19 May 2024, 14:55
ޣައްޒާ (19 މޭ 2024) : ޣައްޒާގެ އައްސޭރިފަށުގައި އެމެރިކާ ސިފައިން ގާއިމުކުރި ވަގުތީ ފާލަން މެދުވެރިކޮށް ޣައްޒާއަށް ކާބޯތަކެތި ވެއްދިނަމަވެސް އެ ފާލަމުގެ ހަގީގީ ބޭނުމާމެދު ސުވާލު އުފެދޭކަމަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާ އަދި ފަތްހު ޖަމާއަތުން ބުނެފިއެވެ.
ފަތްހު ޖަމާއަތުގެ ތަރުޖަމާނު އަބްދުލްފައްތާޙު ދައުލާ ވިދާޅުވީ އެމެރިކާއިން ބިނާކުރި ވަގުތީ މިފާލަމަކީ އިސްރާއީލުގެ އިސްތިއުމާރީ ބާރު ޣައްޒާގައި ވަރުގަދަ ކުރުމަށާއި ޣައްޒާ ދުނިޔެއާ އެކަހެރި ކުރުމުގެ ދުރުރާސްތާގެ ރޭވުމެއްގެ ދަށުން އެމެރިކާއިން ކުރިކަމެއްކަމަށް ބެލެވޭ ކަމުގައެވެ.
މިގޮތަށް ބެލެވެނީ ޣައްޒާއާއި މިސްރު ގުޅޭ ރަފްހު ބޯޑަރުގެ ގޭޓްވޭ މެދުވެރިކޮށް ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް އިސްރާއީލު ހުރަސްއަޅާއިރު އެމެރިކާ އެކަމާ އަޅައިނުލާތީއާއި ޣައްޒާގެ އައްސޭރި ރަށުގައި އެމެރިކާ ބިނާކުރި ވަގުތީ ފާލަމަށް އިސްރާއީލު މަރުހަބާ ކިޔާފައިވާތީއެވެ. ފަތުހު ޖަމާއަތުގެ ތަރުޖަމާނު ވިދާޅުވިގޮތުގައި މިފާލަމުގެ ކަންތައްތައް ދާނެގޮތަކާމެދު އެ ޖަމާއަތުން ފާރަވެރިވާނެއެވެ.
ޣައްޒާގައި އިސްރާއީލު ހިންގާ ގަތުލުއާންމުތަކާ ދެކޮޅަށް އެންމެ ބޮޑު ޖިހާދެއްކުރާ ހަމާސް ޖަމާއަތުން ބުނީ ޣައްޒާގެ އައްސޭރިފަށުގައި އެމެރިކާ ބިނާކުރި ފާލަން، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޭނުންކުރާނަމަ އެކަމަށް އެއްބާރުލުން ދޭނެކަމުގައެވެ. ނަމަވެސް ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ގަތުލުއާންމުތަކަށް ވާގިވެރިވާ މައިގަނޑު ގައުމަކީ އެމެރިކާކަމަށްވާތީ އެމެރިކާއިން ހެޔޮ ނިޔަތެއްގައި ޣައްޒާގައި ކަމެއްކޮށްދޭނެތޯ ސުވާލު އުފެދޭކަމުގައެވެ.
ހަމާސްއިން ނެރުނު ބަޔާނެއް ބުނާގޮތުން ޣައްޒާއަށް އިންސާނީ އެހީ ވެއްދުމުގެ ފުރުސަތު ރަފްހުގެ ބޯޑަރުންނާ ކަރަމް އަބޫސާލިމްގެ ގޭޓްވޭއިން ދޭނަމަ ޣައްޒާގެ އައްސޭރިފަށުގައި އިތުރު ފާލަމެއް އަޅާކަށް ނުޖެހެއެވެ. އިސްރާއީލު ގެންދަނީ މިސްރާއި ޣައްޒާ ގުޅޭ ރަފްހު ގޭޓްވޭ އިންނާ އަދި އިސްރާއީލާއި ޣައްޒާ އެއްގަމު މަގުން ގުޅުވައިދޭ ކަރަމް އަބޫސާލިމް ގޭޓްވޭ މެދުވެރިކޮށް ޣައްޒާއަށް އިންސާނީ އެހީގެ ތަކެތި ވެއްދުމަށް ހުރަސްއަޅަމުންނެވެ.
މުހައްލިލުން ދެކޭގޮތުގައި ޣައްޒާގެ އައްސޭރިފަށުގައި އެމެރިކާއިން ވަގުތީ ފާލަމެއް ބިނާކުރުމުގެ ދުރުރާސްތާގެ ބޭނުމަކީ އެފާލަން މެދުވެރިކޮށް ޣައްޒާގެ ރައްޔިތުން ޔޫރަޕަށް ހިޖުރަކުރުވުމަށް މަގުފަހި ކުރުވުމެވެ. އަދި ޣައްޒާއަށް އެތެރެކުރާ އިންސާނީ އެހީގެ ޝިޕްމެންޓްތަކުގެ ކޮންޓްރޯލް ހަމައެކަނި އިސްރާއީލުގެ އަސްކަރިއްޔާގެ އަތުގައި ބޭއްވުމަށް މަގުފަހި ކުރުވުމެވެ. މިކަމުގެ ސަބަބުން އިސްރާއީލު ބޭނުންވާ ބަޔަކަށް ކާބޯތަކެތި ފޯރުކޮށްދީފައި އަނެއްބަޔަކު ކާބޯތަކެތިން މަހުރޫމު ކުރުމުގެ ފުރުސަތު އިސްރާއީލަށް ލިބިގެންދާނެއެވެ.
އިސްރާއީލު ގެންދަނީ ޣައްޒާއަކީ އިންސާނުންނަށް ދިރިނޫޅެވޭނެ ސަރަހައްދަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ. މިކަމަށްޓަކައި އިސްރާއީލުވަނީ ޣައްޒާގެ ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި ޔުނިވާސިޓީތަކާއި އާންމުންގެ ގެދޮރާއި އިދާރީ އިމާރާތްތައް އެއްކޮށް ކަހަލަ ގޮތަކަށް ބޮންއަޅައި ފުނޑުފުނޑުކޮށް ބިމާ ހަމަކޮށްލާފައެވެ.
އަދި ޣައްޒާގެ ފޭލިގެތަކަށް ހަމަލާދީ ކޮންމެ ދުވަހަކު 70 ވަރަކަށް އާންމުން ޝަހީދުކުރުމުގެ ގަތުލުއާންމުތަކެއް އިސްރާއީލުން ދަނީ ހިންގަމުންނެވެ. މިކަމުގެ ސަބަބުން ޣައްޒާ ވަނީ އިންސާނުންނަށް ފުރާނަ ސަލާމަތްކުރެވެންނެތް އަދި ދިރިއުޅެވެންވެސް ނެތް ތަނަކަށް ވެފައެވެ.
ޣައްޒާގެ ރައްޔިތުން ޔޫރަޕަށް ހިޖުރަކުވުމަށް ސީދާގޮތެއްގައި އެމެރިކާ ބާރު ނޭޅިނަމަވެސް އެމެރިކާ ނުސީދާގޮތުން މިކަމަށް ތާއީދުކުރެއެވެ. އަދި ޣައްޒާ ދޫކޮށް އެހެން ގައުމަކަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް އެކަމުގައި އެއްބާރުލުން ދޭން ތައްޔާރަށްއޮތްކަން އެމެރިކާ ވަނީ މާކުރިންވެސް ހާމަކޮށްފައެވެ.
މުހައްލިލުން ދެކޭގޮތުގައި އެމެރިކާއާއި އިސްރާއީލުގެ ދުރުރާސްތާގެ ރޭވުމަކީ ޣައްޒާގެ ރައްޔިތުންގެ ގިނަ ބަޔަކު އެސަރަހައްދު ދޫކޮށްދިޔުމަށް މަގުފަހިކުރުވުމެވެ. އަދި އެއަށްފަހު ޣައްޒާގައި ޔަހޫދީން ވަޒަންވެރި ކުރުވުމެވެ. ނަމަވެސް މަންޒަރުތައް ފެންނަގޮތުން ޣައްޒާގައި ހަމާސްގެ މުޖާހިދުން ބަލިކުރުމަކީ އިސްރާއީލަށް ކުރެވޭނެކަމެއް ނޫނެވެ.
އެމެރިކާގެ ދިފާއީ ވަޒީރުގެ ނައިބުވެސް ވަނީ ޣައްޒާގައި ހަމާސް ބަލިކުރުމަކީ ދިގުމުއްދަތަކުންވެސް އިސްރާއީލަށް ކުރެވޭނެ ކަމެއްކަމަށް ނުބެލެވޭކަމަށް ވިދާޅުވެފައެވެ. އަދި އިސްރާއީލުގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ރާމް ބެން ބަރަކް ވެސް ވަނީ މިމޭރުމުން ވާހަކަ ދައްކާފައެވެ.
އޭނާ ބުނެފައިވާގޮތުން ޣައްޒާ ވެގެންދާނީ އިސްރާއީލު ސިފައިން ޖެހޭ ބޮޑު ދަންތުރައަކަށެވެ. ޣައްޒާގައި އިސްރާއީލު ސިފައިންގެ ގިނަބަޔަކު މަރުވެގެންދާނެކަމަށް ލަފާކޮށް ބެން ބަރަކް ވަނީ ވާހަކަ ދައްކާފައެވެ.
ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ ހަމަލާތަކާ ގުޅިގެން 1994 ގައި ދެކުނު ލުބްނާނުން ފައިބަން އިސްރާއީލަށް މަޖުބޫރުވިގޮތަށް ދެތިން އަހަރުފަހުން ނޫނީ އެއަށްވުރެވެސް އަވަހަށް ޣައްޒާއިން އެއްކޮށް ފައިބަން އިސްރާއީލަށް މަޖުބޫރުވާވަރަށް ޣައްޒާގައި ހަމާސްގެ ހަމަލާތަކުގައި އިސްރާއީލު ސިފައިން މަރުވެގެންދާނެކަމަށް ބެން ބަރަކް ލަފާކުރެއެވެ.
ޣައްޒާގެ އައްސޭރިފަށުގައި އެމެރިކާ ސިފައިން ގާއިމްކުރި ވަގުތީ ފާލަން މެދުވެރިކޮށް މިހާރުވަނީ ޣައްޒާއަށް އިންސާނީ އެހީގެ ތަކެތި ވައްދަން ފަށާފައެވެ.