18 May 2024, 10:02
މުޅި ރާއްޖެއަށް ވިއްސާރަ ކުރަމުންދާއިރު، އަނެއްކާވެސް ބ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.
ރޭ ވެސް މެޓް އޮފީހުން ވަނީ ބ. އަތޮޅުން އައްޑު އަތޮޅަށް 20:00އިން 12:00ގެ ނިޔަލަށް ރީނދޫ ސަމާލު ނެރެފައެވެ.
އަނެއްކާވެސް އެ އިދާރާއިން ބ. އަތޮޅުން އައްޑު އަތޮޅަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 10:00އިން ފެށިގެން މެންދުރު 14:00އާ ހަމަށެވެ.
އެގޮތުން ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
އެ އިދާރާއިން ވަނީ މުޅި ރާއްޖެއަށް ވިއްސާރަކޮށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ވެސް ނެރެފައެވެ. އެގޮތުން ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 06:00އިން ފެށިގެން މެންދުރު 12:00އާ ހަމައަށެވެ.
މި ދުވަސްވަރު ކުރާ ވިއްސާރައާ ގުޅިގެން ކަނޑުތައް ގަދަވުމުގެ ސަބަބުން މޫސުމާ ބެހޭ އިދާރާއިން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފައެވެ.
އަދި، މިއީ ސްކޫލު ބަންދު ދުވަސްވަރަށް ވުމުން ގިނަ ބަޔަކު ދަތުރު ކުރާތީ، މެޓުން ނެރޭ އެލާޓުތަކަށް ސަމާލު ވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.