13 Jun 2012, 10:52
މިމަހު މެލޭޝިއާގައި ބާއްވާ އޭއެފްސީ 22 އަހަރުން ދަށުގެ އޭޝިޔަން ޗެމްޕިއަންޝިޕް ކޮލިފައިން މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ 22 އަހަރުން ދަށުގެ ގައުމީ ޓީމް ރޭ ތައިލެންޑަށް ފުރައިފި އެވެ.
ތައިލެންޑުގެ ޓްރޭނިން ދަތުރުގައި 23 ކުޅުންތެރިންގެ ސްކޮޑެއް ހިމަނާފައިވާއިރު، ޓީމުގެ ކޯޗަކަށް ހުރީ ގައުމީ ކޯޗް އިސްތަވާން އުރުބާނީ އެވެ. އަދި ޓީމުގެ މެނޭޖަރަކީ އަހުމަދު އާމިރު(ސަލްސާ އާމިރު) އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްޓަރީ ޝާހު އިސްމާއީލް ވިދާޅުވީ، ތައިލޭންޑަށް ކުރާ ދަތުރުގައި އެގައުމުގައި ޖުމްލަ ތިން މެޗް ކުޅޭނެ ކަމަށެވެ. އެގޮތުން ވީޓްނާމްގެ 22 އަހަރުން ދަށުގެ ޤައުމީ ޓީމާ އެކު ރަހުމަތް ތެރި ކަމުގެ މެޗެއް ރާއްޖެ ޓީމް ކުޅުމަށް ހަމަޖެހިފައިވާ އިރު ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ފިލިޕީންސްގެ 22 އަހަރުން ދަށުގެ ގައުމީ ޓީމާ އެވެ. އަދި ތިން ވަނަ މެޗުގައި ބައްދަލުކުރާނީ ތައިލޭންޑުގެ ކުލަބަކާ ދެކޮޅަށް ކަމަށް ވެސް ސާހް ވިދާޅުވި އެވެ.
މިފަހަރުގެ މުބާރާތުގައި ރާއްޖެ ފަޅީގައި ހިމެނޭ ޓީމް ތަކަކީ އިރާން، ބަހުރޭން، ތަޖިކިސްތާން، ކުވައިތު އަދި ގަތަރެވެ. މުބާރަތުގައި ރާއްޖެ ހިމެނެނީ ގްރޫޕް ސީ ފަޅީގައެވެ.
ކޮލިފައިންގައި ވާދަކުރުމަށް ގައުމީ ޓީމް މެލޭޝިއާ އަށް ފުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ.