ރައްޔިތުންނާ ދެކޮޅަށް މިސްރު ސިފައިން ހިންގި ޖަރީމާތައް ނުހުއްޓުވި ކަމުގެ ކުށުގައި 25 އަހަރަށް ޖަލަށް ލާފައި ހުންނެވި މިސްރުގެ ކުރީގެ ރައީސް މުހައްމަދު ހުސްނީ މުބާރަކު އަވަހާރަކޮށްލަން ޖަލުގެ ޑޮކްޓަރުން މަސައްކަތް ކުރާ ކަމަށް އޭނާ ތުހުމަތު ކުރައްވައިފި އެވެ.

އުމުރުފުޅުން 84 އަހަރުގެ ހުސްނީ މުބާރަކުގެ ސިއްހީ ހާލުކޮޅު ވަރަށް ގޯސްވެފައިވާ ކަމަށް އަޑު ފެތުރިފައިވަނިކޮށް އޭނާގެ ވަކީލު އިއްޔެ ވިދާޅުވީ މުބާރަކުގެ ހާލުކޮޅު މިހާރު ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް ޖަލުގައި މުބާރަކަށް ފަރުވާ ދޭން ތިއްބެވި ޑޮކްޓަރުންނަށް މުބާރަކު އިތުބާރު ނުކުރައްވާ ކަމަށް ވަކީލު ވިދާޅުވި އެވެ.

މިމަހުގެ ދެވަނަ ދުވަހު މުބާރަކުގެ މައްޗަށް ކުށް ސާބިތުވެ، ގާހިރާގައި ހުންނަ ޖަލެއްގައި އޭނާ ބަންދުކުރި ފަހުން ސިއްހީ ހާލުކޮޅު ދަށަށް ގޮސްފައިވާ ކަމުގެ ހަބަރުތައް ދިޔައީ ފެތުރެމުންނެވެ. އެގޮތުން ލޭގެ ޕްރެޝަރު މަތިވުމާއި ނޭވާފުޅު ލެއްވުމަށް ދަތިފުޅު ވުމާއި ޑިޕްރެޝަން ފަދަ ކަންތައްތައް މުބާރަކަށް ކުރިމަތިވެވަޑައިގެންފައިވާ ކަމަށް އަޑުތައް ފެތުރުނެވެ.

މުބާރަކުގެ ހިތްޕުޅު ރަނގަޅަށް ނުހިނގާ ކަމަށް މިދިޔަ ހޯމަ ދުވަހު ޑޮކްޓަރުންނަށް ފާހަގަ ކުރެވިގެން ހިތްޕުޅު ހިންގުމަށްޓަކައި އެކަމަށް ހާއްސަކޮށްފައިވާ މެޝިނެއްގެ އެހީ ދެ ފަހަރެއްގެ މަތިން ދޭން ޖެހުނު ކަމަށް ވެސް ރިޕޯޓްތައް ފެތުރުނެވެ.

\"މުބާރަކު މިހާރު އެއްވެސް މީހަކަށް އެއްވެސް އިތުބާރެއް ނުކުރައްވާ، އާ ޑޮކްޓަރުން އަންނާތީ އޭނާ އޮންނެވީ ހައިރާން ވެވަޑައިގެންފައި، އޭނާގެ ވަށައިގެން އުޅޭ އެއްވެސް މީހެއް އޭނާއަކަށް އެނގިވަޑައެއް ނުގަންނަވާ. މީ ވަރަށް ބޮޑު މައްސަލައެއް،\" މުބާރަކުގެ ވަކީލު ފަރީދު އަލް ދީބު ވިދާޅުވި ކަމަށް އެސޯސިއޭޓެޑް ޕްރެސް ބުންޏެވެ.

އިތުރު ފަރުވާ ދިނުމަށްޓަކައި އަސްކަރީ ހޮސްޕިޓަލަކަށް މުބާރަކު ބަދަލުކޮށް ދިނުމަށް މިސްރު ސަރުކާރުގައި އެދިވަޑައިގެންފައި ވާނެ ކަމަށް ވެސް ފަރީދު ވަނީ ވިދާޅުވެފަ އެވެ. ( އެސޯސިއޭޓެޑް ޕްރެސް)