ނޫރާ… ކިހިނެއްތަ ވީ؟ އަހަންނަށް ކިޔައިދީބަލަ. ދައްތަ އެއްޗެކޭ ކީ ދޯ. އަހަރެން ބޭނުމެއް ނޫން އެންމެ ހިނދުކޮޅަކުވެސް ނޫރާ އެގޭގައި ބަހައްޓާކަށް. ހިނގާ އިންނަން. އިތުރަކަށް މަޑެއް ނުކުރާނަން." އިޝްފާން ނޫރާގެ އަތުގައި ހިފައްޓާލަމުން ބުނެލިއެވެ.

އިޝްފާންގެ އަޑުގައިވަނީ ނޫރާއަށްޓަކައި އިންތިހާ ލޯތްބެވެ. ނޫރާއަށް ކިރިޔާވެސް، ދެރައެއް ލިބޭކަށް އޭނާ ބޭނުމެއް ނޫނެވެ. މުޅި އުމުރު ނޫރާއާއެކު ވުމަށް އޭނާގެ ހިތް އެދެެއެވެ.

"އަހަރެން ބޭނުމެއް ނޫން." މަޑުމޮޅި އަޑަކުން އެހެން ބުނެލިއިރު، ނޫރާ އިނީ އިސްޖަހާލައިގެންނެވެ. އެ އަޑު އައިލެއް މަޑުކަމުން އެ ކީ އެއްޗެއް އިޝްފާންއަށް ސާފުވީވެސް ކިރިޔާއެވެ. އޭނާ ނޫރާގެ އަތަށް މަޑުމަޑުން ފިތާލިއެވެ.

"ނޫރާ، ކީކޭ؟" އިޝްފާން އޯގާތެރިކަމާއެކު، ސުވާލުކޮށްލިއެވެ. އޭނާ ތެދުވެގެން ގޮސް ނޫރާގެ ކުރިމަތީގައި އެއްކަކޫ މައްޗަށް އިށީނދެލިއެވެ. އެއަށްފަހު، ނޫރާގެ ދަތްދޮޅީގައި ހިފާ އިސް އުފުލާލިއެވެ. ނޫރާގެ ދެލޮލުން ފެނުނު ވިދުމާއެކު އިޝްފާންގެ ހިތަށްވެސް ތަދުވިއެވެ. ނޫރާގެ އެ ވޭނީ ދެލޮލުން އިޝްފާންއަށް އެތަކެއް ވާހަކައެއް ބުނެދެމުން ދިޔަ ނަމަވެސް، އޭގެ މާނަ ނަގާނީ ކިހިނެއްކަމެއް ނޭނގި އިރުކޮޅަކު އިޝްފާންއަށް އިނދެވުނެވެ. ސުވާލު އުފެދިފައިވާ ނަޒަރަކުން އޭނާއަށް ނޫރާއާ ދިމާލަށް ބަލަން އިނދެވުނެވެ. މީގެ ކުދިން ކައިވެނި ކުރަން ބޭނުންވެގެން އެންމެ ގިނައިން އެ ވާހަކަ އޭނާގެ ގާތުގައި ދެއްކީ ނޫރާއެވެ. އެެހެންނަމަވެސް، މިއަދު އޭނާ ކައިވެނީގެ ވާހަކަ ބުނުމުން އެކަމާ ނޫރާ ދެކޮޅު ހަދަންވީ ސަބަބެއް ވިސްނާވިސްނާވެސް އިޝްފާންއަކަށް ނޭނގުނެވެ. ނޫރާ އޭނާއާ ހަތަރުކަޅި ހަމަކުރަން ނޫޅޭކަންވެސް އިޝްފާންއަށް ފާހަގަވިއެވެ. ނޫރާއަށް ވެރިވެފައިވާ ނުތަނަވަސްކަމާއި އުދާސްކަން އިޝްފާން ފަސޭހަކަމާއެކު ދެނަގެތެވެ. އެހެންކަމުން އިޝްފާން މަސައްކަތްކުރީ މަޑުމައިތިރިކަމާއެކު، ވާހަކަ ދައްކައިގެން ނޫރާގެ ވިސްނުން ހުރި ނެތްގޮތެއް ބަލާށެވެ. އަދި އޭނާގެ ސަބަބުން ނޫރާއަށް ލުޔެއް ދެވޭނެނަމަ އެގޮތަކަށް އެކަންތައް ކުރާށެވެ.

"އަހަރެން ބޭނުމެއް ނޫން އިޝްފާންއާ ކައިވެނިކުރާކަށް." ހިތްވަރުކޮށްފައި ނޫރާ އެހެން ބުނެލިއިރު އެ އަޑުގައި މަޑުމަޑު ތުރުތުރު އެޅުމެއްވީކަން އިޝްފާންއަށް ދެނެގަނެވުނެވެ.

"ނޫރާ ވަގުތުކޮޅެއް ބޭނުންވީތަ؟ އެހެންވިއްޔާ އެ ވަގުތު އަހަރެން ދީފާނަމޭ…" އިޝްފާން ހުރީ ނޫރާގެ ކޮންމެ އެދުމަލަށް އިޖާބަދޭށެވެ.

"އަހަރެން… އަހަރެން އިތުރަށް މިގުޅުން ކުރިއަށް ގެންދާކަށް ބޭނުމެއް ނޫން." ނޫރާ ދުރު ބަލާލިއެވެ.

"ނޫރާ… ކީކޭ ތިކިޔަނީ؟ ކީއްވެ ކުއްލިއަކަށް؟ އަހަންނަށް ނޫރާ ހިތްހަމަ ނުޖެހޭގޮތަކަށް ކަމެއް ކުރެވުނީތަ؟" ނޫރާގެ ވާހަކަ ގަބޫލުނުކުރެވިފައި އިން ފަދައަކުން އިން އިޝްފާން ބެލީ ޖަޒުބާތުގައި ނުޖެހި ވިސްނައިގެން ވާހަކަ ދެއްކޭތޯއެވެ.

"ތި އިވުނީ ރަނގަޅަށް. އަހަރެން އިތުރަށް މިގުޅުން ކުރިއަށް ގެންދާކަށް ބޭނުމެއް ނޫން." އެ އިން ގޮތަށް އިނދެ އިޝްފާންއަށް ބަލައިލުމެއްވެސް ނެތި ނޫރާ ބުންޏެވެ.

"އަހަރެން ދެކެ ލޯބުނުވަނީތަ؟ ނޫރާ…" އިޝްފާންއަށް ސުވާލުކޮށްލެވުނެވެ.

"އާނ. ނުވޭ…" އޭރުވެސް ނޫރާ އިނީ ދުރުބަލަހައްޓައިގެންނެވެ. ހީވާކަހަލައެވެ. އިޝްފާންއާ ކުރިމަތިލުމުގެ ހިތްވަރެއް އޭނާގެ ނެތެވެ. ނޫރާ ހީވަނީ އޭނާގެ ހިތުގެ ހަޤީޤީ އިޙްސާސްތައް އިޝްފާންގެ ކުރިމަތީގައި ބަންޑުންކުރެވިދާނެތީ ބިރުން އުޅޭ ހެންނެވެ.

"ދެން ކީއްވެ އަހަންނާ ދިމާލަށް ބަލާފައި ތިހެން ނުބުނެވެނީ ؟ އަހަރެން ދެކެ ލޯބި ނުވާނަމަ އަހަންނާ ދިމާލަށް ބަލާލާފަވެސް ތިހެން ބުނުމުގެ ހިތްވަރު ހުންނާނެ. ނޫރާ ޕްލީޒް. ކިހިނެއްތަ ވީ؟ އަހަންނަށް ކިޔައިދީބަލަ. ހެޔޮނުވާނެ! އަހަންނަށް ނޫރާއާ ވަކިން ނޫޅެވޭނެޔޭ. ވާހަކަ ދައްކައިގެން ހައްލު ނުކުރެވޭނެ ކަމެއް ނޯންނާނެޔޭ އަބަދުވެސް ނޫރާ ބުނަމެއްނު. އަހަރެން އާދޭސްކޮށްފަ މި ބުނަނީ، އަހަންނަށް ކަންތައްތައް ސިއްރުނުކުރޭ... އަހަރެން ނޫރާ ދެކެ ވަރަށް ލޯބިވޭ." އިޝްފާންގެ އާދޭސްތަކުން ނޫރާއަށް އަސަރުކުރަމުން ދިޔަ ނަމަވެސް، ހިތުގެ އިޙްސާސްތައް އޭނާގެ ބާރުގެ ދަށަށް ގެންނަމުން ނޫރާ އިޝްފާންއާ ހަތަރުކަޅި ހަމަކޮށްލިއެވެ.

"އަހަރެން ބުނެފީމެއްނު އަހަރެން އިޝްފާންއާ އެކީ އުޅޭކަށް ބޭނުމެއް ނޫނޭ. ލޯތްބެއް ނުވެޔޭ. މި ގުޅުން މިހާ ހިސާބުން ނިމުނީއޭ. އިޝްފާންްއަށް ރަނގަޅުވާނީ އަހަންނާ ދުރުވިއްޔާ." އިޝްފާންގެ އަތް ފޮޅުވާލާފައި ނޫރާ ތެދުވިއެވެ.

"އަހަންނަށް ރަނގަޅީ ދެން ދުވަހަކުވެސް، އިޝްފާން އަހަރެން ހޯދަން މަސައްކަތްނުކުރިއްޔާ." އެހެން ބުނެލުމަށްފަހު، އިޝްފާންއަށް ވާހަކަ ދައްކާނެ ފުރުސަތެއް ނޫރާ ނުދިނެވެ. ފަސް އެނބުރި ބަލައިލުމެއްވެސް ނެތި، އޭނާ ގޮސް އާރޓްފިޝަލް ބީޗުން ނުކުތެވެ. އެ ދިމާލަށް ބަލަން އިޝްފާންއަށް ހުރެވުނީ ގަބުވެފައެވެ. ދެންމެ ނޫރާ އެ ދެއްކި ވާހަކަތައް ގަބޫލުނުކުރެވިފައި ހުރި ފަދައަކުން ހުރުމަށްފަހު، އޭނާ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލުމަށްފަހު، ފުންނޭވާއެއް ދޫކޮށްލީ އަމިއްލަ އިޙްސާސްތައް ހަމައަކަށް އަޅުވަން އުޅޭ ފަދައަކުންނެވެ.

"ނޫރާ…" ނޫރާއަށް ގޮވާލަމުން އިޝްފާން މަގާ ދިމާލަށް ނުކުތްއިރު، އެތަނަށް ހުއްޓި ކާރަކަށް ނޫރާ އަރަނީއެވެ. އިޝްފާން ފޯނު ނަގާ ނޫރާއަށް ގުޅައިލި ނަމަވެސް، ނޫރާ ފޯނެއް ނުނެގިއެވެ. ފޯނު ޖީބަށް ލަމުން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ސައިކަލަށް އަރައިގެން އޭނާ އެ ޓެކްސީގެ ފަހަތުން ދުއްވަމުން ދިޔައެވެ. ޓެކްސީ މަޑުކުރީ ނޫރާ އުޅޭ ގެ ކައިރިއަށެވެ.

ޓެކްސީއިން ފޭބި ނޫރާއަށް ފަހަތުން ސައިކަލުގައި އައި އިޝްފާން ގޮވި ނަމަވެސް، އަޅާނުލާ ގޮސް އޭނާ ގެއަަށް ވަދެ ދޮރު ޖަހައިފިއެވެ.

ނޫރާއަށް އެފަދަ ބޮޑު ބަދަލެއް އަންނަންވީ ސަބަބެއް އިޝްފާންއަށް ވިސްނާ ވިސްނާވެސް ދެނެނުގަނެވުނެވެ. އެހާ ލޯބިން އުޅެފައި ކުއްލިއަކަށް އެ ގުޅުން ނޫރާ ނިންމާލީ ކީއްވެހެއްޔެވެ؟ އޭނާއަށް އަނެއްކާ ގޯސްކޮށް ކަމެއް ކުރެވުނީހެއްޔެވެ؟ ނޫނީ ނޫރާއަށް މީހަކު މަޖުބޫރުކުރަނީ ހެއްޔެވެ؟ އެއީ އަނެއްކާ ނޫރާގެ ދައްތަގެ ކަމެއްހެއްޔެވެ؟ ހިތުގައި އުފެދުނު ސުވާލުތަކަށް ދޭނެ ޖަވާބެއް އިޝްފާންގެ އަތުގަ ނެތްނަމަވެސް، އޭނާގެ ހިތްބުނަމުން ދަނީ ނޫރާގެ އެ ނިންމުމުގެ ފަހަތުގައި ބޮޑު ސަބަބެއް ވާނެކަމުގައެވެ. އެހެންނޫންނަމަ، ނޫރާގެ ދެލޮލުން އެ ފަދަ ވޭނީ އަސަރުތަކެއް ނުފެނުނީހެވެ. އެ މޫނުމަތީގައި މަޑުކޮޅިކަމާއި ހިތާމަވެރިކަން ނުވީހެވެ. އެހެންކަމުން އިޝްފާން އޭނާގެ އަމިއްލަ ނަފްސަށް ވަޢުދުވީ އެ ސަބަބު ނުހޯދާ ހުއްޓާނުލުމަށެވެ. ނޫރާއަށް ޖެހޭނީ އެ ސިއްރުކުރާކަމެއް އޭނާއަށް ކިޔައިދޭށެވެ. އެ ހިތުގެ ހަޤީޤީ ޙާލަތު އޭނާއަށް ކިޔައިދޭށެވެ. އަދި އެ ގުޅުމުގައި ސިއްކަ ޖެހުމުގެ ސަބަބަކީ ކޮންމެ މީހެއްކަމުގައި ވީނަމަވެސް، އެ މީހެއްގެ ނަން ބުނާށެވެ.

ވީގޮތް ނޭނގި ހާސްވެ، ދެރަވެފައި ހުރި އިޝްފާން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ނޫރާ އުޅޭ ގެ ކައިރިއަށް ދެއެވެ. ނޫރާ ބޭރަށް ނުކުންނާނެ އިރަކަށް އިންތިޒާރުކުރެއެވެ. މަގުމަތިން ފެނިއްޖެނަމަ ހުއްޓުވާ ސުވާލުކުރެއެވެ. އެހެންނަމަވެސް އެއިން އެއްވެސް ފަހަރަކު ނޫރާ އޭނާއަށް ޖަވާބެއް ނުދެއެވެ. ބުނާހާވެސް އެއްޗަކީ އޭނާ އިޝްފާންއާ އެކު އެ ގުޅުންކުރިއަށް ގެންދަން ބޭނުންނުވާކަމުގައެވެ. އެ ދެމެދުގައި އެފަދަ ގުޅުމެއް ދެން ދުވަހަކުވެސް ނުއުފެދޭނެކަމުގައެވެ.

އިޝްފާންއާ ނޫރާއާ އެންމެ ގާތްކޮށްއުޅޭ ސަވާއަށްވެސް އެ ދެމީހުންނަށް ބަދަލުތަކެއް އައިސްފިކަން ދެނެގަނެވިއްޖެއެވެ. ސަވާއާއެކު ބޭރަށް ދިޔުންވެސް ނޫރާ އެކީ ހުއްޓާލިއެވެ. އަނެއްކޮޅުން އިޝްފާން އުޅޭގޮތުންވެސް ސަވާ ހުންނަނީ ކަންބޮޑުވެފައެވެ. އެހާ ރަނގަޅަށް ހުރެފައި އަނެއްކާވެސް ބޭރުތެރެއަށް ގިނަވެގެން އުޅެން ފެށުމުން އަނެއްކާވެސް މަސްތުވާތަކެތީގެ ވަބާގެ ތެރެއަށް އިޝްފާން ހިނގައިދާނެތީ ސަވާ ހުންނަނީ ކަންބޮޑުވެފައެވެ. އަނެއްކޮޅުން ނޫރާ ވެސް މިހާރު ސަވާއާ ވާހަކައެއް ނުދައްކައެވެ. އެންމެފަހުން، ސަވާ ނޫރާއަށް ގުޅާ ބައްދަލުކޮށްފައި ވެގެން އުޅޭ ގޮތެއް ކިޔައިދޭން އެދި އާދޭސްކުރުމުން ނޫރާ ބުނީ އޭނާ އިޝްފާންއެކޭ އެއްގޮތަށް ސަވާއާ ވެސް ގުޅުން ބާއްވަން ބޭނުންނުވާކަމުގައެވެ. ސަވާ އެތަކެއް ވާހަކައެއް ދައްކައިގެންވެސް ނޫރާ ކުޑަމިނުން ފޯނުންވެސް އޭނާއާ ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. އަނެއްކޮޅުން އިޝްފާންވެސް ހުންނަނީ ބޯ ގޮވާފައެވެ.

އެންމެފަހުން ސަވާ ބިރުން އުޅުނު ކަންތައްވެސް ވެނިމިއްޖެއެވެ. އިޝްފާން އަނެއްކާވެސް މަސްތުވާތަކެތި ބޭނުންކުރަން ފެށީއެވެ. ނޫރާގެ ޚިޔާލުތަކުން އެ ސިކުނޑި ސަލާމަތްކުރަން ނުކުޅެދުނު އިޝްފާންއަށް އެކަންކުރަން ފެނުނު އެންމެ ރަނގަޅު ގޮތަކީ މަސްތުވާތަކެއްޗެކެވެ. އެ ޚިޔާލުތަކުން ސިކުނޑި މިންޖުކުރުމަށްޓަކައި އިންޖެކްޓަބަލް ޑްރަގް އިޝްފާން ބޭނުންކުރަން ފެށީ އެ ދުވަސްކޮޅުގައެވެ.

އެކަން އެންމެ ފުރަތަމަ ފަޅާއެރީވެސް ސަވާއަށެވެ. އޭނާ އިޝްފާންގެ ކޮޓަރި ސާފުކުރަނިކޮށް އިންޖެކްޝަންތައް ފެނުނީއެވެ. އެ މަސައްކަތްކޮށްފައި އޭނާ ގޮސް ބޮޑުކޮޓަރީގައި އިޝްފާން އަންނަން ދެން އިނެވެ. ބޭރުން އައި އިޝްފާން ފެނުމާއެކު ސަވާ އިޝްފާންގެ ކައިރިއަށް ގޮސް ވާހަކަ ދެއްކިއެވެ.

"އިޝްފާން… ދިރިއުޅުމުގެ ހިތާމައެއް ކުރިމަތިވާ ކޮންމެ ފަހަރަކު މަސްތުވާތަކެތި ބޭނުންކުރުމަކީ ހައްލެއް ނޫނޭ. މިިހާރު އިންޖެކްޝަންވެސް ބޭނުންކުރަން ފެށީ ދޯޯ. އެ ޖަހައިގެން އިޝްފާންއަށް ތި ލިބޭ ލުޔަކީ ކުޑަ ހިނދުކޮޅެއްގެ ކަމެއް. ސިކުނޑި އެ ހަނދާންތަކުން މިންޖުކުރެވެޔޭ ހީވިޔަސް އެއީ ހަޤީގަތެއް ނޫނޭ." ސަވާގެ ބަސްތަކުން އިޝްފާންއަށް އަސަރެއް ނުކުރެއެވެ.

"އަހަންނަށް ވާގޮތް ދޮންތައަކަށް ނޭނގޭނެ." އެހެން ބުނެލާފައި އިޝްފާން އެތަނުން ދުރަށް ހިނގައިގަތީއެވެ.

*****

ރޭގަނޑު ދިހައެއް ޖަހާ ބޮޑުވެއްޖެއެވެ. އެނދުގައި އޮށޯވެލައިގެން އޮތް އިޝްފާން ފޯނުން ނޫރާގެ ފޮޓޯތަކަށް ބަލަމުން ދިޔައެވެ. ފަހަރަކު ފޮޓޯގަނޑަކަށް ބަލަމުން އެ އިން ކޮންމެ ދުވަހެއްގެ ހަނދާންތައް ވަކިވަކިން އާކުރަމުން އިޝްފާން ދިޔައިރު، އެނާގެ ދެލޯ ފެންކަޅިވިއެވެ. ލޯބީގައި އޭނާވެސް ހާދަ ހުވަފެންތަކެއް ދެކުނެވެ. ނޫރާއާއެކު ދެމީހުން ލޯބިން އުޅޭނެ ގޮތުގެ ޚިޔާލުތައް ކުރިއެވެ. ދަރިއަކު ލިބުމުން އެ ދަރިފުޅާއެކު އުޅޭނެގޮތްތައް ސިކުނޑީގައި ރޭވިއެވެ. އެހެންނަމަވެސް، ފަހު ވަގުތު ހީވެސް ނުކުރާ ފަދަ ގޮތަކަށް އެ ހުރިހާ ހުވަފެނެއް ވިއްސިވިހާލިވެގެން ދިޔައީ އޭނާގެ ޙަޔާތުގައި ވެވުނު އަލަތު ލޯބި އަތުން ބީވެގެންނެވެ. ހިތުގެ އިޙްސާސްތަކާއި ޖަޒުބާތުތަކުގެ ކުރިމަތީގައި އޭނާ ބަލިކަށިވެގެންނެވެ. ލޯބީގެ ޖަޒުބާތުގައިޖެހި އެހިތް ކުދިކުދިވެގެންނެވެ. ނޫރާ އޭނާއަށް އެހެން އެ ހެދީ ކީއްވެހެއްޔެވެ؟ އޭނާގެ ކުށަކީ ކޮބާހެއްޔެވެ؟ މީހެއްގެ މަޖުބޫރީގައި ނަމަވެސް، އެ ގުޅުން އެފަދަ ގޮތަކަށް ނިންމާނުލާ އެންމެ ފަހަރަކު އޭނާއާ އެ ވާހަކަ ހިއްސާކުރިނަމައެވެ. އޭރުން އޭނާ ކޮންމެ ޙާލެއްގައިވިޔަސް، އެކަމެއް ހައްލުކުރާނެއެވެ. އެ މީހަކާ ކެރިގެން ކުރިމަތިލާނެއެވެ. ނޫރާއަށްޓަކައި ކޮންމެ ފަދަ ކަމެއްވެސް ކުރާނެއެވެ. ލޯބީގެ އިޙްސާސްގެ ފުންކަމާއި އެ ޖަޒުބާތުތަކަކީ ހަމަ ހަޤީގަތުވެސް ހާދަ އެހެން ކަހަލަ އެއްޗެކެވެ. ލޯބިވެރިން އެ ލޯބި ކާމިޔާބު ކުރުމަށްޓަކައި، ކޮންމެފަދަ ދަރަޖައަކަށް ގޮސްފާނެކަމަށް ވާހަކަ ފޮތްތަކުގައި ވެއެވެ. އޭރު އެއީ އެހާ ބާރުގަދަ އެއްޗެއްކަން އިޝްފާންއަށް ވަޒަންކޮށްލެވިފައިނުވެއެވެ. އެހެންނަމަވެސް، މިހާރު އޭނާއަށް އެކަން ޔަޤީންކުރެވިއްޖެއެވެ.

ވިސްނަމުން ދިޔަ އިޝްފާންގެ ސިކުނޑިއަށް ބަރުވަމުން ދިޔައެވެ. އެހެން އޮވެއޮވެފައި ކުއްލިއަކަށް އެނދުން ތެދުވުމަށްފަހު، ކޮޓަރިން ނުކުމެލިއެވެ. ޖީބުން ނެގި ސިނގިރެޓް ފޮށިން ސިނގިރެޓެއް ނަގާ ލައިޓަރުން އެ ރޯކޮށްލަމުން އޭނާ މިސްރާބުޖެހީ ޓެރެސްއަށް ދިޔުމަށެވެ.

ޓެރެސްއަށް ނިކުންނަ ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. މީހަކު ވާހަކަ ދައްކާ އަޑުވެސް އިވެމުން ދިޔައެވެ. ކައިރިވީ ވަރަކަށް އެއީ ފަތުޙީގެ އަޑުކަން އިޝްފާންއަށް ޔަޤީންވިއެވެ. ދައްކަމުން ދިޔަ ވާހަކައިގެ ތެރެއިން ނޫރާގެ ނަން އިވުނުހެން ހީވެ އިޝްފާން އެ އަޑަށް ސަމާލުކަން ދިނެވެ. ފަތުޙީ އެ ދައްކަމުން ދިޔަ ވާހަކަތަކުން އެ ދައްކަނީ އޭނާގެ ނޫރާގެ ވާހަކަކަން އިޝްފާންއަށް ޔަޤީންވުމާއެކު، އިތުރަށް އެކިޔާ އެއްޗެއް އަޑު އެހުމަށް އޭނާ އެތަނުގައި މަޑުކޮށްލިއެވެ.

"އޭރު ދިން ދިހަ ލައްކަ ރުފިޔާގެ ޗެކު އަހަރެންގެ މޫނުމައްޗަށް ޖެހީ ތިގޮތަށް ކަންތައް ކުރަންވެގެންތަ؟" ފަތުޙީގެ ރުޅިވެރި އަޑު އިޝްފާންއަށް ރީތިކޮށް އިވުނެވެ.

"ކޮންގޮތަކަށްހޭ؟ އަދިވެސް އިޝްފާން ކަލެއާ ބައްދަލުކުރަން ދާކަން އަހަންނަށް އެނގޭ. އެކަން ވެސް ހުއްޓުވާ…" ފަތުޙީ އަނެއްކާވެސް ބުނެލިއެވެ. އެކޮޅުން ނޫރާ ދައްކަމުން ދިޔަ ވާހަކަ ނޭނގުނަސް ފަތުޙީގެ ވާހަކަ ހުރި ގޮތުން އިޝްފާންއަށް ނޫރާގެ ޖަވާބުތައްވެސް އަންދާޒާކޮށްލެވެއެވެ.

"ކަލޭ ބައްދަލުނުކުރިޔަސް އެކަންތައް ހުއްޓުވާ. މަގުމަތީގައި އޭނަ ކަލޭގެ ފަހަތުން ދުވާއިރު، އެ ވެއްޓެނީ މަގޭވެސް އަގޭ… އެ ދިހަލައްކަ މަދީތަ؟ އިތުރަށް އަދިވެސް ފައިސާ ބޭނުންވީތަ؟ ބުނޭ.. ކަލޭ ކިޔާ ކޮންމެ އަދަދެއްވެސް މަށަށް ދެވޭނެ." ފަތުޙީގެ އަޑުގައި ބޮޑާކަމާއި ކިބުރުވެރިކަން ނޫން އެއްޗެއް ނުވެއެވެ.

"އޭތް." ދޮރުފަތް ބާރަކަށް ހުޅުވާލާފައި އިޝްފާން އެތެރެއަށް ވަނެވެ. ފޯނުގައި ހުރި ފަތުޙީވެސް ދިޔައީ ސިއްސައިގެންނެވެ. ރުޅިއައިސް ރަތްވެފައި ހުރި އިޝްފާން ފެނި ދެންމެ ދެއްކި ހުރިހާ ވާހަކައެއް އޭނާއަށް އަޑު އިވުނުކަން ފަތުޙީއަށް ޔަޤީންވިއެވެ. އިޝްފާން ފަތުޙީއަށް ހުތުރުބަހަކުން މުޢާމަލާތްކޮށްލާފައި ވާހަކަ ދައްކަން ފެށިއެވެ.

"ކަލޭ ތިއުޅެނީ މަގޭ ދިރިއުޅުމާވެސް ކުޅެންތަ؟ މަ ބޭނުން މީހަކު މަގޭ ޙަޔާތަށް ގެންނާނީ. އެއީ ކަލެއަކާ ބެހޭކަމެއް ނޫން. ތިމާއަށް އުޅެވޭ ގޮތެއް ހިތަކަށް ނާރާތަ؟ އަނގަ މަޑުން ލައިގެން މަށަށް ވެސް ހުރެވޭނީ ވަކި ވަރެއް ވަންދެން." އިޝްފާން ބުންޏެވެ.

"މަ ބަލާނަން އެ ނޫރާއާ އިނދެވޭތޯ. މޮޅިއްޔާ އިނދެބަލަ." ފަތުޙީ ވެސް ދުލެއް ނުދިނެވެ.

މަތީގައި މާ އަޑު ގަދަވެގެން އުޅޭހެން ހީވެގެން ސަވާއާ މަދީހާ ވެސް މައްޗަށް އެރިއެވެ. އޭރު އިޝްފާން ހިތަށް އައިހާ އެއްޗެއް ފަތުޙީއަށް ގޮވަމުން ދިޔައެވެެ.

"އިޝްފާން. ތިގޮތަށް ބައްޕައާ ވާހަކަ ދައްކާކަށް ނުވާނެ." ސަވާ އިޝްފާން މައިތިރިކުރަން މަސައްކަތްކުރިއެވެ.

"އެހެންވިއްޔާ އޭނަ ކައިރީ ބުނޭ މަގޭ ދިރިއުޅުމާ ނުކުޅޭށޭ. މަ ރައްޓެހިވާނެ މީހަކާ އިންނާނެ މީހަކު އެނގޭނީ މަށަށް." އިޝްފާން ހަޅޭއްލަވައިގަތެވެ. ވެގެން އުޅޭގޮތް ސަވާއަށް އެނގުނީ ދެނެވެ. އިޝްފާންއާ ނޫރާ ދުރުވުމުގައި ފަތުޙީގެ އަތެއް ވާކަމުގައި އޭނާއަށް ޔަޤީންކުރެވިއްޖެއެވެ. ފަތުޙީވެސް އިޝްފާން ބުނާ ކޮންމެ އެއްޗަކަށް ރައްދު ދެއެވެ. ދެބަފައިންގެ ޒުވާބު އަޑު އިވި މަދީޙާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ވީގޮތް ކޮންމެވެސް ވަރަކަށް އެނގުމާއެކު އޭނާ ވާހަކަ ދެއްކިއެވެ.

"އިޝްފާންގެ ޙަޔާތަށް އަންނަ ބައިވެރިއަކީ ރަނގަޅު ކުއްޖެއްނަމަ އެކަމަށް ހުއްދަ ދީ ފަތުޙީ. މިދިޔަ ދުވަސްތަކުގައި އިޝްފާންގެ އުޅުމަށް އައި ހެޔޮ ބަދަލުތަކުގައި އެ ކުއްޖާގެ ހިއްސާ ވޭ." މަދީހާއަށް އޭނާގެ ދަރިފުޅުވެސް މުހިންމެވެ. ފިރިމީހާއާއި އާއިލާގެ ހަމަޖެހުންވެސް މުހިންމެވެ. ހަމައެއާއެކު، ދަރިންނަށް ދެރައެއް ދޭން އޭނާ ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ފަތުޙީ ހުރީ ދޫދޭ ގަޮތަކަށް ނޫނެވެ.

މަސްލަހަތު ގޯސްވެފައިވާ މިންވަރު ފެނިފައި ސަވާ އިޝްފާން ގޮވައިގެން ތިރިއަށް ދިޔައިރުވެސް، އިޝްފާން ހަޅޭއްލަވައެވެ.

* * * * *

ސޯފާގައި އޮތް އިޝްފާންގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އަދިވެސް އެހިތި މާޒީގެ ހަނދާންތައް އޭނާގެ ހިތާ ސިކުނޑީގައި ބިންވަޅު ނެގިފައިވެއެވެ. އޭނާގެ ދިރިއުޅުން ވެއްޔާ މޮޑެވިގެން ދިޔުމުގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ ފަތުޙީއެވެ. އެ ނުލަފާ މީހާ ވަނީ އޭނާގެ ދިރިއުޅުން ހަލާކުކޮށްލާފައެވެ. އެފަދަ ޚިޔާލުތަކުގައި އެތައް އިރަކު އިޝްފާން އޮތެވެ. އެ ޚިޔާލުތަކުން އޭނާގެ ސިކުނޑީގެ ނާރުތަކަށް ވަނީ ހިސާބަކަށް ވާންވެފައެވެ. ބޮލުގައި ވަނީ ބަރުކަމެކެވެ. ކޮންމެވެސް ވަރެއްގެ ރިހުމެއް ބޮލުގެ އެއް ފަޅީގައި ހުރިހެންވެސް ހީވެއެވެ. ސިކުނޑީގެ އެ ބަރުކަމަށް ލުޔެއް ހޯދަން ބޭނުންވި އިޝްފާން ސޯފާއިން ތެދުވެގެން ގޮސް ބަދިގެއަށް ވަނެވެ. ކޮފީއެއް ގިރާލައިގެން އެ ހިފައިގެން އޭނާ ނުކުތީ ސިޓިން ރޫމަށެވެ. އޭސީ ޖައްސާލުމާއެކު، ކޮފީގެ މީރުވަސް މުޅި ތަނުގައި ހިފާލިއެވެ. ޓީވީން ފިލްމެއް އަޅުވާލަމުން ސޯފާގައި އިށީނދެލާ ކޮފީ ޖޯޑުން އެތި ފޮދެއް ބޯލިއެވެ.

ހަވީރު އިޝްފާން ބަނދަރުމައްޗަށް ނުކުތީ ކުރާނެ އިތުރުކަމެއް ނެތުމާއިވެސް އެކުގައެވެ. އެތަނުގައި އޮތް ލޯންޗަކަށް ބައެއް މީހުން އަރަމުންދިޔަ މަންޒަރު ބަލަން ހުރުމަށްފަހު، އިޝްފާން ގޮސް އިށީނީ އަތިރިމަތީގައި ހުރި ޖޯލިތަކުން ޖޯއްޔެއގައެވެ. އެހެން އޮއްވާ އޭނާގެ ލޮލުގައި އަޅައިގަތީ ވަރަށް ބާރަށް ދަބަހެއް ކޮނޑުގައި އަޅުވައިގެން އެ ދިމާލަށް ދިޔަ ނިހާދެވެ. އެގޮތަށް ނިހާދު ފެނުމާއެކުމ އިޝްފާން ވަށައިގެން ޒައިނާ ފެނޭތޯ ބެލީ ނިހާދާއެކު ޒައިނާވެސް ގޮސްފާނެތީއެވެ. އެހެންނަމަވެސް، ނިހާދު ގޮސް ލޯންޗަށް އެރި އިރުވެސް ޒައިނާއެއް ނުފެނުނެވެ.

ލަސްތަކެއްނުވެ ލޯންޗު ނައްޓާލައިފިއެވެ. އެ މަންޒަރު ބަލަން އިން އިޝްފާންގެ ޙިޔާލުތައް އަނެއްކާވެސް ގޮސް ގުޅުނީ ޒައިނާއާއެވެ. ޒައިނާގެ ޙާލު ކިހިނެއްހެއްޔެވެ؟ ނިހާދު އޭގެފަހުން ވެސް ޒައިނާއަށް އަނިޔާ ކުރި ހެއްޔެވެ؟ އެފަދަ ޚިޔާލުތައް ހިތަށް ވެރިވަމުން ދިޔަވަރަކަށް ޒައިނާއާ ބައްދަލުކުރަން އޭނާގެ ހިތް އެދެން ފެށިއެވެ. ޒައިނާއަކީ މީހެއްގެ އަނތްބެކޭ ބުނެ ހިތަށް ވިސްނައިދޭން މަސައްކަތް ކުރި ނަމަވެސް، މިހާރު އެ ހިތް ހީވަނީ އޭނާގެ އިޚްތިޔާރުން ބޭރުވަމުންދާހެންނެވެ. ޒައިނާއާ ދުރުގައި ހުރުމަކީ ޚުދު އޭނާއަށް އެންމެ ރަނގަޅު ގޮތްކަން އެހިތަށް އެނގޭއިރުވެސް، އެ ހިތް އޭނާގެ އެ ގޮވުންތަކަށް އިޖާބަ ނުދެނީ ކީއްވެހެއްޔެވެ؟ ނޫރާއާ ވަކިވީފަހުން އިޝްފާންއަށް އަންހެން ކުއްޖަކާ މެދު ވިސްނޭ މީ ފުރަތަމަ ފަހަރެެވެ.

ޖޯލީގައި އޮއްވާ އެތަނަށް އައި ޒުވާނުންތަކެއް ރާޒުވާކުޅެން ފަށާފައި ގޮވުމުން އޭނާވެސް ގޮސް އެމީހުންނާ ބައިވެރިވިއެވެ. ހަތެއް ޖަހަން އުޅެނިކޮށް ގެއާ ދިމާލަށް މިސްރާބުޖެހި އިޝްފާން ދިޔަ މަގުމަތީގައި ހުރި ކެފޭއަކަށް ވަދެ ރޭގަނޑު ކާނެ އެއްޗެއް ގަނެލިއެވެ. އެއަށްފަހު ގެއަށް ގޮސް ފެންވަރާލީ ހޫނުވެފައި ހުރިވަރުންނެވެ.

އެރޭ އިޝްފާން ގޭތެރޭގައި ހުރި ޖޯއްޔަށް ނުކުމެލިއެވެ. ޒައިނާމެންގެ ހުރީ ދިއްލާފައިކަމުން އެގޭގައި ޒައިނާ އުޅޭކަން އޭނާއަށް ޔަޤީންވިއެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު އިޝްފާން، ޖޯލިން ތެދުވެލިއެވެ. އޭނާގެ ބަސްނާހާ ހިތް ޒައިނާ ކައިރިއަށް ގޮސް ޒައިނާގެ ޙާލު ބެލުމަށް މަޖުބޫރުކުރުވަނީއެވެ. އެ އެދުންތަކަށް ފުރަގަސްދޭން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، މިފަހަރު އިޝްފާންއަށް ޖެހުނީ އެ ހިތުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާލާށެވެ. ކޮންމެ ގޮތެއްހަދާފައިވެސް އެ ހިތުގެ މުރާދު ހާސިލްކުރަން އިޝްފާން ބޭނުންވިއެވެ. އޭނާގެ ހިތަށް ހަމަޖެހުމެއް ލިބެން އޮތީ ޒައިނާ ފެނިގެންނެވެ. އެ ނުތަނަވަސްކަމަށް ތަސައްލީއެއް ލިބޭނީ ޒައިނާގެ ޙާލު އެނގުމުންނެވެ.

ފިޔަވަޅަކަށްފަހު، ފިޔަވަޅެއް ކުރިއަށް އަޅަމުންދިޔަ އިޝްފާންގެ މޫނުމަތިން ކުރެވެން އުޅޭ ކަންތަކާ މެދު ވިސްނަމުންދާކަން ދޭހަވަމުން ދިޔައެވެ.

އެގޭގެ މައި ދޮރު ހުރީ ލައްޕާފައެވެ. ދޮރު ކައިރީގައި މަޑުކޮށްލައިގެން، ދެ ވިސްނުމެއްގައި ހުރި މީހަކު ފަދައިން ހުރުމަށްފަހު، އިޝްފާން ދޮރުގައި ޓަކި ޖަހާލިއެވެ.

ސޯފާގައި އޮށޯވެލައިގެން ފޯނުން ވާހަކައެއް ކިޔަން އޮތް ޒައިނާ ތެދުވެލީ އެ އަޑަށެވެ. އެ ވަގުތު އެގެއަށް އަންނާނީ ކާކުބާއޭ އޭނާގެ ހިތަށް އެރިއެވެ. ނިހާދު ވަނީ އޮފީސްކަމަކު ތިން ދުވަހަށް ރަށުން ބޭރަށް ގޮހެވެ.އޭނާ ގޮސް ދޮރުކައިރީގައި ހުއްޓުނެވެ. އަނެއްކާ ވަގަކު ބާވައެވެ. މީހުން އުޅޭ ހިސާބާ ތަންކޮޅެއް ދުރުގައި ހުންނާތީ އިމާރާތުގެ މަސައްކަތްކުރާނަމަ، ނުވަތަ ގޯތިތައް ސާފުކުރާއިރު، ބައެއް މީހުން އަޔަސް އާއްމުގޮތެއްގައި ވަރަށް މީހުން އެގެއަށް ނާންނާނެއެވެ. އެހެން ހުއްޓާ އަނެއްކާވެސް ޓަކި ޖަހައިފިއެވެ. ވިސްނާލަމުން ޒައިނާ ދޮރު ކުޑަކުޑަކޮށް ހުޅުވާލާ ބޭރު ބަލާލިއެވެ. އެއާއެކު ފެނުނު ސޫރައެއްގެ ސަބަބުން ހައިރާންކަމެއް އޭނާއަށް ލިބުނެވެ.

"އިޝްފާން." ޒައިނާއަށް ލިބިފައިވަނީ ހައިރާންކަމެކެވެ.

"ޒައިނާ…" އިޝްފާން ޒައިނާއަށް ވަރަށް ފުންކޮށް ބަލާލިއެވެ. ޒައިނާގެ ރަތްވެފައިވާ ދެލޯ ހެކިދެނީ އޭނާ ވަރަށް ރޮއިފައިވާކަމެވެ.

"ކީކުރަން ތިއައީ؟ ނިހާދު އައިސްދާނެ. ދޭ…" ކުރީގެ ހާދިސާ ހަނދާނަށް އައި ޒައިނާ ބުނެލިއެވެ. އިޝްފާންއަކީ މަސްތުވާ ތަކެތި ބޭނުންކުރާ މީހެއްކަމުން، އިޝްފާންއާ ވާހަކަ ދައްކަންވެސް ޒައިނާ ހުރީ ޖެހިލުން ވެފައެވެ.

"ނިހާދު ނެތެއްނު!" އިޝްފާން ބުނެލިއެވެ.

"އަހަރެން ދުށީމޭ އޭނަ ފުރަނިކޮށް." ހައިރާންކަމާއެކު ޒައިނާ ބަލަން ފެށުމުން އިޝްފާން އޮޅުން ފިލުވައިދިނެވެ.

(ނުނިމޭ)