އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ އަންހެން ކުޅުންތެރިޔާ ޕޯލަންޑްގެ އިގާ ޝްވާޓެކް ހޯދައިފިއެވެ.

ޝްވާޓެކް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލްގައި ދުނިޔޭގައި ދެވަނައަށް ރޭންކްކުރެވިފައިވާ ބެލަރޫސްގެ އަރީނާ ސަބަލެންކާއާ ބައްދަލުކޮށް ހީކުރި ވަރަށް ވުރެ ފަސޭހަކަމާ އެކު މެޗު ކާމިޔާބުކޮށްގެންނެވެ. މެޗު ޝްވާޓެކް ކާމިޔާބުކޮށްފައިވަނީ ސީދާ ދެ ސެޓުންނެވެ.

އެއީ, ފުރަތަމަ ސެޓު 6-2 އަދި ދެވަނަ ސެޓު 6-3 އިންނެވެ.

ދެ ކުޅުންތެރިންވަނީ އެންމެ ފަހުން ނިމުނު މެޑްރިޑް އޯޕަންގެ ފައިނަލްގައި ވެސް ވާދަކޮށްފައެވެ. ނަމަވެސް، އެ ފަހަރުގެ ފައިނަލް މެޗު ޝްވާޓެކްއަށް ކާމިޔާބު ކުރެވިފައިވަނީ ވަރަށް އުދަގުލުންނެވެ. އަދި، ތިން ފަހަރަށް ޝްވާޓެކްއަށް ޗެމްޕިއަންޝިޕް ޕޮއިންޓް ސޭވްކުރަން ޖެހުނެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ޝްވާޓެކް ބުނީ، މެޑްރިޑްގެ ފައިނަލަށް ފަހު މި ފަހަރުގެ މެޗު ފަސޭހަނުވާނެކަން މެޗަށް ނުކުތްއިރު ވެސް އެނގޭ ކަމަށާއި އެހެންވެ މިި މެޗަށް އޭނާ ވަރަށް ރަނގަޅަށް ތައްޔާރުވީ ކަމަށެވެ. މެޗުގައި އޭނާއަށް ދެއްކުނު ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމުގައި ވެސް އޭނާ ބުންޏެވެ.

މިއީ އޭނާ އިޓާލިއަން އޯޕަންގެ ޗެމްޕިއަންކަން ހޯދި ތިންވަނަ ފަހަރެވެ. ޝްވާޓެކް ބެލެވިފައިވަނީ އަންހެން ކުޅުންތެރިންގެ ތެރޭގައި ކްލޭ ކޯޓަށް އެންމެ ފަރިތަ އެއް ކުޅުންތެރިޔާގެ ގޮތުގައެވެ. މި މަހުގެ 26 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އަހަރުގެ ދެވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ފްރެންޗް އޯޕަން ނުވަތަ ރޯލަންޑް ގެރޯސްއަށް ހުރިހާ ކުޅުންތެރިން ވެސް އަންނަނީ ތައްޔާރުވަމުންނެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ސަބަލެންކާ ވަނީ އިޓަލީވިލާތުގެ ވެރިރަށް ރޯމްގައި ޝްވާޓެކް ހޭދަކުރި ކާމިޔާބު ދެ ހަފުތާއަށް މަރުހަބާ ކިޔާފައެވެ. ކުރިއަށް އޮތް ފްރެންޗް އޯޕަންގެ ފައިނަލްގައި ވެސް ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އުންމީދު ކުރާކަމުގައި ވެސް އޭނާ ބުންޏެވެ.