މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށް ކަމަށް މެޓު އޮފީހުން ބުނެފިއެވެ.

މެޓު އޮފީހުން ބުނީ ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ ހުޅުލެއަށް 63.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ.

ހުޅުލެއަށް ފަހު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އދ. މާމިގިއްޔަށެވެ. އެގޮތުން އެރަށަށް 50.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

ދެން އެންމެ ގިނައިން ވާރޭ ވެހުނީ ލ. މާވަށަށް ކަމަށްވާއިރު އެ ރަށަށް 40.6 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

މި ތިން ރަށަށްވެސް އިއްޔެ ރިކޯޑު އަދަދަކަށް ވާރޭ ވެހިފައިވާއިރު މުޅި ރާއްޖެއަށް ވެސް އިއްޔެ ވިއްސާރަ ކުރިއެވެ.

މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށް ރޭ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ނެރުނު ރީނދޫ ސަމާލު ވަނީ މިއަދުގެ 05:30ގެ ނިޔަލަށް ދަންމައިލައިފައެވެ.

މޫސުން ވަރަށް ގޮސްވެދާނެ ކަމަށް ލަފާކޯށް ދެކުނުގެ ރަށްތަކަށް މިހާރު އޮރެންޖު ސަމާލުވެސް ވަނީ ނެރެފައެވެ.

ހުޅަނގު މޫސުން ފެށި ކޮންމެ އަހަރެއްގެވެސް މެއި ޖޫން އަދި ޖުލައިމަހަކީ ރާއްޖެއަށް މޫސުން ގޯސްވާ ދުވަސްވަރެކެވެ. އެހެންކަމުން މޫސުން ގޯސްވުމާ ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ބަޔާންކޮށް އެންޑީއެމްއޭއިންވެސް ވަނީ އިރުޝާދުތަކެއް ނެރެފައެވެ.

ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަަށް ލަފާކުރެވޭނަމަ ކުރިއާލާ ވައު ފަދަ އެއްޗެހި ބޭނުންކޮށްގެން ފުރާޅު އެއްލާނުލާ ގޮތަކަށް ހައްޔަރުކުރުމާއި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ދަނޑުވެރިކަން ކުރާ މީހުން ގަސްގަހާގެއްސަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށްވެސް އެންޑީއެމްއޭއިން ވަނީ އިރުޝާދު ދީފައެވެ.