ހެނދުނު ހޭލެވޭނީ އޮފީހަށް ދާން ކުރާ އެލާމަށެވެ. ވަރުބަލިކަަން ނުފިލާ ތަންމައްޗަކުން ތެދުވެ، އަވަހަށް ތައްޔާރުވެލައިގެން އޮފީހަށް ގޮސް ކޮނޑުއަޅަން ޖެހެނީ ބުރަ މަސައްކަތެވެ. އެއީ އިތުރު އެހެން ކަމަކަށް މީހާ ހުސްވާން ވަގުތު ލިބޭ އަށް ގަޑިއިރެއް ނޫނެވެ.

އެއާއެކު އޮފީސް ނުނިމެނީސް ހަތަރެއް ޖަހާއިރު ކުލާސްތައް ފަށަން ތައްޔާރުވެއެވެ. އެހެންވީމާ އެ ވަގުތު ޖެހެންވާއިރަށް އޮފީސް މަސައްކަތް ނިންމައި ކުލާހަށް ދާން ކޮންމެހެން ވެސް ނިކުންނަން ޖެހެއެވެ. ތެޅެމުން ފޮޅެމުން ގޮސް 4:20 ގެ ކުރިން ކުލާހުގައި އިނދެގެން ނޫނީ ހާޒިރީ ލިބުމުގެ ނަސީބު ގިނަ ފަހަރު ނުލިބޭނެއެވެ. ކުލާސް ގޮނޑީގައި އިށީންނަ ގޮތަށް ބައެއް ރޭރޭ 8:00 ޖަހަންދެން ނުވަތަ އަނެއް ބައި ރޭރޭ، 10:00 ޖަހަންދެން ވެސް އިންނަން ޖެހިދާނެއެވެ.

ކާނެ ވަގުތެއް، އަރާމުކޮށްލާނެ ވަގުތެއް، ނުވަތަ އެހެން ކަމަކާ އިތުރު ފިކުރެއް ކުރާނެ ވަގުތެއް ނުލިބެއެވެ. ކުލާސް ނިމި ހެނދުނު ނިކުތް މީހާއަށް ގެއަށް ދެވޭއިރު އިތުރު އެއް ކަމެއް ވެސް ކުރާނެ ހިތްވަރެއް ނޯވެއެވެ. އެސައިންމަންޓެއް ނުވަތަ ޓެސްޓެއް އަންނަން އޮތިއްޔާ ނިދި ގުރުބާންކޮށްލުން ނޫން އިތުރު ގޮތެއް ނޯވެއެވެ. ސަބަބަކީ އެއީ ކިރިޔާ ވެސް ލިބޭ ހުސް ވަގުތަށް ވާތީއެވެ.

މިއީ ޑިގުރީއެއް ނިމެންދެން ގިނަ ދަރިވަރުން ތަކުރާރުކުރާ ކޮންމެ ދުވަހެއްގެ ހަގީގަތެވެ.

ހަމަ ޔަގީނުން ވެސް އެނގޭ އެެއް ކަމަކީ މިއީ އެއް ގޮތަކަށް ވެސް ރަނގަޅަށް ހިނގަމުން އަންނަ ކަމެއް ނޫން ކަމެވެ. ސުވާލަކީ މިއީ ރާއްޖޭގެ ނިޒާމުގެ މައްސަލައެއްތޯ ނުވަތަ ދަރިވަރުންގެ ކަންކަން ތަރުތީބު ކުރުމުގައި އޮތް މައްސަލައެއްތޯއެވެ.

ސިވިލް ސާވަންޓުން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ކިޔެވުމަށްވުރެ އިސްކުރެވެނީ ވަޒީފާ

ތައުލީމާއި، މަސައްކަތު މާހައުލުގެ ކަންކަން ފުށު އެރުމަކީ ރާއްޖޭގައި ދަރިވަރުންނަށް ދިމާވާ އެންމެ ބޮޑު މައްސަލައެވެ. ސައްވީސް ގަޑިއިރު ތެރެއިން ކިޔަވާނެ ވަގުތާއި އަމިއްލަ ދިރިއުޅުމާއި ވަޒީފާއަށް ވެސް ވަގުތު ދޭން ޖެހެއެވެ.

ނަމަވެސް ދަރިވަރުންގެ ވާހަކަތަކުން ޔަގީންވާ އެއް ކަމަކީ އެ ތިން ކަންތަކަށް އެއް މިންވަރަކަށް ވަގުތު ނުދެވޭނެ ކަމެވެ. އެހެންވެ މިއީ ގިނަ ދަރިވަރުންނަށް ކިޔެވުން އެންމެ ފަހު ކަމަކަށް އިސްކުރެވޭ ސަބަބެއްކަމަށް ވެދާނެކަމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޑީން އޮފް ސްޓޫޑެންޓްސް އައިޝަތު ލީލާ އަހްމަދު ވިދާޅުވިއެވެ.

"ހުރިހާ ކުދިންގެ ވާހަކައެއް ނޫން. މިއީ އިން ޖެނެރަލް. އެހެންވީމަ ފަހަތަށް ދިޔައިމާ މި ވާގޮތަކީ އޮފީހަށް ދިޔައީމާ އޮފީހުގައި އިންނަ މީހާގެ ހިފެހެއްޓުން ވަރަށް ބޮޑު. ޔުނިވާސިޓީގެ ކިޔެވުން ދެން މި ކުޑަކޮށް އަނބުރައިލެވެނީ ދޯ،" "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވިއެވެ.

ވަޒީފާއަކީ ކޮންމެ ދަރިވަރަކަށް ވެސް މުހިންމު އެއްޗެކެވެ. ހަމައެކަނި ކިޔަވަން ހުސްވެގެން ތިބުމަކީ ރާއްޖޭގެ ހާލަތު އޮތް ގޮތުންނާއި، ފުދުންތެރިކަން އޮތް މިންވަރަށް ބަލާނަމަ ގިނަ ދަރިވަރުންނަށް އޮތް ފުރުސަތެއް ނޫނެވެ. އެހެންވެ، ދެތިން ކުލާހެއް "ކަޓުވައިލެވުނު" ނަމަވެސް އޮފީހަށް ސަލާމެއް ބުނުމަކީ 'ޗޮއިސް' އެއް ނޫނެވެ.

"އާންމުކޮށް ވަކި ވަރަކަށް އެޓެންޑެންސް ގެއްލުނީމާ މި ރިސްކަކަށް ވަނީ. އެހެންވެ ވަރަށް ގިނައިން އެހެން އެބަ ކަޓުވައިލެވޭ ކްލާސްތައް. އެކަމު އޮފީހަށް ނުގޮސްފިޔާ އަދި މާ އުނދަގޫކޮށް ދޯ ކަންކަން މި އޮންނަނީ. ކުލާހަށް ނުދިޔަޔަސް އެ ދުވަހުގެ ފިލާވަޅު ލިބޭނެ ގޮތް ހެދޭނެ ކޮންމެވެސް ގޮތަކުން،" ކިޔަވަމުން އަންނަ ދަރިވަރަކު ބުންޏެވެ.

މިއީ ދަރިވަރުންނަށް މަތީ ތައުލީމާއި ވަޒީފާ ބުރައެއްގެ ގޮތުގައި ވިސްނެން މެދުވެރިވާ އެއް ސަބަބެވެ. ހިފެހެއްޓުން ބޮޑީއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ކޯވިޑްގެ 2ވަނަ ރާޅައް ފަހު ކްލާސްތަކަށް-- ސަން ފޮޓޯ- އިބްރާހިމް އިފާޒް

ނުކުރެވެނީ ބެލެންސް، ކުރަންވީ ކަމަކީ އެއީ

ވަޒީފާއެއްގައި އުޅެމުން ތައުލީމު ހާސިލްކުރާނަމަ އެންމެ މުހިންމީ އެކި ކަންކަން ބެލެންސްކުރުމެވެ. އެގޮތުން، އަދައިކުރާ ވަޒީފާއާއި ލިބޭ އާމްދަނީއާ މެދު ވިސްނައި، ކިޔެވުމަށް ވަގުތު ލިބޭނެހެން ކަންކަން ބައްޓަންކުރުމަށް އިސްކަން ދިނުން މުހިންމެވެ.

"ގިނަ ފަހަރު ކުއްޖަކަށް ޑިގްރީއެއް ނެތި، ޕްރޮޕާ ސެޓްފިކެޓެއް ނެތި މި ލިބެނީ 6،000 އެއްހައި ރުފިޔާ އާންމުކޮށް. މިއީ ޖެނެރަލީ. ޓޮޕެއް ނުވަތަ ބޮޓޮމެއް ނޫން. އެ ކުއްޖާ އެބަޖެހޭ، މިސާލަކަށް ފިހާރައެއްގައި އިންނަނީ. އެ ތަނުގައި އެބަ އިންނަންޖެހޭ އަށް ގަޑިއިރު އެ 6،000 ރުފިޔާ ހޯދަން،" އޭނާ ވިދާޅުވިއެވެ.

ޔުނިވާސިޓީއަށް ތައުލީމް ހާސިލްކުރަން އަންނަނީ ވަރަށް މޮޅު، ތޫނުފިލި ކުދިންކަން ފަހަގަކުރައްވައި ލީލާ ވިދާޅުވީ، އެ ކުއްޖަކު މޮޅު މާއްދާއަކުން ޓިއުޝަން ނަގައިދިނުމަކީ ވެސް ދަރިވަރަކަށް ކުރެވިދާނެ ކަމެއް ކަމަށެވެ.

މިއީ ހަފުތާއަކު 48 ގަޑިއިރު މަސައްކަތުގައި ހޭދަކުރުމުގެ ބަދަލުގައި އަމިއްލަ ވަގުތުގައި ކުރެވޭނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޑީން އޮފް ސްޓޫޑެންޓްސް އައިޝަތު ލީލާ އަހްމަދު -- ސަން ފޮޓޯ/ ނާއިލް ޙަފީޒް

ހަމައެއާއެކު ފިލާވަޅުތައް ދަސްކޮށް ބަލައިލަން ވަގުތު ހޯދުމަކީ ވެސް ކުރަންޖެހޭ ކަމަކަށްވާއިރު އެ ކަންކަން ގަވައިދުން ކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ބެލެންސް ނުކޮށް ނުވާނެ މިކަމެއް. އެހާ ބޮޑަށް ސްޓްރަގްލް ކުރަން ޖެހުނީމާ އެބަ ސްޓްރެސްވޭ. އެންޒައިޓީ އެބަ ބޮޑުވޭ. އެއީ ހުރިހާ އެއްޗެއް ފަހަތަށް މި ޖެއްސެނީ ވޯކްގެ ކަންކަން ނިންމަން. ދެން މި ބެހެއްޓެނީ ޔުނިވާސިޓީ ވޯކް. ބެހެއްޓުނީމާ މި ތަނުގައި ވެސް ހަމަ ފަހަތުން ދުވާނެ،" އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ރަނގަޅަށް ބެލެންސްކުރަން އެނގުމަކީ ތައުލީމު އުނގެނުމުގައާއި ވަޒީފާ އަދައިކުރުމުގައި ވެސް އެންމެ މުހިންމު އެއް ކަންތައްކަމަށް ލީލާ ވިދާޅުވިއެވެ.

ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއަކީ ކޮބާ؟

ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއަށް ބަލައިނަމަ، އޮސްޓްރޭލިއާފަދަ ތަހުޒީބީ ގައުމުތަކުގައި މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް ޚާއްސަ ގަވައިދުތައް ހަދައިފައި ހުރެއެވެ. އެގޮތުން ޔުނިވާސިޓީއެއްގައި ޑިގްރީއަށް ކިޔަވާނަމަ ސެމިސްޓަރެއްގެ ތެރޭ އެ ދަރިވަރަކަށް ހަފުތާއަކު 20 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރުމަކީ މަނާ ކަމެކެވެ.

މީގެ ބޭނުމަކީ ދަރިވަރުންނަށް ކިޔެވުމަށް ބޭނުންވާ ފުރިހަމަ ވަގުތު ކަށަވަރުކޮށްދިނުމެވެ. އަދި ނަފްސާނީ ގޮތުން އެ ދަރިވަރުންގެ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމެވެ.

ނަމަވެސް ޗުއްޓީ ދުވަސްވަރު ކިތަންމެ ގިނަ ވަގުތު ވެސް ވަޒީފާތަކުގައި ހޭދަ ކުރަން އެއްވެސް ހިފެހެއްޓުމެއް ނޯވެއެވެ.

އެހެންކަމުން ރާއްޖޭގައި ވެސް މިފަދަ ބައެއް ކަންކަން، ދިވެހި މުޖުތަމައުއާ ގުޅޭ ގޮތަށް އެކުލަވައިލާ ތަންފީޒުކުރުމަކީ ކުރެވިދާނެ ކަމެކެވެ.

ވަޒީފާ ވެސް ޑިގުރީ ވެސް މުހިންމު، ހައްލަކީ ކޮބާ؟

ވަޒީފާގައި ކިތަންމެ ބުރަކޮށް އުޅެމުން ނަމަވެސް، ފުރަތަމަ ޑިގްރީ ކިޔަވަން ކޮންމެ ދަރިވަރަކު ވެސް ވަންނަނީ، ތިން އަހަރުން ކިޔަވައި ނިންމުމުގެ އަޒުމުގައެވެ. ގިނަ ދަރިވަރުންގެ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ވަޒީފާ އަދައިކުރަން މަޖުބޫރުވާތީ އެ ކުދިންނަށް ވަޒީފާ ވެސް މުހިންމެވެ.

"މީގައި ބެސްޓް ޕްރެކްޓިސްއަށް ފުރަތަމަ ބަލަން ޖެހޭނީ. ދުނިޔޭގައި މި ކަން އޮންނަނީ ކިހިނެއްތޯ. ކިޔެވުމުގައި ފަސްޓް ޑިގްރީގެ ވާހަކަ އަސްލު ބޮޑަށް މި ދައްކަނީ. ހިލޭ ޑިގްރީއަކީ ފަސްޓު ޑިގްރީތާ. އެހެންވީމާ ފަސްޓް ޑިގްރީއަކީ ކުއްޖާ މަސައްކަތު މާހައުލަށް ދާން އަޅައިދެވޭ ފައުންޑޭޝަން. އެެހެންވީމާ އޭގައި ވަގުތު އެބަ ދޭންޖެހޭ. ނުއެއް ކިޔެވޭނެ ވަގުތު ނުދެވި. އިންސާނަކަށް މި އޮންނަނީ ދުވާލަކަށް 24 ގަޑިއިރު،" ލީލާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ކޯވިޑްގެ 2ވަނަ ރާޅަށްފަހު ކްލާސްތަކަށް-- ސަން ފޮޓޯ- އިބްރާހިމް އިފާޒް

ރާއްޖޭގައި ފުރަތަމަ ޑިގްރީގެ ކިޔެވުމުގެ ޚަރަދުތައް ސަރުކާރުން ހަމަޖައްސައިދިން ނަމަވެސް ލީލާ ދެކެވަޑައިގަންނަވާ ގޮތުގައި އެއީ މުޅިން ހިލޭ ޑިގްރީއެއް ކަމަށް ގަބޫލުކޮށްގެން ނުވާނެއެވެ.

"އެ ފައިސާއަކީ ރައްޔިތުންގެ ޓެކްސް މަނީއިން ކިޔަވަން ލިބޭ އެއްޗެއް. އެހެންވީމާ އެ މީހުން މި ލާރި މި ދެނީ، މިހުރީއޭ ފައިސާ. ކިޔަވާށޭ ރަނގަޅަށް. އެންޑް ކަމް ސާވް އަސް. އެހެންވީމާ ކިޔެވުމަށް ދަށްކޮށް ވަގުތު ދެވެންޏާ ސުވާލަކީ އެ ކަން ކުރެވޭނެހޭ،" އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ކިޔެވުމުގައި ޒިންމާދާރުވުން ވެސް ވަރަށް މުހިންމެވެ. އަދި ދައުލަތުން ކުރާ ޚަރަދާ އެއް ފެންވަރަށް ތިމާގެ ހުނަރާއި އިލްމު ކުރިއަރުވަން މަސައްކަތް ކުރުމަށް ވެސް ސަމާލުކަން ދޭންޖެހެއެވެ.

ނަމަވެސް ވަޒީފާތަކުން ވެސް ލުއި މަގެއް ހަމަޖެހިފައި އޮތުން އެއީ މުހިންމު ކަމެއް ކަމަށް ގިނަ ދަރިވަރުން ގަބޫލުކުރެއެވެ.

"ޖޮބް އިންޓަވިއުއަކަށް ދިޔަޔަސް އަބަދު ވެސް އަހާނެ ކިޔަވަން ދޭތޯ. ކިޔަވާ ވަހަކަ ބުނެފިއްޔާ ދެން އެ ޖޮބް ނުދޭކަހަލަ ވިސްނުމެއް ކަންނޭނގެ ގެންގުޅެނީ،" ވަޒީފާއެއް ހޯދަމުން އަންނަ، ނަމަވެސް އަދި ނުލިބި ހުރި ދަރިވަރަކު ބުންޏެވެ.

އެހެންކަމުން އަމިއްލަ އިލްމީ ގާބިލްކަމާއި ހުނަރު ކުރިއަރުވަން ބާރު އަޅައި ބައެއްގެ ގޮތުގައި ވަޒީފާ ދޭ މީހުން ވުމަށް ބާރު އެޅުމަށް ވެސް ޚާއްސަ އުސޫލުތަކާއި ގަވައިދުތައް ތައާރަފްކޮށް ތަންފީޒުކުރުމަކީ ކުރެވިދާނެ ކަމެކެވެ.

އެހެން ނޫންނަމަ މަތީ ތައުލީމު އުނގެނެން ކިތަންމެ ބޭނުންވެފައި ހުންނަ ދަރިވަރަށް ވެސް އޮންނާނީ އެތައް ގޮންޖެހުމެކެވެ. އެއާއެކު ކިޔަވާ ކުދިންގެ ހޭދަކުރާ ވަގުތު މަދުވެ، ފެންވަރު ދަށްވެ، އެތައް އަހަރެއް ކިޔަވަން ހޭދަކުރާ މުއްދަތުުން ލިބޭ ފައިދާ އެންމެ ރަނގަޅަށް ނުލިބުމަކީ ވެސް ވެދާނެ ކަމެކެވެ.

ވަޒީފާ އަދައިކުރަމުން އައި ނަމަވެސް ތައުލީމަށް އިސްކަން ދެވޭހެން އެ ދަރިވަރެއްގެ ކަންކަން ރާވަންޖެހެއެވެ.

"ކިޔެވުން މުހިންމީ. ރަނގަޅު ފާހެއް ލިބިއްޖެޔާ ފިއުޗާ ވަރަށް އުޖާލާ ވާނެ،" ލީލާ ވިދާޅުވިއެވެ.