ރައްކާތެރި ކަމުގެ ފިޔަވަޅު ނާޅައި މާލޭގެ އިމާރާތެއް މަތީ މަސައްކަތް ކުރި ބަޔަކު މާލެ ސިޓީ ކައުންސިލުން ޖޫރިމަނާ ކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރައްކާތެރިކަމުގެ ފިޔަވަޅުނާޅައި ގަވައިދާ ޚިލާފަށް މަސައްކަތް ކުރަމުން ދިޔަ ބައެއްގެ މަސައްކަތް ހުއްޓުވައި މިހާރު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެމީހުން ޖޫރިމަނާ ކޮށްފައިވަނީ 500 ރުފިޔާއިންނެވެ.

އެކައުންސިލުން ކުރި ޕޯސްޓުގައި ވަނީ މަސައްކަތް ކުރާއިރު އެންމެންވެސް މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމަށް ސަމާލުކަން ދޭން އިލްތިމާސް ކޮށްފައެވެ.

އެ ކައުންސިލުން މިއަދު ކުރި ޕޯސްޓާއެކު ވަނީ ގަވާއިދާ ޚިލާފަށް ރައްކާތެރި ކަމުގެ ފިޔަވަޅުނާޅައި މަޖީދީ މަގުގައި މަސައްކަތް ކުރާ ތަނުގެ ވީޑިއޯވެސް އާންމުކޮށްފައެވެ.

ރައްކާތެރި ކަމުގެ ފިޔަވަޅުނާޅައި މަސައްކަތް ކުރާ އަދި މީހުން ލައްވާ މަސައްކަތް ކުރުވާ މައްސަލައަކީ މިހާރު ވަރަށް އާންމުވެފައިވާ މައްސަލައެކެވެ. ގިނަ ފަހަރު މާލޭގެ އުސް އިމާރާތްތަކުގެ މަސައްކަތްތައް ކުރާއިރުވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން މަސައްކަތް ކުރާތަން ފެންނަނީ ވަރަށް މަދުންނެވެ.

މިގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި މަސައްކަތް ކުރުމުގެ ސަބަބުން މީގެ ކުރިންވެސް ތަފާތު އެކި ކަހަލަ ހާދިސާތައް ހިނގައިފައި އެބަހުއްޓެވެ. އެގޮތުން މީހުންގެ ފުރާނައަށް ނުރައްކާވާފަދަ ހާދިސާތައް ވެސް މިކަމުގެ ސަބަބުން ވަނީ ހިނގައިފައެވެ.