ގަލޮޅުދަނޑުގައި ހުންނަ ކެރަމް ހޯލްގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ ދެވަނަ އިންޓާ އޮފީސް ކެރަމް މުބާރާތުގައި ޖުމްލަ 15 އޮފީހަކުން ބައިވެރިވެއްޖެ އެވެ.

މުބާރާތުގައި ބައިވެރިވެފައިވާ އޮފީސްތަކަކީ ބެންކް އޮފް މޯލްޑިވްސް، ދިރާގު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް ކަސްޓަމްސް ސާރވިސް، މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއެންޑީއެފް، މޯލްޑިވްްސް ޕޮލިސް ސާރވިސް، އެމްޓީސީސީ، މޯލްޑިވިއަން އެއަރ ޓެކްސީ، މިނިސްޓްރީ އޮފް އެންވަޔަރުމަންޓް އެންޑް އެނާޖީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، އޮފީސް އޮފް ޕްރޮގްރާމް އެންޑް ޕްރޮޖެކްޓްސް، ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން، އަދި ކޮސްޓް ލައިން އިންވެސްޓްމަންޓެވެ.

ކެރަމް އެސޯސިއޭޝަނުން ބުނީ، މުބާރާތުގެ ކުޅުން މިއަދު ފެށުމަށް ހަމަޖެހިފައި ވަނީ ފިރިހެން އަދި އަންހެން ސިންގަލްސް އިވެންޓުގެ މެޗުތަކުންނެވެ.

މީގެ އިތުރުން ފިރިހެން ޑަބަލްސް އަދި އަންހެން ޑަބަލްސް އިވެންޓާއި އޯޕަން ސިންގަލްސް އިވެންޓުގެ އިތުރުން ޓީމް އިވެންޓުގެ މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފައިވާ އިރު، ޓީމް އިވެންޓުގައި ފިރިހެން ފަނަރަ ޓީމާއި އަންހެން ނުވަ ޓީމެއް ވަނީ ބައިވެރިވެފަ އެވެ.

މިދިޔަ އަހަރު ބޭއްވި އެއްވަނަ އިންޓަ އޮފީސް މުބާރާތުގެ ފިރިހެން ޓީމު ޗެމްޕިއަންކަން ހޯދީ އެމްއެންޑީއެފް އެވެ. އަދި އަންހެން ޗެމްޕިއަންކަން ހޯދީ އެސްޓީއޯ އެވެ.