13 Jun 2012, 10:49
ފިރިހެން ދެ ވަނަ ޑިވިޝަންގެ، 32 ވަނަ ގައުމީ ބާސްކެޓް ބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗް އެމްއެސް ހެލްޕިން ހޭންޑާއި ވާދަކޮށް 56 ޕޮއިންޓް 43 ޕޮއިންޓުން ޓީސީ ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ ވޮލީކޯޓުގައި ރޭ ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޓީސީއަށް ފަސް ޕޮއިންޓް ހޯދަދިން އަބްދުﷲ އަފްލާހް ސަރީފެވެ.
މުބާރާތުގައި މިހާތަނަށް ޖުމްލަ އަށް މެޗެއް ކުޅެވިފައިވާ އިރު، ޓީސީން ކުޅުނު ހަތަރު މެޗުގެ ތެރެއިން އެ ޓީމް މޮޅުވެފައި ވަނީ ދެ މެޗުން ނެވެ.
ޖުމްލަ ފަސް ޓީމް ވާދަކުރާ މިމުބާރާތުގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެއް ސެމީފައިނަލަށް ދަތުރު ކުރާ ގޮތަށެވެ. އަދި އެ ހަތަރު ޓީމުގެ މެދުގައި ސެމީ ފައިނަލްގެ ތިން މެޗެއް ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދަތުރު ކުރާގޮތަށެވެ.
މުބާރާތުގެ ފުރަތަމަ ބުރުގެ އެންމެ ފަހު ދެ މެޗުގެ ކުޅުން ކުރިއަށް އޮތް އިރު، މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ދިވެހި ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބެވެ. މިރޭ 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ މެޗަށް މި ދެ ޓީމް ނުކުންނަ އިރު، މުބާރާތުގައި އެ ދެޓީމް މިހާތަނަށް ކުޅުނު ތިން މެޗުވެސް ވަނީ ކާމިޔާބު ކޮށްފަ އެވެ.
ފުރަތަމަ ބުރުގެ ފަހު މެޗުގައި މާދަމާ ރޭ ބައްދަލުކުރާ ދެ ޓީމަކީ ވެލެންސިޔާ އާއި އެމްއެސްހެލްޕް ހޭންޑެވެ.
މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.