18 May 2024, 23:28
ކ. ތިލަފުށިން ފުރައިގެން މ. މެދުފުށި އައިލެންޑް ރިޒޯޓަށް ހަތަރު މީހުންނާއެކު ދަތުރުކުރަމުންދިޔަ ދޯންޏެއް ގެއްލިގެން ހޯދަން ފެށިތާ 24 ގަޑިއިރަށްވުރެ ގިނައިރު ވީއިރު އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނީ AAA-37 ނަމަކަށް ކިޔާ ދޯނި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ އޮޕަރޭޝަންގައި މިއަދު ކަނޑާއި ވައިގެ މަގުން، މީމު އަތޮޅު ރަތްމަންދޫގެ އިރުމަތީ ބިތުން ބޮޑު ސަރަހައްދެއް ބެލި ކަމަށެވެ.
އެގޮތުން ކަނޑާއި ވައިގެމަގުން 4519 ސްކެއާ ނޯޓިކަލް މޭލު ސަރަހައްދެއް ބަލާފައިވާކަމަށް ބުންޏެވެ. ނަމަވެސް އަދި ނުފެނެއެވެ.
އެއާއެކު އެމްއެންޑީއެފުން ބުނީ މި ދޯނިން ދަތުރުކުރީ ބަނގްލަދޭޝް ތިން މީހުންނާއި ދިވެއްސަކާއެކު ޖުމްލަ ހަތަރު މީހުން ކަމަށެވެ.
މުދާ އުފުލާ މި ދޯނި، ކ. ތިލަފުށިން ފުރާފައި ވަނީ އިއްޔެ ހެނދުނު 06:00 ހާއިރު ކަމަށެވެ.
އެމްއެންޑީއެފުން ބުނީ، އެ ދޯނީގެ ޚަބަރެއް ނުވެގެން އެކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)އަށް އިއްޔެ ހަވީރު 17:20 ހާއިރު ލިބިފައިވާ ކަމަށެވެ.
އަދި މިހާރު އެ ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ދަނީ ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
ދޯނި ގެއްލިގެން ހޯދަމުން އަންނަތާ މިހާރު 24 ގަޑިއިރަށްވުރެ ގިނައިރުވަނީ ވެފައެވެ.
މި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މައުލޫމާތު ހިއްސާކުރުމަށް ވެސް އެމްއެންޑީއެފުން ވަނީ އެދިފައެވެ.
މި ދުވަސްވަރު ކުރާ ވިއްސާރައާ ގުޅިގެން ކަނޑުތައް ގަދަވުމުގެ ސަބަބުން މޫސުމާ ބެހޭ އިދާރާއިން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފައެވެ.