ކުރިއަށް އޮތް ވޮލީ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ސިފައިންގެ ކުލަބުގެ ވޮލީ ޓީމް އިއްޔެގެ ވަގުތެއްގައި އަވައްޓެރި ސްރީލަންކާ އަށް ހިނގައްޖެ އެވެ.

ސިފައިންގެ ކުލަބުން ބުނީ، ލަންކާ އަށް ކުރާ ދަތުރުގައި ނުވަ ދުވަހުގެ ޓްރޭނިން ކޭމްޕެއް އެގަ އުމުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން އެގައުމުގެ ފަސް ޓީމަކާ އެކު ރަހުމަތްތެރިކަމުގެ ފަސް މެޗެއް ވެސް ކުޅޭނެ ކަމަށެވެ.

މިފަހަރުގެ ވޮލީ ސިޒަނަށް ތައްޔާރު ވުމުގެ ގޮތުން ސިފައިންގެ ޓީމުން ވަނީ މިވަގުތު ރާއްޖޭގައި ތިބި އެންމެ މޮޅު ވޮލީ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އިޝާން މުޙައްމަދު (ބަޓިޝް) އާއި ތަޖުރިބާކާރު ވޮލީ ކުޅުންތެރިޔާ އަޙުމަދު ޢަލީ (ކޮނިކާ) އަދި މަޝްހޫރު ސެޓަރު އަޙުމަދު ރަނޭޝް ހޯދައި، ޓީމްގެ ސްކޮޑް ވަރުގަދަ ކޮށްފަ އެވެ.

ވޮލީ ސީޒަނަށް ސިފައިން މިފަހަރު ނުކުންނަ އިރު، އެ ޓީމުގެ ކޯޗެއްގެ ގޮތުގައި އިރުޝާދު ދިނުމަށް މިފަހަރު ވެސް ހުރީ ފާއިތުވެދިޔަ ދެ އަހަރު ސިފައިންނަށް ކޯޗުކޮށްދިން އިބްރާހިމް ރަޝީދު (ސަތޯ) އެވެ.

މިމަހުގެ 24 ވަނަ ދުވަހު ފަށާ މިއަހަރުގެ ވޮލީ ސީޒަނާ ސިފައިން ކުރިމަތިލާ އިރު، އެ ޓީމުގެ އެންމެ ބޮޑު އެއް އަމާޒަކަށް ވެފައި ވަނީ ވޮލީބޯލް އެސޯސިއޭޝަންގެ ތަށި މިފަހަރު މިލްކު ކުރުމަށެވެ.