ބެއިޖިން (18 މެއި 2024) : ރަޝިޔާގެ ރައީސް ވްލަދިމިޔަރ ޕުޓިން ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުޅުގައި އެ ދެ ގައުމުން 17 އެއްބަސްވުމެއްގައި ސޮއިކޮށް އަދި ދެ ގައުމުގެ ދެމުގައި ކުރާ ވިޔަފާރީގެ ހުރިހާ މުއާމަލާތެއް އެމެރިކާ ޑޮލަރާ ނުލައި ކުރުމަށް އެ ދެގައުމުން އެއްބަސްވެއްޖެއެވެ.

ރަޝިއާގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި ޗައިނާއާއި ރަޝިއާ ދެމެދު އަހަރެއްގެ މައްޗަށް 217 ބިލިއަން ޑޮލަރާ އެއްވަރުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރަމުން ގެންދާއިރު މިހާރު ވެސް މީގެ ތެރެއިން 90 އިންސައްތަ މުއާމަލާތްކުރަނީ އެމެރިކާ ޑޮލަރާ ނުލައި ރަޝިއާއާއި ޗައިނާގެ ފައިސާ ބޭނުންކޮށްގެންނެވެ.

ރަޝިއާއާއި ޗައިނާ މިދިޔަ އަހަރުވަނީ އެ ދެގައުމުގެ ފައިސާ ބޭނުންކޮށްގެން އެއްގައުމުން އަނެއްގައުމަށް އޮންލައިންކޮށް ވިޔަފާރީގެ ޕޭމަންޓްތައް ދެއްކޭނެ ޕޭމަންޓް ގޭޓްވޭތައް ގާއިމްކޮށްފައެވެ.

ޕޫޓިން ޗައިނާއަށް ކުރައްވާ ދަތުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައި އެ ދެ ބޭފުޅުންވަނީ އެދެގައުމުގެ ދެމެދުގައި ކުރާ ވިޔަފާރީގެ އެއްވެސް މުއާމަލާތެއް އެމެރިކާ ޑޮލަރުން ނުކުރުމަށް އެއްބަސްވެ ވަޑައިގެންފައެވެ. މިކަން މިއަހަރުގެ ތެރޭގައި ތަންފީޒުކުރުމަށް ވެސްވަނީ އެއްބަސްވެވަޑައިގެންފައެވެ.

ޗައިނާގެ އިތުރުން އިންޑިއާ، ދެކުނު އެފްރިކާ، ބްރަޒިލް، އީރާން، ސައޫދީ، ޔޫއޭއީ ގެ އިތުރުން އެފްރިކާގެ އެތަށް ގައުމަކާއެކު ރަޝިއާކުރާ ވިޔަފާރިއާއި އިގްތިސާދީ މުއާމަލާތްތަކުގައި ވެސް މިހާރުވަނީ ޑޮލަރު ބޭނުންކުރުން މަދުކޮށްފައެވެ.

ރަޝިއާއާއި އީރާނާ ދެމެދުގައި ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި 85 އިންސައްތައަށް އެދެގައުމުގެ ފައިސާ ބޭނުންކުރާއިރު ރަޝިއާއާއި އިންޑިއާއާ ދެމެދުކުރާ ވިޔަފާރީގެ މުއާމަލާތްތަކުގެ ބޮޑުބައެއް ވެސް މިހާރު އަދާކުރަނީ އެ ދެ ގައުމުގެ އަމިއްލަ ފައިސާއިންނެވެ.

ރަޝިއާއަކީ ބްރިކްސްގެ ގައުމުތަކުގެ މެދުގައި ކުރާ ވިޔަފާރީގެ މުއާމަލާތްތައް ޑޮލަރާ ނުލައި ކުރުމަށް ބާރުއަޅައި އެކަމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދާ ގައުމެވެ.

މީގެ އިތުރުން ބްރިކްސްގެ ގައުމުތަކުގެ ވިޔަފާރިއަށް ޚާއްސަ ފައިސާއެއް އުފައްދައި އެ ކަމަށް ޓަކައި ޚާއްސަ ޕޭމަންޓް ގޭޓްވޭއެއް ގާއިމްކުރުމަށް ވެސް ރަޝިއާ ދަނީ ބާރުއަޅައި އެ ކަމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް މި ކަމަށް އަދި އަހަރުތަކެއް ނަގާނެއެވެ.

ޔުކްރެއިން ހަނގުރާމައާ ގުޅިގެން އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކާއެކު އެމެރިކާއާއި ޔޫރަޕްގެ ލީޑަރުން ހީކުރެއްވީ ރަޝިއާގެ އިގްތިސާދު އަހަރެއްހާ ދުވަހުގެ ތެރޭގައި އިނދަޖެހި ހަނގުރާމަ ހުއްޓާލަން ރަޝިއާއަށް މަޖުބޫރުވާނެ ކަމަށެވެ.

ނަމަވެސް ކަންތައް ވެގެންދިޔައީ އެމެރިކާއާއި ޔޫރަޕް ގެ ގައުމުތައް ލަފާކުރިގޮތަކަށް ނޫނެވެ. އަދި އެ ގައުމުތައް ރޭވި ގޮތަކަށް ވެސް ނޫނެވެ.

ޗައިނާއާއި އިންޑިއާ، އަދި އީރާނާއި ދެކުނު އެފްރިކާއާއި ބްރަޒީލް ފަދަ އެތަށް ގައުމަކުން ރަޝިއާއެކު ކުރާ އިގްތިސާދީ މުއާމަލާތްތައް އާދަޔާ ޚިލާފަށް އިތުުރުކުރުމާ ގުޅިގެން ރަޝިއާގެ އިގްތިސާދުވަނީ އިނދަޖެހުމުގެ ބަދަލުގައ ވަރަށްބޮޑަށް ކުރިއަރަން ފަށާފައެވެ. މިއާއެކު ރަޝިއާގެ އިގްތިސާދުގެ ދުވެލިވަނީ އެމެރިކާއާއި ޔޫރަޕްގެ އިގްތިސާދީ ދުވެއްޔަށްވުރެ މައްޗަށް ގޮސްފައެވެ.

އެމެރިކާއާއި ޔޫރަޕުން ރަޝިއާގެ ތެލާއި ގޭސް ނުގަތުމުން އެކަން ފޫބެއްދީ ޗައިނާއާއި އިންޑިއާ އަދި ބްރަޒީލް އިންނެވެ. މި މައްސަލާގައި އެމެރިކާއާއި ޔޫރަޕްގެ ލީޑަރުންވަނީ ވަރަށް ބޮޑަށް މަޔޫސްވެފައެވެ. އެެމެރިކާގެ ޚާރިޖިއްޔާއިންނާއި ޔޫރަޕްގެ އިއްތިހާދުންވަނީ މިކަން ހާމަކޮށްފައެވެ.

ޕޫޓިން ޗައިނާއަށް ކުރައްވާ ދަތުރުފުޅަކީ ތާރީޚީ ދަތުރުފުޅެކެވެ. މިއީ ރިޔާސީ ފަސްވަނަ ދައުރަކަށް ޕޫޓިން މަގާމުގެ ހުވާ ކުރެއްވުމަށްފަހު ބޭރުގައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އަދި ރަޝިއާއާއި ޗައިނާއާދެމެދު ޑިޕްލޮމެޓިކް ގުޅުންތައް އުފެއްދިތާ 75 އަހަރު ފުރުން ވެސް މި ދަތުރުފުޅާ ވަނީ ގުޅިފައެވެ.

މިދިޔަ އަހަރު ޗައިނާގެ ރައީސް ރިޔާސީ އައުދައުރަކަށް މަގާމުގެ ހުވާ ކުރެއްވުމަށްފަހު އެންމެ ފުރަތަމަ ޒިޔާރަތް ކުރެއްވީ ރަޝިއާ އަށެވެ. ރަޝިއާގެ އިތުރުން ޗައިނާއަކީވެސް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރުކުރާ ގައުމެކެވެ.

މި އަސަރުތައް ކުޑަކުރުމަށް ރަޝިއާއެކު އިގްތާދީ ގުޅުންތައް ބަދަހިކުރުން ޗައިނާއަށް ވަރަށް މުހިއްމެވެ.

ރަޝިއާއާއި ޗައިނާގެ ބަދަހިވަމުންދާ ގުޅުންތަކާމެދު އެމެރިކާ ދެކެނީ ވަރަށްބޮޑަށް ކަންބޮޑުވުމުގެ ނަޒަރަކުންނެވެ. އެމެރިކާއަށް ގޮންޖަހާ ކަމުގެ ނަޒަރަކުންނެވެ.

ޗައިނާގެ ޓެކްނޮލޮޖީ އަދި އިގްތިސާދީ ކުރިއެރުން މަޑުޖައްސާލެވޭތޯ އެމެރިކާ ގިނަ ރޭވުންތަކެއް ރާވަމުންދާއިރު އެ ކަންކަމުގައި އެމެރިކާއަށް ކާމިޔާބެއް ނުލިބެއެވެ. ޔުކްރެއިނަށް ހަތިޔާރު ފޯރުކޮށްދީގެން ރަޝިއާ އަސްކަރީ ގޮތުން ބަލިކުރުމަށް އެމެރިކާއާއި ނޭޓޯގެ އެހެން ގައުމުތަކުން ކުރަމުންގެންދާ މަސައްކަތްތައް ވެސް ދަނީ ނާކާމިޔާބުވަމުންނެވެ.

އަނެއްކޮޅުން ދެކުނު ޗައިނާ ކަނޑަށް އަސްކަރީ މަނަވަރުތައް ފޮނުވައިގެންނާއި ޓައިވާނަށް ހަތިޔާރު ފޯރުކޮށްދީގެން ޗައިނާއަށް ޖެއްސުންކުރުމަށް އެމެރިކާ ކުރާ މަސައްކަތްތަކުން ވެސް މަބޮޑު ކާމިޔާބެއް އެމެރިކާއަކަށް ނުލިބެއެވެ.

ޕޫޓިންގެ ޗައިނާ ދަތުރުފުޅާ ގުޅިގެން ޗައިނާގެ ރައީސް ވިދާޅުވެފައިވަނީ ދެ ގައުމު އިތުރަށް ތަރައްގީކުރުމަށާ އަދި ދުނިޔޭގައި ހަމަހަމަ ކަމާއި އިންސާފު ގާއިމުކުރުމަށް ޓަކައި ރަޝިއާ އާއި ޗައިނާގެ ގުޅުންތައް ބަދަހިކުރުން މުހިއްމުކަމުގައެވެ.

މިއީ އެމެރިކާ ދުނިޔޭގައި ގެންގުޅޭ ބޭއިންސާފު، އަދި އަތްގަދަ ކުރުމާއި ދުނިޔޭގެ ގައުމުތަކަށް ބަރާއި ނުފޫޒު ފޯރުވުމުގެ ހަރުކަށި ސިޔާސަތަށް ޝީ ކުރެއްވި އިޝާރާތެއްކަމަށް މުރާސިލުން ބުނެއެވެ.