިނުވާ ކަމަށެވެ.

އެހެންވެ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން އާދީއްތަ ދުވަހުގެ ކުރިން ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވުމަށް އޭނާއަށް ވަނީ އަންގައިފައެވެ.

މި ފަހަކަށް އައިސް މަކަރާއި ހީލަތް ހެދުން ވަނީ އިތުރުވެފައެވެ. އެގޮތުން، މިދިޔަ ބުދަ ދުވަހު ވެސް މަކަރާއި ހީލަތް ހެދި ތިން މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފައިވެއެވެ.

ފުލުހުން މީގެ ކުރިން ހާމަކުރި ގޮތުގައި 2022 ވަނަ އަހަރު ސްކޭމްގެ 1،081 މައްސަލަ ރިކޯޑު ކުރެވިފައިވާއިރު މިދިޔަ އަހަރު ރިކޯޑު ކުރެވިފައިވަނީ 971 މައްސަލައެވެ. ނަމަވެސް، ސްކޭމްތަކުގައިވީ ފައިސާގެ ގެއްލުމުގެ އަދަދު 2022ވަނަ އަހަރަށް ވުރެ 2023 ގައި ވަނީ ބޮޑުވެފައެވެ.

މި އަހަރު ވެސް ބޮޑެތި އަދަދުތަކަކުން ސްކޭމްކުރި މައްސަލަތަކެއް ފެންމަތިވެފައިވެއެވެ.